ފެބްރުއަރީ މަސްތެރޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެއޭ ރައީސް ވިދާޅުވިކަން އަސްލަމަށް އެނގިވަޑައިނުގަންނަވާ!

ހަޔާ ޔޫސުފް 18 ފެބްރުއަރީ 2020 11:50
Flowers
ޕްލޭނިން މިނިސްޓަރު އަސްލަމް. ފޮޓޯ:އަވަސް

މާލެ-ތިލަފުށި ބްރިޖުގެ އަމަލީ މަސައްކަތް މި ހިނގާ ފެބްރުއަރީ މަސްތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިކަމެއް ޕްލޭނިން މިނިސްޓަރު އަސްލަމަށް އެނގިވަޑައިނުގަންނަވާކަން ހާމަވެެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖްލީހަށް ސުވާލުކުރުމަށް އަސްލަމް ހާޒިރުކުރެއްވުމުން، ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ، އެ ބްރިޖުގެ އަމަލީ މަސައްކަތް މިމަހު ފެށޭނެކަމަށް ވިދާޅުވެފައިވާއިރު އޭގެ އެއްވެސް މަސައްކަތެއް ނުފެންނަަކަމަށް ވިދާޅުވެފައެވެ. އޭގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ފެބްރުއަރީ މަސްތެރޭ ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުގެ އެއްވެސް ބޭފުޅަކު ވިދާޅުވެފައި އޮންނާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

"އެއްގޮތަކަށްވެސް މިމަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ވާހަކަ އެއްވެސް ތަނެއްގައި، އަޅުގަނޑުމެން ސަރުކާރުގެ އެއްވެސް ބޭފުޅަކު ވިދާޅުވެފައިވާނެ ކަމަކަށް އޮންނާނެ ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވިނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހް ވަނީ ބްރިޖުގެ ސްޓްރަކްޗާގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަސްތެރޭ ފެށޭނެކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފާއިތުވި އަހަރުގެ ޑިސެމްބަރު މަސް ތެރޭ ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގެ ޕޯޓް، ކޮމާޝަލް ޕޯޓް، ގުޅީފަޅަށް ބަދަލުކުރުން އެއީ، މި ސަރަޙައްދުގައި ހިންގޭނެ އެންމެބޮޑު އެއް މަޝްރޫޢު. ހަމައެއާއެކީގައި، މާލެއާއި ތިލަފުށްޓާ ދޭތެރޭގައި ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް އެއީ ކުރެވޭނެ އެންމެބޮޑު އެއް މަސައްކަތް. މިހާރުވަނީ އެކަމުގެވެސް ޕްރޮޖެކްޓް ކޮންސަލްޓަންސީއަށް ހުޅުވައިލެވި، ޝޯޓްލިސްޓް ކުރެވިފައި. ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ނޮވެންބަރު މަހުގެ ތެރޭގައި ފަށައި، މި އަންނަ އަހަރުގެ ފެބުރުވަރީ މަހުގައި އެތަނުގެ ސްޓްރަކްޗަރގެ މަސައްކަތް ފެށިގެންދާނެ" މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް އަދި ފެށިފައިނުވެއެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ބްރިޖުގެ އެޅުމަށް ކުރަންޖެހޭ ސާވޭތައް ކުރަމުން ގެންދާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު
ހަހަހަ
ސޯލިހަކީ ސަރުކާރާ ބެހޭ މީހެއް ނޫނޯ.