ކަޝްމީރު މައްސަލައާ ގުޅިގެން ދާޚިލީ ކަންކަމާ ނުބެހުމަށް އިންޑިޔާއިން ތުރުކީއަށް އަންގައިފި

ޝިފްޒާން އަހްމަދު 16 ފެބްރުއަރީ 2020 20:24
Flowers

ކަޝްމީރު މައްސަލައާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އިންޑިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އިންޑިޔާއިން ތުރުކީއަށް އިންޒާރުދީފިއެވެ. 

ފާއިތުވި އަހަރުގެ ތެރޭގައި އިންޑިޔާގެ ބާރުގެ ދަށުގައި ކަޝްމީރު ސަރަހައްދަށް އިންޑިޔާގެ ޤާނޫނު އަސާސީން ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތައް ބޮޑުވަޒީރު މޯދީގެ ސަރުކާރުން އުވައިލުމާ ގުޅިގެން އެސަރަހައްދުގެ ހާލަތު ދަށަށްދާތީ އެކަމުގައި ކަންބޮޑުވެވަޑައިގަންނަވާކަން އުރުދުޣާނު ހިއްސާކުރެއްވުމުން އިންޑިޔާއިން އޭނާއަށް ރައްދުދީފައިވެއެވެ. އިންޑިޔާއިންވަނީ ކަޝްމީރުގެ މުވާސަލާތީ ޚިދުމަތްތައް މެދުކަނޑައިލާ، ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވެއެވެ. 

އިންޑިޔާގެ މީޑިޔާތަކުން މަޢުލޫމާތު ޝާއިޢުކޮށްފައިވާ ގޮތުގައި، ޚާރިޖީވުޒާރާގެ ތަރުޖަމާނު ރަވީޝް ކުމާރު ބަޔާނެއްގައި ވިދާޅުވެފައިވަނީ އުރުދުޣާނު ޕާކިސްތާނަށް ހުކުރުދުވަހު ކުރެއްވި ޒިޔާރަތުގައި ޕާކިސްތާނާއި ތުރުކީން އެކީގައި ނެރެފައިވާ ބަޔާނުގައި ހުރި ކަޝްމީރަށް ނިސްބަތްވާ ހުރިހާ ވާހަކަތަކަކަށް އިންކާރުކުރާ ކަމުގައެވެ. އަދި އެވާހަކަތައް ކުށްވެރިކުރާ ކަމުގައެވެ. 

އަދި އެއާއެކު އެބަޔާނުގައި އިންޑިޔާއިން ބުނެފައިވަނީ ޕާކިސްތާނުން އިންޑިޔާއަށް ކުރިމަތިވާ ނިރުނބަވެރިކަމުގެ ނުރައްކާތެރިކަން ތުރުކީގެ ލީޑަރުންނަށް އެނގިވަޑައިނުގަންނަވާ ކަމުގައެވެ. އެހެންކަމުން ތުރުކީގެ ލީޑަރުންނަށް ޙަޤީޤަތްތައް އެނގިވަޑައިނުގަންނަވާ ޙާލުގައި އިންޑިޔާގެ ދާޚިލީ ކަންކަމުގައި ބަސްފުޅު ވިދާޅުވެ ތަދައްޚުލުވެވަޑައި ނުގަތުމަށް މިބަޔާނުގައި ގޮވާލާފައިވެއެވެ. 

ތުރުކީގެ ރައީސް އުރުދުޣާނު ޕާކިސްތާނަށް ވަޑައިގެން ވިދާޅުވެފައިވަނީ އިންޑިޔާއިން ފާއިތުވި އަހަރުތަކުގައި އަމިއްލައަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންގެ އުދާސް ބޮޑުވެ ކެކުޅުން އިތުރުވެފައިވާ ކަމުގައެވެ. އަދި ކަޝްމީރުގެ ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތަކުން މަޙުރޫމުކޮށް އިތުރަށް އެސަރަހައްދުގެ ނުތަނަވަސްކަން ބޮޑުވާ ގޮތަށް އިންޑިޔާއިން އަޅަމުންދާ ފިޔަވަޅުތަކަކީ އެއްވެސް ފަރާތަކަށް ފައިދާވަނިވި ސިޔާސަތެއް ނޫން ކަމުގައިވެސް އުރުދުޣާނު ވިދާޅުވިއެވެ. 

އޭގެ އިތުރަށް އުރުދުޣާން ވިދާޅުވީ ކަޝްމީރު މައްސަލައިގެ ޙައްލަކީ ޢަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ ޙައްލެއް ކަމުގައެވެ. އަދި އަނިޔާވެރިކަމުގެ ތެރެއިން އެފަދަ ޙައްލެއް ނުލިބޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު