ރައީސް މައުމޫނު ރައީސް ޞާލިޙާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

ޙުސައިން އަފްޝަން 11 މާރިޗު 2020 15:27
Flowers
ރައީސް މައުމޫނު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަނީ/ ފޮޓޯ: ޓުވިޓަރ

ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައިފިއެވެ. 

ރައީސް މައުމޫނު ރައީސް ޞާލިޙާ ބައްދަލުކުރެއްވި ސަބަބެއް ކަމުގައި ރައީސް މައުމޫނު އެބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިވަގުތު ޤައުމީ ފެންވަރުގައި ކަންބޮޑުވުން ހުރި މައްސަލަތަކާމެދު މަޝްވަރާކުރެއްވުން ކަމުގައެވެ. އަދި އެކަންކަމާމެދު މަޝްވަރާކުރައްވަން ވަގުތު ދެއްވީތީ ރައީސް ޞާލިޙަށް ރައީސް މައުމޫނު ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނިވަޑައިގެންނެވި ހާމަކަންބޮޑުކަމާއި ސާފު ސީދާކަން އަގުކުރައްވާ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. 

ރައީސް މައުމޫނުގެ ޓުވީޓުގައި މިބައްދަލުވުމާ ގުޅޭ އިތުރު ތަފުޞީލެއް އަދި ދެބޭފުޅުން މެދުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭ އިތުރު ތަފުޞީލެއް ހާމަކުރައްވާފައިނުވެއެވެ. 

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއެކު، އެންމެންގެ ރައްކާތެރިކަމަށްޓަކައި އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިޚާބު ފަސްކުރަންޖެހޭ ކަމުގައި ރައީސް މައުމޫނުވަނީ ވިދާޅުވެފައެވެ. ނަމަވެސް ވެރިކަންކުރާ އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންވަނީ އިންތިޚާބު ފަސްކުރާ ފަދަ ޙާލަތެއް މެދުވެރިވެފައި ނެތް ކަމުގައި ވިދާޅުވެފައެވެ. 

އަދި މިއަދު އޮތް ކޮމިޓީ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެފައިވަނީ އިންތިޚާބު ފަސްކުރަންޖެހޭ ސަބަބެއް އޮތް ކަމުގައި އެ ކޮމިޝަނުގެ މެންބަރުން ދެކެވަޑައިނުގަންނަވާ ކަމުގައެވެ. އަދި އިންތިޚާބު ފަސްކުރާނަމަ، އިތުރު 30 މިލިއަނެއްހައި ރުފިޔާ ޚަރަދުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު