Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ތިލަފުށި ބްރިޖުގެ މަސައްކަތް ފެބްރުއަރީ މަހު ފެށޭނެ ކަމަށް ރައީސް ވިދާޅުވީ އެ މަސައްކަތް ޓެންޑަރަށްވެސް ނުލައިކަން ހާމަވެއްޖެ

މާލެ އާއި ތިލަފުށި ގުޅާލުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖުގެ ސްޓަރްކްޗަރ ގެ މަސައްކަތް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭ ފެށޭނެ ކަމަށް ރައީސް ސޯލިހު މިއަަހަރުގެ ޖުލައި މަސްތެރޭ އިއުލާން ކުރެއްވީ އެ ބްރިޖު އެޅުމަށް ޓެންޑާވެސް ނުކޮށްކަން ހާމަވެއްޖެއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީއިން ދަރުބާރުގޭގައި ބޭއްވި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖާއި ގުޅޭ މަހާސިންތާގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވަނީ މިހާރު ބްރިޖުގެ މަސައްކަތް ޓެންޑަރަށް ލުމަށް ވާނެޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ބްރިޖުގެ އަމަލީ މަސައްކަތް ފަށައިގަނެވޭނީ އަންނަ އަހަރުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުގައި މިއަަހަރު ނޮވެމްބަރު މަސްތެރޭގައި ބްރިޖު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެއެވެ. އަދި ބްރިޖުގެ ސްޓަރަކްޗަރގެ މަސައްކަތް ފެބްރުއަރީ މަސްތެރޭ ފެށޭނެ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. މިއަދު މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަތަކަށް ބަލާއިރު، ބްރިޖު އެޅުމަށް އަދި އެއްވެސް ބަޔަކާއި ހަވާލު ނުކުރެއެވެ. އެހެން ކަމުން ރައީސް ވިދާޅުވި ގޮތަށް ފެބްރުއަރީ މަސްތެރޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަކީ ނާދިރު ކަމެކެވެ.
ބްރިޖު އަޅަން އެއްވެސް ބަޔަކާއި ހަވާލުނުކޮށް ބްރިޖުގެ ސްޓްރަކްޗަރ ފެށޭނެ ތާރީހު ރައީސް އިއުލާން ކުރެއްވުމުން މީގެ ކުރިންވެސް ގިނަބަޔަކު އެކަމާއި ސުވާލު އުފެއްދިއެވެ. ސަބަބަކީ އެފަދަ ބޮޑު މަސައްކަތެއް ކުރާއިރު ފުރަތަމަ ކުރަންޖެހޭ ގިނަ ދިރާސާތަކެއްވެސް ހުންނާނެތީ، އެފަދަ އެއްވެސް ކަމެއް ނުކޮށް އެ މަސައްކަތް ފެށޭނެ ތާރީހު އެނގުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.
މީގެ އިތުރުން ބްރިޖަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަސްތެރޭ ފެށޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެ މަސައްކަތް އަދި ނުފެށޭކަން ފާހަގަކޮށެލެވެއެވެ.
ރައީސް ސޯލިހް މިގޮތަށް ބްރިޖުގެ ވާހަކަ އިއުލާން ކުރެއްވި ނަމަވެސް މިދިޔަ އަހަރުގެ އިންތިހާބުގެ ތެރޭ ބްރިޖު އެޅުމާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަ އެމަނިކުފާނު ނިސްބަތްވާ ޕާޓީއިން ދެއްކިކަން ފާހަގަކުރެވެއެވެ. މިގޮތުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީވެސް ބޭކާރު ކަމެއް ކަމަށް ވިދާޅުވި ގިނަ ބޭފުޅުންގެ ތެރޭގައި މިހާރުގެ ކެބިނެޓު މިނިސްޓަރުން ވެސް ހިމެނެއެވެ. އަދި އުމްރާނީ ތަރައްޤީއަށް ވުރެ މުހިންމީ އިންސާނީ ތަރައްޤީ ކަމުގައިވެސް އޭރު އެފަރާތްތަކުން ފާހަގަކުރިއެވެ. ނަމަވެސް ވެރިކަމާއި ހަވާލުވުމަށް ފަހު ސަރުކާރުގެ ރާގުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިގޮތުން ގުޅީފަޅު، މާލެ، ވިލިނގިލި، އަދި ތިލަފުށި ބްރިޖު ތަކަކުން ގުޅާލަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާންކުރިއެވެ. މި މަޝްރޫއަކީ ކުރީގެ ރައީސް ޔާމީން، އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ކެމްޕެއިނުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނިކަމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ކުރީ ސަރުކާރު ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވަނީ އެ މަޝްރޫއަކީ ފީސިބިލިޓީ ސްޓަޑީ ހެދި، އެކަމަށް ބޭނުންވާ ފައިނޭސް ހޯދުމުގެވެސް ގިނަ މަސައްކަތްތަކެއް ނިމިފައިވާ މަޝްރޫއެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ