ރައީސް ޔާމީން މިނިވަން ކުރަން ޖެހޭނެ: ޑރ.ޝަހީމް

މަރިޔަމް ލީނާ 28 ނޮވެމްބަރު 2019 17:11
Flowers
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ކުރަންޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

މިއަދު ފޭސްބުކް ގައި އާންމު ކުރެއްވި ލިޔުމެއްގައި ޑރ.ޝަހީމް ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިނިވަން ކުރަން ޖެހޭނެ ކަމަށާއި، ހުކުމުގެ އިސްތިއުނާފް މަރުހަލާގައި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ޤާނޫނީ ގޮތުން ކުރެވޭ އެންމެހާ މަސައްކަތެއްގައި އެހީތެރިކަމާއި، އެއްބާރުލުން އަމަލީ ގޮތުން ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ދެއްވާނެ ކަމަށް ޑރޝަހީމް ވިދާޅުވިއެވެ. 

އަދި ރައީސް ޔާމީން ސަލާމަތް ކުރުމަށް ޕީޕީއެމްގެ އެންމެހާ މެމްބަރުންނާއި ލީޑާޝިޕް ސާބިތު ކަމާއި އެކު ރައީސް ޔާމީން އާއި އެކު ދެމި ތިބެން އެދިލައްވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. 

ޑރ.ޝަހީމަކީ މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ކަމާއި އިސްލާމިކް ޔުނިވާސީޓީގެ ޗާންސެލަރުކަން ކުރައްވާފައިވެއެވެ. 

މިއަދު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރަށް ޖަލަށްލައި 77 މިލިއަން ރުފިޔާ އިން ޖުރިމާނާ ކުރުމަށް ކޯޓުންވަނީ ނިންމާފައެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ބެންޗުގައި އިސްކޮށް ހުންނެވީ ގާޒީ އަލީ ރަޝީދެވެ. ޤާޒީ ޢަލީ ރަޝީދަކީ އެބޭފުޅާއާމެދު އިދިކޮޅު ފަރާތްތަކުން ވަކި އަތަކަށް ބުރަވެވަޑައިގެންފައިވާ ކަމުގެ ތުހުމަތުކުރާ ޤާޟީއެކެވެ. އަދި މިމައްސަލަ ކުރިން ބެއްލެވި ޤާޒީ ނެރުއްވި ބަޔާނަކާ ގުޅިގެން ޤާޒީ ޢަލީ ރަޝީދު ރާއްޖެ ޓީވީއާ ވާހަކަދެއްކެވި ހިސާބުން އެމަނިކުފާނާ މެދު އިދިކޮޅު ފަރާތްތަކުން ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެމައްސަލަ ޖޭއެސްސީއިން ބަލާފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު