ރައީސް ޔާމީންގެ ޝަރީޢަތާ ގުޅޭ ކަންބޮޑުވުންތައް ބޭރުގެ ފަރާތްތަކާ ޙިއްސާކޮށްފި

އައިޝަތު ހަނާ 8 ނޮވެމްބަރު 2019 17:16
Flowers
ރައީސް ޔާމީންގެ ޝަރީޢަތާ ގުޅޭގޮތުން ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދިނުން

ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށްދާ ގޮތާބެހޭގޮތުން ބައިނަލްއަޤްވާމީ މީޑިއާތަކަށާއި، ބޭރުގެ އެކިއެކި ފަރާތްތަކަށް މަޢުލޫމާތު ޙިއްސާކޮށްފިއެވެ. ރައީސް ޔާމީންގެ ޝަރީޢަތާގުޅޭ ކަންބޮޑުވުންތައް ޙިއްސާކުރުމަށް މިހާރު ސްރީލަންކާއަށް ވަޑައިގެން އުޅުއްވާ ޓީމުންވަނީ މިއަދު ހެނދުނު ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދިނުމަށް ޚާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވާފައިކަމަށް ޕީޕީއެމުން މަޢުލޫމާތުދެއެވެ. 

މީޑިއާތަކަށް މަޢުލޫމާތު ދިނުމުގެ އިތުރުން އިންޓަރނޭޝަނަލް ސްޓޭކްހޯލްޑަރސްއާވެސް މިކަންބޮޑުވުންތައް ޙިއްސާ ކުރަމުންދާ ކަމަށް ޕީޕީއެމުން ބުނެއެވެ. ލަންކާއަށް ވަޑައިގެން އުޅުއްވާ ޓީމްގައި ހިމެނި ވަޑައިގަންނަވަނީ ކުރީގެ ނައިބު ރައީސް، އަދި ރައީސް ޔާމީންގެ ލީގަލްޓީމްގެ އިސް ލޯޔަރ ޑރ.މުޙައްމަދު ޖަމީލް ޢަހްމަދު، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފެވެ. 

މި ޓީމުންވަނީ ރާއްޖޭގެ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ޖުޑިޝަރީ ހައިޖެކްކޮށް، ނުޙައްޤުން ރައީސް ޔާމީން ޖަލަށްލުމަށްޓަކައި މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ ހައިލަމް، ޙުކުމް އިއްވުމަށް 5 ގަޑިއިރަށްވެފައި ވަނިކޮށް ސަސްޕެންޑް ކުރުމާއި، އަދި އޭގެ ފަހުން ހައިލަމް ނެރުއްވި ބަޔާނުގައި ސަރުކާރުގެ އެކި ލެވެލްތަކުން ރައީސް ޔާމީނަށް ޙުކުމްއަންނާނެކަން ކަށަވަރަު ކުރުމަށް މަސައްކަތްކޮށް ނުފޫޒު ފޯރުވި ކަމަށް ބުނެފައިވާތީ މިކަންކަމުގެ ސަބަބުން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ނުލިބޭނެ ކަމުގެ ކަންބޮޑުވުން ޙިއްސާ ކުރައްވާފައެވެ. 

ކްރިމިނަލް ކޯޓުން މިހާރުވަނީ މިސަރުކާރަށް 1 އަހަރު ފުރޭ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީޢަތް ތާވަލްކޮށްފައި ވާކަން އަންގާފައެވެ. 


ކިޔުންތެރިންގެ ހިޔާލު