ރައީސް ސޯލިހާއި ރައީސް ނަޝީދު އެމްޑީޕީ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވާދެއްވައިފި

އިބްރާހިމް އާދަމް 15 ފެބްރުއަރީ 2020 11:21
Flowers
ރައީސް ސޯލިހް އަދި ރައީސް ނަޝީދު ޕޯސްޓަރު ހަރުކުރެއްވުމުގައި. ފޮޓޯ:އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވާ ދެއްވައިފިއެވެ.

މި ހަރަކާތް ފެށުނީ މިއަދު ހެނދުނު އެމްޑީޕީ ހަރުގެއިންނެވެ. ރައީސް ސޯލިހް އަދި ރައީސް ނަޝީދު ވަނީ އެ ސަރަހައްދުގައި ޕޯސްޓަރު ހަރުކޮށް އަދި މާލޭގެ ބައެއް ގެތަކުގައިވެސް ޕޯސްޓަރު ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ގެ ހަރަކާތުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ އެމްޑީޕީއިން މި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. 
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ކެނޑިޑޭޓުން ތިބީ އެޖެންޑާ19 ތަންފީޒު ކުރަން ބަރާބަރަށް ތައްޔާރުވެގެންކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު އެންމެ ރަނގަޅަށް އެ ޤާނޫނުގައި ބުނާ ކަންކަން ކުރެވޭނީ އެމްޑީޕީ މެމްބަރުންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުން ކުރާ ޝިއާރަކީ "ރަށްވެހި ފަތިސް" އެވެ. 

ކިޔުންތެރިންގެ ހިޔާލު