އެމްއޭސީއެލްގެ ސީއީއޯކަމަށް ޖީއެމްއާރުގެ ކުރީގެ ސީއީއޯ؟

މަރިޔަމް ލީނާ 16 ފެބްރުއަރީ 2020 18:25
Flowers
އެންޑްރޫ ހެރިސަން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ސީއީއޯ ކަމުގެ މަޤާމަށް ކުރިމަތިލައްވައި އިންޓަވިއުއަށް ޖީއެމްއާރުން ހުޅުލޭ އެއާޕޯޓު ހިންގިއިރު، އެ އެއާޕޯޓުގެ ސީއީއޯއަކަށް ހުންނެވި އެންޑްރޫ ހެރިސަން ރާއްޖެ ވަޑައިގެން އުޅުއްވާކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އެންޑްރޫ ހެރިސަން މިހާރު އުޅުއްވަނީ ޖީއެމްއާރުން ފިލިޕީންސްގައި ހިންގާ އެއާޕޯޓުގެ ސީއީއޯކަމުގެ މަޤާމުގައެވެ. އެންޑްރޫ ވަނީ ރާއްޖެ ވަޑައިގެން ރާއްޖޭގެ ސިޔާސީ ބައެއް އިސް ފަރާތްތަކާއިވެސް ބައްދަލު ކުރައްވާފައެވެ. މިގޮތުން އިޤްިތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް އާއި ބައްދަލު ކުރެއްވިކަމަށްވެއެވެ.

އެމްއޭސީއެލް އިން މިދިޔަ މަހުގެ ފަހުކޮޅު ސީއީއޯއެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. މިގޮތުން އެމްއޭސީއެލްގެ ސީއީއޯއަކަށް ކުރިމަތިލާން ބޭނުން މީހުންގެ ޝަރުތުތަކުގެ ތެރޭގައި އޭވިއޭޝަން ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި އެ މުއްދަތުގައި މެނޭޖްމެންޓް ފެންވަރުގައި 10 އަހަރު އަދި ސީޓޫ ފެންވަރުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. ސީޓޫ ފެންވަރަކީ ސީއީއޯ، ސީއެފްއޯ ފަދަ ކުރިއަށް ޗީފް އަންނަ މަޤާމުތަކެވެ. މީގެ އިތުރުން އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމަކީވެސް ޝަރުތެކެވެ. 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނަގާ ސީއީއޯއަށް މުއްދަތު ހަމަވުމުން އެއްބަސްވުން އާކުރެވޭނެ ކަމަށްވެއެވެ.

އެމްއޭސީއެލް ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވީ އެ ކުންފުނީގެ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. މޫސާ ސޯލިހަކީ ރައީސް ސޯލިހްގެ ބޮޑުބޭބޭފުޅެވެ. އެމްއޭސީއެލްއަށް އާ ސީއީއޯއަކު އައްޔަން ކުރަން އުޅޭއިރު އެ ކުންފުނިން ތަރައްޤީކުރި ސީޕްލޭން ޓާމިނަލް ނުއަގުގައި ޓީއެމްއޭއަށް ދޭން އުޅޭތީ ގިނަ ބަޔަކުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙެެ
މަޖިލިހައްއަންނަންވެސްތިޔަކަހަލަކޮލިފިކޭށަނެއްމާމުހިއްމުދެއްތޯ