ދަގަނޑު ޖަލެއް ގެނައުމަށް 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ގޮތް ތަޙުޤީޤުކުރަން އޮޑިޓަރ ޖެނެރަލް އަންގަވައިފި

ޙުސައިން އަފްޝަން 2 ޑިސެމްބަރު 2019 21:49
Flowers
ފޮޓޯ: ސަން

ރާވާ ބާވަތުގެ ދަގަނޑު ޖަލެއް ގަނެ، ރާއްޖެ ގެނައުމަށް ޖުމްލަ 16 މިލިއަން ރުފިޔާ ކުރީ ސަރުކާރުން ޚަރަދުކޮށްފައިވާ ގޮތުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެކަންކަން ތަޙުޤީޤުކުރުމަށް އޮޑިޓަރ ޖެނެރަލް އިލްތިމާސްކުރައްވާފައިވާކަން، ހޯމް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ތިލަވެއްޖެއެވެ.

2016ވަނަ އަހަރު ހޯމް މިނިސްޓްރީ އޮޑިޓުކޮށް އޮޑިޓަރ ޖެނެރަލް އޮފީހުން އެކުލަވައިލި ރިޕޯޓު މިއަދުވަނީ ޢާންމުކޮށްފައެވެ. އެރިޕޯޓުގައިވާ ގޮތުން ހޯމްމިނިސްޓުރީގެ ދަށުން ހިންގާ ކަރެކްޝަނަލް ސަރވިސަސްގެ ބޭނުމަށް އެއްތަނުން އަނެއް ތަނަށް އުފުލޭ ދަގަނޑު ޖަލެއް ގެނައުމަށް އެޑްވާންސްގެ ގޮތުގައި 9.54 މިލިއަން ރުފިޔާ ދީފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޚިލާފަށެވެ. އޮޑިޓު ރިޕޯޓުގައި މިފައިސާ ދޫކޮށްފައިވަނީ މާލިއްޔަތު ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދާ ޚިލާފަށް ކަމުގައި ކަނޑައަޅާފައެވެ.

އަދި މިޖަލު ބެހެއްޓުމަށް 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމުގައިވެސް އެރިޕޯޓުގައި ބުނެފައިވެއެވެ. އެރިޕޯޓުގައި ބުނެފައިވަނީ އެފައިސާ ޚަރަދުކޮށްފައިވަނީ ބިޑުކުރުމަކާނުލައި އަދި އިކޮނޮމިކް ކައުންސިލުގެ ހުއްދައެއްވެސް ހޯދުމެއް ނެތިއެވެ. މާލިއްޔަތު ޤާނޫނުގައި ބުނެފައިވާ ގޮތުން 1.5 މިލިއަން ރުފިޔާއަށްވުރެ އަގުހުރި އެއްވެސް މަޝްރޫޢެއް ޓެންޑަރ ބޯޑަށް ހުށަހަޅައި، ވާދަވެރި ބީލަމަކަށް ގޮސްގެން މެނުވީ އެއްވެސް ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.

އަދި ހޯމްމިނިސްޓްރީއިން ތައްޔާރުކޮށްފައިވާ މާލީ ބަޔާންތަކަކީ ބައިނަލްއަޤުވާމީ އެކައުންޓިން މިންގަނޑުތަކަށް ނުފެތޭ ބަޔާންތަކެއް ކަމުގައިވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުރާ ޚަރަދުތައް މާލިއްޔަތު ޤާނޫނުގައިވާ އުޞޫލުތަކާ އެއްގޮތަށް ކުރުމަށްވެސް އޮޑިޓު ރިޕޯޓުގައި އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު