"ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ ކަމަކަށް ޖާގައެއް ނުދެއްވާ"

އަހްމަދު އަޒާން 26 ނޮވެމްބަރު 2019 20:26
Flowers
ޑރ.ޝަހީމް އަދި ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އިސްލާމް ދީނާއި ދިވެހި ޤައުމުގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ޖާގަ ނުދެއްވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ. 

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓުކަން ވެސް ކުރެއްވި ޑރ.ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްްގައި ވަނީ، ރައީސް ޔާމީނާއި މެދު ފަހުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން މިއަދު ޤައުމުގެ ޒައާމަތުގައި ނެތްކަމުގެ އިހުސާސް ކުރެވޭކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމަށް ބާރު ދިނުމަށް އެމަނިކުފާނުގެ އަތްޕުޅުގައި ހިފި ހިފުމަކީ ހައްޤު ހިފުމެއްކަން މިއަދު ޔަޤީން ކުރެވޭކަމަށެވެ. 

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން އިސްލާމްދީނުގެ އަދާވާތްތެރި ބާރުތައް ބަލިކުރެއްވި ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރެއްވީ ހަރުކަށި ފިކުރުގެ މީހުންނަށްވެސް ނަސޭހަތްދީގެން ރަނގަޅުކޮށް މުޖުތަމައަށް ނެރުމަށް ކަމަށެވެ. މިގޮތުން ކައުންޓަރ ޓެރަރިޒަމް ސެންޓަރ ވެސް އުފައްދަވައި ޤާނޫނު އެކުލާވާލައްވައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ޑރ.ޝަހީމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އިސްލާމީ ތައުލީމު ފުޅާކުރައްވައި  ޢަރަބި ބަސް ދިރުއްވައި އިސްލާމް ޤުރުއާން މަޖްބޫރު މާއްދާއެއްކަމުގައި ހެއްދަވައި ޤައުމު ތަރައްޤީކުރައްވައި ސްކޫލްތަކުގައި ވެސް ޢަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދެއްވުމަށް ކަނޑައަޅުއްވައި އެކަންވެސް ފެއްޓެވިކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. 

"އިސްލާމީ މަރުކަޒުތައް ޤާއިމު ކުރައްވައި ޙާފިޒުން އިތުރު ކުރައްވައި އިސްލާމިކް ޔުނިވަރސިޓީ އުފައްދަވައި، ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އިދާރީ ކަންކަން ފުޅާކުރައްވައި އައުޤާފުތައް ބިނާކުރެއްވުމަށް އެހީތެރިވެދެއްވައި، އިސްލާމީ އުންމަތާ ވަރުގަދަ އަށް ގުޅުން ބަދަހި ކުރެއްވި"

ޑރ.ޝަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރީ ބޭރުގެ އިސްތިއުމާރީ ބާރުތައް ފަހަތުގައި ތިބެގެން ސިއްރު އެޖެންޑާއެއްގެ ދަށުންކަމުގައި މިދަނީ ހާމަވަމުންނެވެ. އަދި ރައީސް ޔާމީނަށް ސަލާމަތާއި ރައްކާތެރިކަމަށް ޑރ.ޝަހީމް އެދިވަޑައިގެންނެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ގަންޖާބޯ
"ތިޔަގޮތެއް ކަމަކު ނުދެއެވެ."