ހަރުކަށި ފިކުރަށް ހިތްވަރު ނުދިނުމަށް އިސްލާމިކް މިނިސްޓްރީއިން ރާއްޖޭގެ ޢިލްމުވެރިންނަށް އިލްތިމާސްކޮށްފި

ޙުސައިން އަފްޝަން 19 ޑިސެމްބަރު 2019 13:01
Flowers

އިސްލާމިކް މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތަށް އިސްކަންދިނުމަށާއި، ދީނީ ގޮތުން ބައިބައިވުމާއި ނުތަނަވަސްކަން އުފެއްދުމާއި، ދީނުގެ ނަމުގައި ލާއިންސާނީ ޢަމަލުތައް ހިންގުމާއި، ޓެރަރިޒަމަށް ވާގިވެރިވެ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުންފަ ހުރިހާ ކަމަކުން ހުރިހާ ރައްޔިތުން އަދި ޚާއްޞަކޮށް ޢިލްމުވެރިން ދުރުވެ ތިބުމަށް އެވުޒާރާއިން އިލްތިމާސްކޮށްފިއެވެ. 

އެވުޒާރާއިން ޓުވިޓަރގައި ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ މުޖުތަމަޢުގެ ޢާންމު މަޞްލަޙަތަށް ހެދިފައި ހުންނަ ޤާނޫނުތައް ބަލައިނުގަތުމާއި ޖަމާޢަތާ ވަކިވެ އެކަހެރިވެގަތުމާއި، ތަޢުލީމާއި ޞިއްޙީ ވަސީލަތްތަކުން ދަރިން މަހުރޫމުކުރުމާއި، ޝަރުޢީ ކާވެނީގެ މިންގަނޑުތަކުގެ ބޭރުން ކާވެނިކުރުމާއި، އެހެން މީހުންގެ މުދަލާއި ލޭ ހަލާލުކުރާ ހަރުކަށި ފިކުރަކީ އިސްލާމްދީނުގެ ނަމުގައި ފަތުރައިގެންވާނެ ފިކުރެއް ނޫން ކަމުގައެވެ. 

އަދި އިސްލާމްދީނުގެ ނަމުގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން ހަރުކަށި ފިކުރު ޢާންމުވެ، ބޭރުގެ ޤައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވެ، އިސްލާމްދީނުގެ އަލި ޞޫރަ ކިލަނބުވުމަށް އެއްވެސް ދިވެއްސަކު ޖާގަ ދީގެން ނުވާނެ ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ. 

އަދި އިސްލާމްދީނާ ބެހޭ ކަންކަމުގައި ދީނީ ޢިލްމުވެރިން އަރިހުން އެކަމުގެ ޞައްޙަ މަޢުލޫމާތު ހޯދައި އޮޅުންފިލުވުމަށްވެސް މިބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް ދީނީ ޢިލްމުވެރިންނަށްވެސް މިބަޔާނުގައި ގޮވާލާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު