ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާޙުތަކާމެދު ދެވަނަ ވިސްނުމަކަށް ދާނަން: ފައްޔާޒު

ޙުސައިން އަފްޝަން 16 ފެބްރުއަރީ 2020 19:15
Flowers
ފޮޓޯ: އަވަސް

ރައްޔިތުން މަޖިލިހަށް ސަރުކާރުން ހުށަހަޅާފައިވާ ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާމެދު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމުގައި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ފައްޔާޒު އިސްމާޢީލު ވިދާޅުވެއްޖެއެވެ. 

ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައުމަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ބަލައިގަންނަވާ ކަމުގައެވެ. އެގޮތުން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނާއި ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ކެނދިކުޅުދޫ ދާއިރާ މެންބަރު އަޙްމަދު ޢީސާ ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވި ބިލަކީ މިހާރު ޢަމަލުކުރެވުމުންދާ ވަޒީފާއާ ބެހޭ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ހުށަހެޅުއްވި ޤާނޫނެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ފައްޔާރު އިތުރަށް ވިދާޅުވެފައިވަނީ ޕްރޮބޭޝަންގެ މުއްދަތާއި ސަލާމުގެ ޗުއްޓީގައި ޞިއްހީ ސަނަދު (އެމްސީ) ހުށަހެޅުން ލާޒިމުވާ ގޮތަށް ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކާމެދު ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރި ކަމުގައެވެ. އަދި އެކަންބޮޑުވުންތަކަކީ ރަނގަޅު ކަންބޮޑުވުންތަކެއް ކަމުގައިވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. 

އަދި ހުށަހެޅިފައިވާ އިޞްލާޙުތަކުން ހޯދުމަށް ބޭނުންވާ ޙައްލުތައް ހޯދުމަށް އިތުރު އެހެން ގޮތަކަށް އެޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައިވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު