Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްޕީއެލްއިން މުދަލާއި ޚިދުމަތް ހޯދުމުގައި ބޮޑެތި ގޯސްތައް ހަދާފައިވާކަން އޮޑިޓް ރިޕޯޓުން އެނގިއްޖެ

2015ވަނަ އަހަރުން ފެށިގެން 2017ވަނަ އަހަރުގެ މަހުގެ ނިޔަލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކޮމްޕެނީއިން މުދަލާއި ޚިދުމަތް ހޯދުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާކަން އެމުއްދަތުގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އެގޮތުން ޢާންމުކޮށް ބީލަމަށް ހުޅުވާލައިގެން ގަންނަން ޖެހޭ މުދަލާއި ހޯދަން ޖެހޭ 86.1 މިލިއަން ރުފިޔާގެ ޚިދުމަތާއި މުދާ ބިޑުކުރުމަކާ ނުލައި ހޯދާފައިވާކަން އޮޑިޓު ރިޕޯޓުން ފާހަގަކުރެވިފައިވެއެވެ.
އޭގެ އިތުރުން ތިލަފުށީގައި ހުންނަ އެމްޕީއެލްގެ ބޯޓުޔާޑުގެ ގާތުން 20 ހާސް އަކަފޫޓުގެ ބިމަކާއި 12 ހާސް އަކަފޫޓުގެ ބިމެއްގެ ލީސިން ޙައްޤުތައް 14.9 މިލިއަން ރުފިޔާގެ އަގަކަށް ގަނެފައިވާ ކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެބިންތަކުގެ ރައިޓްސް ގަނެފައިވީނަމަވެސް 2018ވަނަ އަހަރުގެ ނިޔަލަށްވެސް އެބިންތަކުގެ ބޭނުން އެމްޕީއެލުން ހިފާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެޙައްޤުތައް ގަނެފައިވަނީ އެޙައްޤުތަކުގެ މުއްދަތު ހަމަވުމާ ވަރަށް ގާތްވެފައިވަނިކޮށް ކަމުގައިވެސް ރިޕޯޓުން ހާމަކޮށްފައިވެއެވެ. އަދި އެޑްވާންސް ފައިސާ އެމްޕީއެލުން ދައްކާފައިވީނަމަވެސް، އޭގެ ތެރެއިން އެއް ބިމުގެ ލީސިން ރައިޓްސް އެމްޕީއެލުގެ ނަން މައްޗަށް ބަދަލުކޮށްފައިނުވާކަމާއި އެމްޕީއެލުން ދެއްކި ފައިސާ އަނބުރާ އެކުންފުންޏަށް ލިބިފައިނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސިންގަޕޫރު ކުންފުންޏަކުން 700،000 ޑޮލަރަށް ގަތުމަށް އެމްޕީއެލުން އެއްބަސްވި ލޭންޑިން ކުރާފްޓުގެ ޞިފަތަކާއި ސިންގަޕޫރު ކުންފުނިން ފޯރުކޮށްދިން އުޅަނދުގެ ޞިފަތައް އެއްގޮތްނުވުމުގެ ސަބަބުން އެއުޅަނދާ ހަވާލުވުމަށް އެމްޕީއެލުން ދެކޮޅު ހަދާފައިވުމާއެކު، އެމުޢާމަލާތުގެ އެޑުވާންސުގެ ގޮތުގައި ދިން 428،000 ޑޮލަރު އަނބުރައި އެމްޕީއެލަށް ލިބިފައި ނެތްކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްޕީއެލުން ގަނެފައިވާ 18 އޭސީއެއްގެ މައްސަލަވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އޭސީތައް ގަނެފައިވަނީ ރާއްޖޭގެ ބާޒާރުގަައި އެފަދަ އޭސީގެ އަގުތައް ހުރި މިންވަރަށްވުރެ 428،065 ރުފިޔާ އަގުބޮޑުކޮށް ބިޑުކުރުމެއްނެތި ކަމުގައިވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްޕީއެލް އާއި ދެކޮޅަށް ހުށަހެޅުނު ޤާނޫނީ މައްސަލަތަކެއްގައި ޤަނޫނީ ވަކީލެއް ނަގާފައިވަނީވެސް ހުޅުވައިލުމަކާ ނުލައި ގިނަ ފަރާތްތަކެއްގެ ހުށަހެޅުމަށް ބެލުމެއް ނެތިކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކުންފުނިން 6.9 މިލިއަން ރުފިޔާއަށް ގެނެފައިވާ ދޯންޏެއް އެއްވެސް ބޭނުމެއްނުކޮށް ބާއްވާފައި އޮންނަތާ 2 އަހަރާއި 4 މަސްދުވަސް ފާއިތުވިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކުންފުނިން ހަވާލުކުރި މަސައްކަތްތަކެއްގެ އެޑުވާންސްގެ ގޮތުގައި ޤަވާޢިދުގެ ތެރެއިން ދޭންޖެހޭ މިންވަރަށްވުރެ 37.60 މިލިއަން ރުފިޔާ ދީފައިވާކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ