މަޖްލީހަށް ހުށަހެޅުމަށް 4 ބިލެއް ރައީސް އޮފީހަށް ފޮނުވައިފި
ސަރުކާރުގެ ފަރާތުން މަޖްލީހަށް ހުށަހެޅުމަށްޓަކައި 4 ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވައިފިއެވެ.
މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވީ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލުގެ އިތުރުން ނަފްސާނީ ސިއްހަތުގެ ބިލް އަދި އެއް މެދު އިމާރާތުގެ ބިލެވެ.
މިގޮތުން ތައުލީމާއި ބެހޭ ބިލަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްޤު ފުރިހަމައަށް ލިބިދިނުމަށްޓަކައި، ޤާނޫނީ އޮނިގަނޑެއް ޤާއިމް ކުރުމާއި، ދަރިވަރުންގެ ހައްޤުތަކާއި ދައުލަތާއި، ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާ އެކު ތައުލީމު ދިނުމާ ބެހޭ ހަމަތައް ކަނޑައަޅާ ބިލެކެވެ.
އަދި މަތީ ތައުލީމުގެ ބިލަކީ ރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާނެ އުސޫލުތައް ކަނޑައަޅައި، މަތީ ތައުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި އެފަދަ ތައުލީމު ދޭ މަރުކަޒުތައް މޮނީޓަރކޮށް އެތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެކުލަވާލި ބިލެކެވެ.
ނަފްސާނީ ސިއްހަތުގެ ބިލަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކޮށް އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ދައުލަތުގެ ހަރަދުގައި ފަރުވާ ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ގޮތުން އެކުލަވާލި ބިލެކެވެ.
މީގެއިތުރުން އެއް މެދު އިމާރާތުގެ ބިލަކީ ރާއްޖޭގައި އިމާރާތްކުރާ އިމާރާތްތައް އެއް މެދު އިމާރާތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ދިނުމާ ބެހޭ އުސޫލުތަކާއި އެއް މެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކޮށް ދިނުމާއި ގަނެވިއްކުމާއި ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރެއެވެ