ރައީސް ސޯލިހްގެ ތާއީދު ޝިފާޒަށް

މަރިޔަމް ލީނާ
Flowers
ރައީސް ސޯލިހް ޝިފާޒަށް މަޤާމުގެ ލިޔުން ހަވާލުކުރައްވަނީ

އެމްޑީޕީގެ ނައިބު ރައީސް އަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވަނީ އެމްޑީޕީގެ މިހާރުގެވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މެމްބަރު މުހައްމަދު ޝިފާޒަށް ކަމަށް އިތުބާރު ހުރިގޮތަކަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ. 

ޝިފާޒުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސްގެ ފުރިހަމަ ތާއީދު އޮތީ ޝިފާޒަށެވެ. އެމްޑީޕީގެ ނައިބު ރައީސް ކަމަށް ދެން ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އަސްލަމް އަކީ ކުރީގެ ރައީސް ނަޝީދާއި ވަރަށް ގާތް ބޭފުޅެކެވެ. އަދި މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖްލީހުގެ ރައީސް ކަމަށް ގެންނަންވެސް ރައީސް ނަޝީދު ފުރަތަމަ ތާއީދު ކުރެއްވީ އަސްލަމްއަށެވެ. ނަމަވެސް ފަހުން ވާދަވެރިވެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ އަސްލަމް ވަނީ އަސްލަމްގެ ނަން އަނބުރާ ގެންނަވާ އެ މަޤާމަށް ރައީސް ނަޝީދުގެ ނަން ހުށަހަޅުއްވާފައެވެ. 

ރައީސް ސޯލިހްގެ ތާއީދު ޝިފާޒަށް ލިބިފައިވާ އިރު، އޭގެ އިތުރުންވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ޝިފާޒަށް ތާއީދު ކުރައްވަމުންނެވެ. މިގޮތުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ނަސީމް (ކެރަފާ ނަސީމް) ވެސް ވަނީ ޝިފާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްވެސް ވަނީ ޝިފާޒުގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ޝިފާޒަށް ތާއީދު ކުރައްވާކަން އިއުލާންކުރައްވާފައެވެ. 

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ޝިފާޒް އަދި އަސްލަމް ކުރިމަތިލައްވާއިރު، އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަނީ އެ ޕާޓީގެ މިހާރުގެވެސް ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ޕާޓީގެ ރައީސް ކަމުގައި ހުންނެވި ނަމަވެސް އެ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެމްޑީޕީގެ ވެރިކަމެއް އޮންނަ އިރު، އެ ޕާޓީގެ އެންމެ އިސް ފަރާތަކަށް ވާނީ ޤައުމުގެ ރައީސަކަށް ހުންނަވާ ބޭފުޅެކެވެ. އެހެން ކަމުން އަސާސީ ޤަވާއިދު ބުނާގޮތުން އެމްޑީޕީގެ އެންމެ އިސްފަރާތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ނަމަވެސް ރައީސް ސޯލިހް އެމްޑީޕީ ހިންގުމުގައި މާބޮޑު ދައުރެއް އަދާކުރައްވާތަނެއް އަދިނުފެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު