ބަޖެޓު ދިރާސާ ކޮމިޓީގެ ރިޕޯޓު ހުށަހެޅުން މާދަމާ

މަރިޔަމް ލީނާ 2 ޑިސެމްބަރު 2019 23:13
Flowers
ރައްޔިތުންގެ މަޖްލީސް

މި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖްލީހަށް ހުށަހެޅި 37.8 ބިލިއަން ރުފިޔާގެ ބަޖެޓު، މަޖްލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއިން ދިރާސާކޮށް ނިންމައި އެކަމުގެ ރިޕޯޓު މާދަމާގެ މަޖްލީހުގެ ޖަލްސާގައި ހުށަހެޅުމަށ އެޖެންޑާކޮށްފިއެވެ. 

އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މަޖްލީސް މެމްބަރަކަށް ވެސް 7 މިނިޓު ލިބިވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީއިން ވަނީ ސަރުކާރުން ހުށަހެޅި ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. މިއީ މުޅިންހެން ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާކަމަށް މައުލޫމާތު ލިބެއެވެ. އަދި އިތުރު ކުރި ބަޔަށް ފައިސާ ހޯދަން ނިންމާފައިވަނީ ޓްރެޝަރީ ބިލު ވިއްކައިގެންނެވެ. 

މި އަހަރު ސަރުކާރުން ހުށަހަޅާފައިވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެކެވެ. މި ބަޖެޓުގެ 5.6 ބިލިއަން ރުފިޔާ އަކީ ދަރަންޏެވެ. އަދި އާމްދަނީގެ ގޮތުގައި އަންދާޒާ ކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާއެވެ. އަދި ޖުމްލަ ހަރަދަކީ 35.6 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުގެ 14 އިންސައްތަ އަކީ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ ފައިސާއެވެ.

އާންމު ގޮތެއްގައި އަންދާޒާ ކުރާވަރަށް އާމްދަނީ ވެސް ހިލޭ އެހިީވެސް ނުލިބެއެވެ. މިއަހަރަށް އަންދާޒާ ކުރި އަދަދުގެ 40 އިންސައްތަވެސް ހިލޭ އެހީގެ ގޮތުގައި ނުލިބެއެވެ. އަދި އެހެން ކަމުން މިހާ ބޮޑު އަދަދެއް އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާތީ ބައެއް އިޤްތިސާދީ މާހިރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު