މަޤާމުން ވަކިކޮށްފާނެ ކަމަށް އިންޒާރު ލިބެމުން ނުދޭ: އޭސީސީގެ ރައީސް

އިބްރާހިމް އާދަމް 14 ފެބްރުއަރީ 2020 16:00
Flowers
އޭސީސީގެ މެމްބަރުން

ޓްރާންސް މޯލްޑިވިއަން އެއާވޭސް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކޮށްފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް ހިންގަމުންދާ މުއާމަލާތް ތަހުގީގު ކުރަމުންދާތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނަށް ފިއްތުންތަށް ކުރިމަތި ނުވާކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވެފައިވަނީ، އޭސީސީގެ މެމްބަރުންނަށް އިންޒާރު ލިބެމުންދާކަމަށް ބުނެ "ދިޔަރެސް" ނޫހުން ލިޔުނު ހަބަރަކަށް ޓުވިޓާގައި ރައްދު ދެއްވަމުންނެވެ. ޝިއުނާ ވިދާޅުވެފައިވާ ގޮތުގައި، އެ މައްސަލައާއި ގުޅިގެން އެއްވެސް މެމްބަރަކަށް އިންޒާރު ލިބިފައިނުވާކަމަށެވެ. އަދި އެ މަސައްކަތަށް ނުފޫޒުފޯރުވަންވެސް އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައި ނުވާކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާ ބިރު ދައްކަން އުޅޭނަމަ އެކަން ހާމަކުރައްވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ މިހެން ވިދާޅުވިނަމަވެސް "ދިޔަރެސް" އަށް އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަނުގެ މެމްބަރުންނަށް ސަރުކާރާއި ވެރިކަން ކުރާ ޕާޓީގެ އިސްވެރިން ދަނީ ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. ޤާނޫނުގައި އޮންނަ ގޮތުން މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖްލީހަށް ލިބިގެންވެއެވެ.

އޭސީސީއިން، ސީޕްލޭން ޓާމިނަލްގެ މައްސަލާގައި ޖިނާއީ ތަހުގީގެެއް ފަށާފައިވާއިރު، އެ މައްސަލާގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އާންމު ފަރާތަކުން ވަނީ އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުން އޭސީސީއިން ކުރާ ޖިނާއީ ތަހުގީގު ރައްދުވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުން އިސްވެރިންގެ އާއިލީ ބޭފުޅުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެމްއޭސީއެލްގެ އެކްޓިން އެމްޑީ އަކީ ރައީސް އިބްރާހިމް ސޯލިހްގެ ބޮޑު ބޭބޭފުޅެވެ. އަދި އެ ކުންފުނީގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީނަކީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ޅިޔަނެކެވެ.

މިހުރިހާ ސަބަބުތަކާއި ހުރެ އޭސީސީއަށް ދަނީ މި މައްސަލަ ބެލުމަށް ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިވަމުންކަމަށް މައުލޫމާތު ލިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ކެހޭ
ރޮޓިޔާ އޭ ކިޔާ ބަލަ ހުސް ކެސް އާލާތުން
ބަކުރު
ހަމަ އެއްބައެއް ދޯ މިއުޅެނީ. ސާބަހޭ. މީތޯ ރާއްޖެއަށް ޕާޓީ ސިސްޓަމް ޑިމޮކްރަސީ ގެނައިމަ ރާއްޖެއަށް ލިބުނު ކުރިއެރުމަކީ؟