ރައީސް ވައުދުވި ގޮތަށް މާލެ-ތިލަފުށި ބްރިޖަށް ބިން ހިއްކަން ނޮވެމްބަރު މަސް ނިމުނު އިރުވެސް ނުފެށުނު

އަހްމަދު އަޒާން 1 ޑިސެމްބަރު 2019 21:07
Flowers
ރައީސް ސޯލިހް. ފޮޓޯ:ރައީސް އޮފީސް

މާލެ އާއި ތިލަފުށި ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ކަމެކެވެ. މިދިޔަ ޖުލައި މަހުގެ 4 ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ފާއިތުވި ނޮވެމްބަރު މަސްތެރޭ އެކަމަށް ބޭނުންވާ ބިން ހިއްކަން ފެށޭނެ ކަމުގައިވިދާޅުވެފައެވެ.

އަދި ބިން ހިއްކައި މި ފެށޭ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭ ބްރިޖުގެ ސްޓްރަކްޗަރގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހް ވަނީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނޮވެމްބަރު މަސް ނިމުނު އިރުވެސް މީގެ އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ފެށިފައިނުވެއެވެ. 

ގުޅީފަޅުގެ ހިއްކުމުގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް އާއި ހަވާލު ކުރެވުނު ވާހަކަ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެފަދަ ބޮޑު މަޝްރޫއެއް ބިޑަކާއި ނުލާއި ބަޔަކަށް ދިނުމުން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އޭރު އެކަމުގައި އުފެދުނެވެ. އަދި އެ މަޝްރޫއު ބޮސްކާލިސް އަށް ދިންގޮތް މަޖްލީހުންވެސް ވަނީ ބަލަން ނިންމާފައެވެ. ތިލަފުށީގައި ހިއްކުމުގެ މަސައްކަތެއް އަދި މިހާތަނަށް އެއްވެސް ވަރަކަށް ކޮށްފައިނުވެއެވެ.

"މާލޭގެ ޕޯޓް، ކޮމާޝަލް ޕޯޓް، ގުޅީފަޅަށް ބަދަލުކުރުން އެއީ، މި ސަރަޙައްދުގައި ހިންގޭނެ އެންމެބޮޑު އެއް މަޝްރޫޢު. ހަމައެއާއެކީގައި، މާލެއާއި ތިލަފުށްޓާ ދޭތެރޭގައި ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް އެއީ ކުރެވޭނެ އެންމެބޮޑު އެއް މަސައްކަތް. މިހާރުވަނީ އެކަމުގެވެސް ޕްރޮޖެކްޓް ކޮންސަލްޓަންސީއަށް ހުޅުވައިލެވި، ޝޯޓްލިސްޓް ކުރެވިފައި. ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ނޮވެންބަރު މަހުގެ ތެރޭގައި ފަށައި، މި އަންނަ އަހަރުގެ ފެބުރުވަރީ މަހުގައި އެތަނުގެ ސްޓްރަކްޗަރގެ މަސައްކަތް ފެށިގެންދާނެ" ރައީސް ސޯލިހްް އޭރު ވިދާޅުވިއެވެ.

ރައީސް ސޯލިހް އޭރު އެހެން ވިދާޅުވުމުން ވެސް ގިނަބަޔަކު އެއީ ވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. ސަބަބަކީ ބްރިޖެއް ހަދަން އެއްވެސް ކަހަލަ ދިރާސާއެއް ނުކޮށް، އެ ބްރިޖުގެ ސްޓްރަކްޗަރގެ މަސައްކަތް ފެށޭނެ ތާރީހެއް ބުނުމަކީ މަދަނީ އިންޖިނިއަރުންނަށްވެސް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އަދި ރައީސް ސޯލިހް އެ މަޝްރޫއު އިއުލާން ކުރެއްވި އިރުވެސް، އެއްވެސް ބަޔަކަށް އެ މަސައްކަތް ކުރަން ހަވާލުކޮށްފައިވެސް ނުވާތީއެވެ. 

ރައީސް ސޯލިހް މިގޮތަށް ބްރިޖުގެ ވާހަކަ އިއުލާން ކުރެއްވި ނަމަވެސް މިދިޔަ އަހަރުގެ އިންތިހާބުގެ ތެރޭ ބްރިޖު އެޅުމާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަ އެމަނިކުފާނު ނިސްބަތްވާ ޕާޓީއިން ދެއްކިކަން ފާހަގަކުރެވެއެވެ. މިގޮތުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީވެސް ބޭކާރު ކަމެއް ކަމަށް ވިދާޅުވި ގިނަ ބޭފުޅުންގެ ތެރޭގައި މިހާރުގެ ކެބިނެޓު މިނިސްޓަރުން ވެސް ހިމެނެއެވެ. އަދި އުމްރާނީ ތަރައްޤީއަށް ވުރެ މުހިންމީ އިންސާނީ ތަރައްޤީ ކަމުގައިވެސް އޭރު އެފަރާތްތަކުން ފާހަގަކުރިއެވެ. ނަމަވެސް ވެރިކަމާއި ހަވާލުވުމަށް ފަހު ސަރުކާރުގެ ރާގުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިގޮތުން ގުޅީފަޅު، މާލެ، ވިލިނގިލި، އަދި ތިލަފުށި ބްރިޖު ތަކަކުން ގުޅާލަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާންކުރިއެވެ. މި މަޝްރޫއަކީ ކުރީގެ ރައީސް ޔާމީން، އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ކެމްޕެއިނުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނިކަމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ކުރީ ސަރުކާރު ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވަނީ އެ މަޝްރޫއަކީ ފީސިބިލިޓީ ސްޓަޑީ ހެދި، އެކަމަށް ބޭނުންވާ ފައިނޭސް ހޯދުމުގެވެސް ގިނަ މަސައްކަތްތަކެއް ނިމިފައިވާ މަޝްރޫއެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު