Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީނު ހުންނެވީ ސާބިތުކަންމަތީ، ކުރަނީ އަސްލެއް ނެތް ތުހުމަތު: ޑރ.ޖަމީލު

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ފުލުހުންގެ އިދާރާއަށް މިއަދު ހާޟިރުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ތަޙުޤީޤަކަށް ކަމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލު އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިފަދައިން ވިދާޅުވީ މިއަދު ފުލުސް އޮފީހަށް ރައީސް ޔާމީނު ޙާޟިރުކޮށް 4 ވަރަކަށް ގަނޑިއިރަށް ހިނގި ޝަރީޢަތާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހަށް މަޢުލޫމާތު ދެއްވަމުންނެވެ. މިއަދު މެންދުރު 2 ޖެހިއިރު ރައީސް ޔާމީނު ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ހިންގި ތަޙުޤީޤު ނިންމާލާފައިވަނީ 5 ޖަހަން އުޅެނިކޮށެވެ.
ޖަމީލު ވިދާޅުވި ގޮތުގައި މިތަޙުޤީޤުގައި އެއްވެސް އައު މައްސަލައެއް ފެންމަތިވެފައިނުވެއެވެ. މިތަޙުޤީޤަކީ މިހާރު ރައީސް ޔާމީނުގެ މައްޗަށް ދަޢުވާކޮށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވާ މަނީ ލޯންޑަރިންގެ ތުހުމަތުގެ ހަވާސާގައި ހުރި ކަންތައްތަކަކާ ގުޅޭ ގޮތުން ހިންގި ތަޙުޤީޤެއް ކަމުގައި ޖަމީލު ވިދާޅުވިއެވެ. އަދި އެއްކަމެއްގައި ރައީސް ޔާމީނުގެ މައްޗަށް ތަޙުޤީޤު ހިންގަނީ އެމަނިކުފާނަކީ މިހާރުގެ ސަރުކާރާ ދެކޮޅަށް ހުންނެވި އެންމެ ވަރުގަދަ ލީޑަރަށް ވުމުން އެމަނިކުފާނަށް ދުއްތުރާކުރުމުގެ ގޮތުންނާއި، ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވުމުން ރައްޔިތުންގެ ސަމާލުކަން ސަރުކާރުގެ ނުކުޅެދުންތެރިކަމުން އެހެން ދިމާލަކަށް އަނބުރައިލުމުގެ ބޭނުމުގައި ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ.
އޭގެ އިތުރަށް ޖަމީލު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތުހުމަތުތައް ބިނާކޮށްފައިވާ ޚިޔާލީ ވާހަކަތަކެއްގެ މައްޗަށެވެ. އަދި ބައެއް ކަންކަން ގުޅުވައިގެން ނެތް ކަންތައްތަކެއް ވުޖޫދުކުރަން އުޅެފައިވާ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ.
ޑރ.ޖަމީލު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީނު ފުލުހަށް ޙާޟިރުކުރަމުންދަނީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ނާޤާބިލުކަމާއި ޤައުމުގައި ހުރި ގިނަ މައްސަލަތަކެއް އޮއްބާލައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ނިޔަތުގައެވެ. އެގޮތުން އެމްއެމްޕީއާރުސީ ޚިޔާނަތާ ގުޅޭ ގޮތުން ރައީސް ޔާމީނުގެ މައްޗަށް ތަޙުޤީޤެއް ހިންގާއިރުގައި މިކަމުގެ އެންމެ އަޑީގައި ތިއްބެވި އަދީބާއި ޒިޔަތުގެ މައްޗަށް ތަޙުޤީޤު ނުހިންގައި ޕްލީ ބާގެއިނެއް ދީގެން އެފަރާތްތައް ރައީސް ޔާމީނާ ދެކޮޅަށް ހެކިވެރިންގެ ގޮތުގައި ބޭނުންކުރަނީ ސިޔާސީ ވާދަވެރިން ނެތިކޮށްލުމުގެ ގޮތުން ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ.
"ދިޔަރެސް" ނޫހުން ރައީސް ޔާމީނު ހުންނެވީ ކިހިނެއްތޯ ސުވާލު ދެންނެވުމުން ޖަމީލު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީގައި ކަމުގައެވެ. އަދި ފުލުހުން ކުރާ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކުރައްވައި ފުލުހުން ކުރިމަތިކުރި ހުރިހާ ސުވާލަކަށްވެސް އެމަނިކުފާނު ޖަވާބުދެއްވި ކަމުގައި ޖަމީލު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ