Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައީސް ޔާމީން ވިދާޅުވި "މިނިކާ ބާޒު" ތަކަކީ ކޮބާ؟

ޤާސިމް އިބްރާހިމް އަދި ނާޒިމް. ފޮޓޯ:ސަން
މިވަގުތު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ހަމައެކަނި ބުރަދަންހުރި ލީޑަރަކީ ރައީސް ޔާމީނެވެ. އިއްޔެ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ، 5 އަހަރުދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ. އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނަކީ ގިނަ ރައްޔިތުންތަކެއްގެ ތާއީދު އޮތް ކޯލިޝަނެކެވެ. އެކަން އެކޯލިޝަނުން އެންމެ ފަހުން ކާނިވަލުގައި ބޭއްވި އެއްވުމުގައި ދައްކާފައިވެއެވެ. ރައީސް ޔާމީނު މިނިވަންކަންމަތީ ހުންނެވިނަމަވެސް އެމަނިކުފާނު ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހުރަގޭގައި ހުންނެވިނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޢާންމު މެންބަރުންގެ ލޯތްބާއި އިތުބާރު އޮތީ އެމަނިކުފާނަށެވެ.
އެމަނިކުފާނުގެ ޝަރީޢަތުގެ ޙުކުމް އިއްވުމަށް ތާވަލުކުރެވިފައި އޮތް ދުވަހުގެ ކުރީ ރޭ އެމަނިކުފާނަށް ތާއީދުކުރާ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ، ޕީޕީއެމް އަދި ޕީއެންސީގެ ޤިޔާދަތާ ހަވާލުވުމުގެ ޝައުޤުވެރިކަން ބައެއްގެ ކިބައިގައި ހުރި ކަމާއި، އެމަނިކުފާނު ޖަލަށް ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައި ބަޔަކު ތިބިކަން ދޭހަވާ މޭރުމަކުން ވާހަކަފުޅުދައްކަވައި، އެފަދަ ފަރާތްތަކާ މެދު ސަމާލުވުމަށް އެދިވަޑައިގެންފައިވެއެވެ.
ނޮވެމްބަރު 27 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި، އެމަނިކުފާނަށް ތާއީދުކުރާ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު ޖަލަށްލާނަމަ އެޖަލަށްލަނީ އެމަނިކުފާނު ނޫން ކަމުގައެވެ. ނަމަވެސް ދީނާއި ޤައުމުގެ ޙައްޤުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ހިތާމަވެރި ގޮތެއް މެދުވެރިވެއްޖެނަމަ، އަދި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ، އެމަނިކުފާނުގެ ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަނުދެއްވުމަށް ޕާޓީގެ ޢާންމު މެންބަރުންނަށް އިލްތިމާސްކުރެއްވިއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ އެމަނިކުފާނުގެ ޕާޓީގެ މައްޗަށް ސަވާރުވިޔަނުދޭން އެވިދާޅުވި މިނިކާ ބާޒުތަކަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ސުވާލުގެ ޖަވާބުގައި ބަލައިލަންޖެހެނީ އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންގެ ތެރެއިން އެމަނިކުފާނު ޖަލަށް ވަޑައިގަތުމުން އެކަމުން އެންމެ ބޮޑު މަންފާއެއް ޙާޞިލުކުރުމުގެ ނިޔަތާއި ގަސްތު އޮތީ ކޮންބައެއްގެ ކިބައިގައިތޯއެވެ. މިނިކާ ބާޒަކީ އޭގެ ޝިކާރަ އަމިއްލައަށް މަރާ ދޫންޏެއް ނޫނެވެ. އެޝިކާރަ މަރުވަންދެން ދުރުގައި މަޑުކޮށްލައިގެން ތިބުމަށްފަހު އައިސް އެޝިކާރައިގެ މުޅަމަސް ވީދައި ކުދިކޮށް ކާ ދޫންޏެކެވެ. ރައީސް ޔާމީނު ނެތުމުން ޕީޕީއެމް ޕީއެންސީގެ ޙަރަކާތްތަކަށް ހީނަރުކަމެއް އައުމަށް އުންމީދުކުރައްވާ ފަރާތްތަކަކީ ކޮބައި ހެއްޔެވެ؟ ޤާސިމް އިބްރާހީމް
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި "ކިންގ މޭކަރ" ނުވަތަ ވެރިން އުފައްދަވަނީ ތިމަންނާ ކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅަކީ ޤާސިމެވެ. އެމަނިކުފާނަކީ އެމަނިކުފާނާ ނުލައި އެއްވެސް ފަރާތަކަށް ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިނުގެންނެވޭނެ ކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ޤާސިމަކީ ވެރިކަމުގެ އުންމީދާއި ހުވަފެން އެބޭފުޅެއް ހިތްޕުޅުގައި އިންތިހާއަށް އޮތް ބޭފުޅެެކެވެ. 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުންވެސް ޖުމްހޫރީޕާޓީގެ ޤިޔާދަތު ދެވަނަ މީހަކަށް ދެއްވައި، ޒުވާން ތަޢުލީމީ ލީޑަރުންނަށް މަގުކޮށައިދެއްވުމުގެ ވިސްނުމުގެ އަސަރެއްވެސް އެމަނިކުފާނުގެ ކިބައަކުން ނުފެނެއެވެ. ބައެއް ސިޔާސީ މުޙައްލިލުން ވިދާޅުވާ ގޮތުގައި އެމަނިކުފާނު މިހާރުވެސް ވިސްނަވަމުން ގެންދަވަނީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭނެ ގޮތަކަށް ކުޅިބައި އަތުރައިލެއްވުމަށެވެ.
ދިޔަރެސްއާއި ވާހަކަދެއްކެވި ޤާސިމްގެ ސިޔާސީ ވިސްނުންފުޅާއި ކަންކަން ރާއްވަވާ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޤާސިމްގެ ވިސްނުންފުޅުހުރީ ރައީސް ޔާމީން ސިޔާސީ މައިދާނުން އެކަހެރިކުރައްވައި، އަދި އެމަނިކުފާނުގެ ވަށައިގެން ބިނާވެފައިވާ ކޯލިޝަން ނިކަމެތިކޮށްލައްވައި، އެހީނަރުކަމުގެ ފައިދާ ނެންގެވުމަށެވެ. އެގޮތުން 2023ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޔާމީނު ސިޔާސީ ދާއިރާގައި ނެތްނަމަ، އަދި ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު ނެތްނަމަ، ޤާސިމަކީ އިދިކޮޅުގެ އެންމެ ބުރަދަންހުރި ކެނޑިޑޭޓުގެ ގޮތުގައި ނުކުމެވަޑައިގެންނެވޭނެ ކަމުގައި އެމަނިކުފާނު ވިސްނަވާކަމުގައިވެސް ދިޔަރެސްއަށް މަޢުލޫމާތުދެއްވި ބޭފުޅާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ރައީސް ޔާމީނު ނެތުމުން އެމެދުވެރިވާ މަޖުބޫރީ ޙާލަތުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމްއިން ކުރިމަތިލައްވާ ފަރާތަކަށް އެއިންތިޚާބުގައި ލިބިވަޑައިގަންނަވާނީ ތިންވަނަ ކަމުގައިވެސް ޤާސިމް އަރިހުގައި އުޅުއްވާ ބޭފުޅުން އެމަނިކުފާނަށް މަޝްވަރާ އަރުވާފައިވާ ކަމުގައިވެސްވެއެވެ. އެޙާލަތުގައި ޕީޕީއެމްއިން އެމްޑީޕީގެ ފަހަތަށް އެރުމުގެ ބަދަލުގައި ޤާސިމްގެ ފަހަތްޕުޅަށް އަރާނެ ކަމުގައިވެސް މިދެންނެވުނު ބޭފުޅުން ލަފާއަރުވާ ކަމުގައިވެއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް އިސްވެރިންނާއި އެކްޓިވިސްޓުން ތުހުމަތުކުރާ ގޮތުގައި މިއަހަރު ކުރީ ކޮޅުގައި ރައީސް ޔާމީން ހައްޔަރުކުރުމުގައިވެސް ޤާސިމްގެ ނުފޫޒެއް އޮތް ކަމުގައި، އަދި ޔާމީނުގެ ހައްޔަރު އަމުރު އިސްތިއުނާފުކުރުމުން ހައިކޯޓުގައި އަޑުއެހުމެއް ޝެޑިއުލުކޮށް، އެއަޑުއެހުން ނުބާއްވަން ނިންމީވެސް ޤާސިމްގެ ނުފޫޒުގައެވެ. މިވާހަކަތައް އެދުވަސްވަރު ޕީޕީއެމްގެ ހަރަކާތްތެރިން މީސްމީޑިޔާގައި ވަރަށް ގަދަޔަށް ދައްކާފައިވެއެވެ.
މިކަންކަން މިހެން އޮއްވައިމެ ޕީޕީއެމް ޕީއެންސީއާއި ޖުމްހޫރީ ޕާޓީގެ މެދުގައި މަޖިލިސް އިންތިޚާބަށް ކޯލިޝަނެއް އުފެއްދިއެވެ. އަދި ޕީޕީއެމްއިން ވާދަކުރަން ނިންމައި، އެޕާޓީގެ ނުފޫޒުހުރި ވަރުގަދަ ފަރާތްތަކަށް ދީފައި ހުރި ޓިކެޓުތައް އަނބުރައި ގެނައުމަށް މަޖުބޫރުކުރުވިއެވެ. ރައީސް ޔާމީނު ހުންނެވީ ޖަލުގައެވެ. އެދުވަސްވަރު ޤާސިމަކީ ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއްކަމުގެ ޞޫރަދެއްކެވިއެވެ. އަލްޙާން ފަހުމީގެ މަޖިލިސް ކެމްޕެއިން ބައްދަލުުވުމެއްގައި ރައީސް ޔާމީން ދޫކޮށްލެއްވުމަށް ޤާސިމް ގޮވައިލެއްވިއެވެ.
އިއްޔެއަށް ރައީސް ޔާމީނުގެ ޝަރީޢަތުގެ ޙުކުމް އިއްވުން ތާވަލުކުރުމާއެކު، ޕީޕީއެމްގެ މެންބަރުންނަށް ގުޅައި ޖުމްހޫރީ ޕާޓީގެ އިސް ފަރާތްތަކުން ރައީސް ޔާމީނު ސަލާމަތްކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ ޤާސިމް ކަމުގައި ބުނެ ވާހަކަދައްކާފައިވާ ކަމުގައި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން މީސްމީޑިޔާގައި ބުނެފައިވެއެވެ. މިކަންކަމުން އެނގެނީ ޕީޕީއެމް އަދި ޕީއެންސީގެ ގިނަ މެންބަރުން ޖުމްހޫރީ ޕާޓީއަށް ގެންދިއުމާއި، ޤާސިމަށް އެމީހުންގެ ތާއީދު އަނބުރައިލުމަށް ރައީސް ޔާމީން ޖަލުގައި ހުންނެވި ހުންނެވުން ބޭނުންކުރައްވަން ޤާސިމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމެވެ.
ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްޑިފެންސް މިނިސްޓަރުގެ މަޤާމުގައި ނާޒިމު ހުންނަވަނިކޮށް އެމަނިކުފާނުގެ ގެކޮޅަށް ފުލުހުންވަދެ ހިންގި ހަރަކާތާ ގުޅިގެން އެމަޤާމުން އިސްތިއުފާދެއްވުމަށްފަހު ނާޒިމް ދެއްކެވި ވާހަކަފުޅުތައް މިއަދު ބަލާލުން މުހިއްމެވެ. އެދުވަހު ހުންނެވި މަޤާމަށްވުރެ މަތީ މަޤާމަކަށް ވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމުގެ ވާހަކަ ވިދާޅުވިއެވެ. ނާޒިމާއި އަދީބު އެކީގައި އާާތާރ ބްރަދާސްއާ ބައްދަލުކުރައްވައި، ދެބޭފުޅުން އެކީގައި ވަރަށް އެކުވެރިކޮށް އުޅުއްވުމަށްފަހު، ދެހަތުރުންނަށް ބަދަލުވީވެސް ވެރިކަމާއި ބާރު އެއްކުރެއްވުމާއި ހޯއްދެވުމުގައި ދެބޭފުޅުންގެ މެދުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން ކަމުގައި އެދުވަސްވަރު ވާހަކަ ފެތުރުނެވެ. އެވާހަކަތައް އެއިރު ކެބިނެޓުގައި އުޅުއްވި ބައެއް ވަޒީރުން ޔަޤީންކޮށްދެއްވާފައިވެސްވެއެވެ.
ނާޒިމް ޖުމްހޫރީ ޕާޓީގައި ހުންނެވިނަމަވެސް އެޕާޓީގެ ލީޑަރޝިޕަކީ ލިބިވަޑައިގަންނަވާނެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް ނާޒިމަށްވެސް އެނގިވަޑައިގަންނަވާނެއެވެ. ދާދި އިހަކަށްދުވަހު ޤާސިމްގެ ސިޔާސީ މުސްތަޝާރުގެ މަޤާމުން ނާޒިމު އިސްތިއުފާދެއްވައި ޕާޓީގެ ހަރަކާތްތަކުގައި އުޅުއްވާ މިންވަރު އިހުނަށްވުރެ މަދުވެސް ކުރައްވައިފިއެވެ. ފެންނަ ފެނުމުގައި ނާޒިމުގެ މިސްރާބުވެސް ހުރީ ވެރިކަމާ ދިމާލަށް ވަޑައިގެންނެވުމަށެވެ. ނާޒިމްގެ ސިޔާސީ އޮނޑީގެ ރިޔަލުގައި އަޅުވާނެ ހައްސަވަޔަކީ ރައީސް ޔާމީނުގެ ޤިޔާދަތުން މަހުރޫމުވެފައި އޮންނަ އިދިކޮޅު ކޯލިޝަން ކަމުގައިވެދާނެ ހެއްޔެވެ؟ މިއީ ވިސްނައިލުން މުހިއްމު ސުވާލެކެވެ.
ޕީޕީއެމްގައި މިހާރު ތިއްބެވި ޒުވާން ބައެއް ލީޑަރުން ތުހުމަތުކުރައްވާ ގޮތުގައި ނާޒިމް ބޭނުންފުޅުވަނީ ޕީޕީއެމްގެ ލީޑަރޝިޕް އެމަނިކުފާނުގެ އަތްޕުޅަށް ކަހައިލެއްވުމެވެ. ނާޒިމްގެ ތަނަވަސްކަން ބޭނުންކުރައްވައިގެން އެކަންކުރައްވަން ބައެއް ފިޔަވަޅުތައް ތަރުތީބުކޮށްފައިވާ ކަމުގައިވެސް އެބޭފުޅުން ތުހުމަތުކުރައްވައެވެ. ނާޒިމު ޖެއްސެވި ހިސާބުގައި ރައީސް ޔާމީނު ނެތި ޕީޕީއެމް އަދި ޕީއެންސީ ހީނަރުވެ ވިއްސިވިހާލިވެގެން ހިނގައިދާނެއެވެ. މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީން ނޫޅުއްވާތީ ޕީޕީއެމްގެ ކެމްޕެއިނުގައި ޖޯޝެއް ނެތިފައި، އެކުލެވުންތެރިކަމެއް ނެތުމަކީ ނާޒިމުގެ ރޭއްވެވުން ކާމިޔާބުވާނެ ކަމުގެ ހެކީގެ ގޮތުގައި ނާޒިމް ނަންގަވާ ނުކުތާއެއް ކަމުގައި ދިޔަރެސްއަށް މަޢުލޫމާތުދެއްވި ބޭފުޅަކު ވިދާޅުވިއެވެ.
އެފަދަ ހީނަރުވުމެއްގެ ތެރޭގައި ޕީޕީއެމްގައި ޤިޔާދީ ހުސްކަމެއް ނުވަތަ "ލީޑަރޝިޕް ވެކިއުމެއް" އުފެދުމަކީ ނާޒިމު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން މަޢުލޫމާތުދީފައިވެއެވެ. އަދި އެހުސްކަމުގެ ބޭނުން ހިއްޕަވައި ޕާޓީގެ ލީޑަރުކަމަށް ވަޑައިގެން ރިޔާސީ އިންތިޚާބުގެ ޓިކެޓު ކަށަވަރުކުރެއްވުމަކީ އެމަނިކުފާނުގެ އުންމީދު ކަމުގައިވެސް އެފަރާތްތަކުން ތުހުމަތުކުރެއެވެ. އެގޮތުން އެކަމަށްޓަކައި ރައީސް ޔާމީނުގެ ޝަރީޢަތް ފެށުމާއެކު، ޕީޕީއެމްގެ އެކްޓިވިސްޓުންނާއި އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ފައިސާދޭން ހުށަހަޅުއްވާފައިވާ ކަމުގައި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން މަޢުލޫމާތުދެއެވެ.
އޭގެ އިތުރަށް ރައީސް ޔާމީނުގެ ފައިސާތައް ގަނޑުކޮށްފައި ހުރުމާއި ޕީޕީއެމްއަށް ދައުލަތުން ލިބުނު ފައިސާގެ ބޮޑު ބައެއް ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހުމުގެ ސަބަބުން، ޕީޕީއެމްގެ މާލީ ޙާލަތު އޮތީ ހީނަރުވެފައެވެ. ވަރަށް ދަތި ފައްތަރެއްގައެވެ. ނާޒިމުގެ އަތްޕުޅުގައި ފައިސާ އެބަހުރި ކަމުގެ މަޢުލޫމާތު ދިޔަރެސްއަށް ލިބިފައިވެއެވެ. ޕާޓީއެއް އަދި ސިޔާސީ ހަރަކާތެއް ހިންގުމުގައި ފައިސާގެ ދައުރު ބޮޑެވެ. އެހެންކަމުން އެމާލީ ތަނަވަސްކަން ބޭނުންކުރައްވައިގެން ޕާޓީގެ މަތީ ފަނޑިއަށް ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ ރޭއްވެވުން ކަމުގައި ވެދާނެ ކަމުގައިވެސް ޕާޓީގެ ބައެއް އެކްޓިވިސްޓުން ދެކެއެވެ.ރައީސް ޔާމީނު ނެތުމުން ޕީޕީއެމް/ޕީއެންސީ ވިއްސިވިހާލިވާނެ؟
ސިޔާސީ މަސްރަހަކީ ވަރަށް ގިނަ ގޮތްގޮތަށް ބަދަލުވަމުން އަންނާނެ މަސްރަހެކެވެ. އަދި މިރިޔާސީ ދައުރުގައި ބާކީ 4 އަހަރު އެބަ އޮތެވެ. މިކުޅިބައި އެތުރިފައި އޮތް ގޮތަށް ބޮޑެތި ބަދަލުތައް އައުން އެކަށީގެންވެއެވެ. ރައީސް ޔާމީނު މިވަގުތު ހުންނެވީ ޖަލުގައެވެ. ބަންދުގައެވެ. ނަމަވެސް އެމަނިކުފާނުގެ ޣައިރު ޙާޟިރުގައި ޕީޕީއެމްއަކީ ވަލުބާޒުތަކެއް ހިތުހުރި ގޮތަކަށް ނޮޅައި ކާން އޮތް މުޅަމަސްގަނޑަކަށް ވެދާނެ ހެއްޔެވެ؟ ރައީސް ޔާމީނު ނެތުމުން އެޕާޓީގައި ވިންދެއް ދިރުމެއް ނުހުންނާނެ ހެއްޔެވެ؟
އެސުވާލުގެ ޖަވާބުގައި އެޕާޓީގެ އެކްޓިވިސްޓުން އިޝާރާތްކުރަނީ ޕާޓީގެ އިސްސަފުގައި ތިއްބެވި ޒުވާން ލީޑަރުންނަށެވެ. ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. އަދިކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫނުގެ ހަނގު ދަރިކަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބޭފުޅު ވިދާޅުވާ، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫނެވެ.މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ. ކުރީގެ އިޤުތިޞާދީ ވަޒީރު އަދި ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ. ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝުޖާއެވެ. ދާދިފަހުން ޕާޓީއަށް އަނބުރައި ވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން ލަޠީފެވެ.
މިބޭފުޅުންނާއެކު މަސައްކަތްކުރައްވައި މަގުދައްކަވަން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަޙީމު ހުންނަވާނެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުވެސް އެބަހުންނެވިއެވެ. އަދި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް އެކި ގޮތްގޮތުން ޕާޓީގެ އެކި ކަންކަމުގައި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމުގައިވެސް އެކްޓިވިސްޓުން ފާހަގަކުރައްވައެވެ.
ޕާޓީއެއްގެ ދިރުމަކީ އެންމެ ފަރުދެއް ނޫނެވެ. ޕާޓީއެއްގެ ދިރުމަކީ އެޕާޓީއެއްގެ ޢާންމު މެންބަރުންނާިއ ލީޑަރުން ގުޅިގެން ކުރާ މަސައްކަތެވެ. ރައީސް ޔާމީނު ނެތްނަމަވެސް ޕީޕީއެމް/ޕީއެންސީއިން ރަނގަޅު މަސައްކަތްތަކެއްކުރާނަމަ، އެޕާޓީގައި ވިންދު ހުންނާނެއެވެ. ދިރުން ހުންނާނެއެވެ. ޕީޕީއެމްގެ އެކްޓިވިސްޓަކު ވިދާޅުވި ފަދައިން ޕީޕީއެމްއަކީ ރައީސް ޔާމީނުގެ ފިކުރެވެ. އެއީ ޤައުމުގެ މުސްތަޤުބަލާމެދު ރައީސް ޔާމީން ކުރަހައިދެއްވި ތަޞައްވުރެވެ. އުންމީދާއި، ތަޞައްވުރާއި ފިކުރަކީ ޖަލެއްގެ ތޭރިތަކުގެ ފުރަގަހުގައި، އަނދަގޮނޑިޖަހައި ބަންދުކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަންކަން ބަންދުނުކުރެވޭނަަމަ، ޕީޕީއެމްގައި ދިރުންހުންނާނެއެވެ. މިނިކާ ބާޒަށް ކެވޭނީ ދިރިމެއް ނެތް މުޅަ މަސްގަނޑެކެވެ.
މި ލިއުމާއި ގުޅޭ