ރައީސް ޔާމީން ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކީ ހިތާމަވެރި ދުވަހެއް: ޑރ.ޝަހީމް

މަރިޔަމް ލީނާ 18 ފެބްރުއަރީ 2020 09:54
Flowers
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެެއަށް ބަދަލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަރިހުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

ރޭ ކުރެއްވި ޓުވީޓެއްގައި ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންއަކީ ދިވެހި ޤައުމަށް ގިނަގުނަ ހިދުމަތް ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާންގެ އަރިހުން އަދަބުވެރިކަމާއި އެކު އެދޭކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކީ ހިތާމަވެރި ދުވަހެއްކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިން ދައުވާ ސާބިތުވާކަމަށް ނިންމައި އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު ގެ ނޮވެމްބަރު މަހުގެ 27 ގައެވެ. އެމަނިކުފާނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެއެވެ. އަދި ރައީސް ޔާމީންގެ ވަކީލުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އިސްތިއުނާފު މަރުހަލާ މިހާރު ކޯޓުގައި ފެށިގެން ކުރިއަށް އެބަދެއެވެ. 

ކިޔުންތެރިންގެ ހިޔާލު