Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަސާސްތައް ސައްހަތަ؟

ރައީސް ޔާމީން. ފޮޓޯ:އަވަސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާ އުފުލައި، އެ މައްސަލާގައި ހުކުމް ކުރުމަށް ތާވަލު ކުރެވުނު ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަނުން މިވަނީ މައްސަލަ ބައްލަވާ ފަނޑިޔާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑުކޮށްފައެވެ. މިއާއި އެކު މި ޝަރީއަތުގައި ރައީސް ޔާމީނަށް ޖަލު ހުކުމެއް އަންނާނެ ކަން ކަށަވަރުކުރަން ސަރުކާރުގެ އިސްވެރިން ބޭނުންވި ކަމަށް ހައިލަމް ވަނީ ހާމަކުރައްވާފައެވެ، މިހާ ހިސާބުން ސަރުކާރުން ޝަރީޢަތަށް ނުފޫޒު ފޯރުވިކަމަށް ވަރަށް ބޮޑަށް ޔަޤީން އެބަކުރެވެއެވެ. އަދި މި މައްސަލަ ހިނގައި ދިޔަގޮތަށް ބަލާއިރު ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުކާރުން ފެށީ މައްސަލައިގެ މިހާ ހިސާބަކުން ނޫންކަން އެނގެއެވެ. ރައީސް ޔާމީން މައްޗަށް ދައުވާ އުފުލުނު ހިސާބުންވެސް ވަރަށް ބޮޑަށް އެކި ފަރާތްތަކުގެ ނުފޫޒު މިކަމަށް ވަދެފައިވާކަން، ސާބިތުވެއެވެ. މި ރިޕޯޓުގައި އަލި އަޅުވާލާނީ އެކަންކަމުގެ މައްޗަށެވެ.އެންމެ ފުރަތަމަ ހައްޔަރުކުރީވެސް ގޯސްކޮށް!
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ބަންދުކޮށްފައެވެ. ބަންދުކުރަން ބޭނުންވާ ސަބަބެއްކަމުގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގުގައި ހެކިންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވާ ކަމުގައި ތުހުމަތު ކުރެވޭތީ ކަމަށެވެ. މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލުކޮށްފައެވެ. އަދި ރައީސް ޔާމީން މައްޗަށް ކުރެވުނު ދައުވާއަކީ އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ މައްސަލައަށް ނުވާ އިރު ކުރި ދައުވާގެ މައުޟޫއިން ބޭރުކަމަކަށް ބިނާކޮށް ހައްޔަރުކުރަން އަމުރު ނުކުރެވޭނެކަމަށް ހައިކޯޓުން ނިންމިއެވެ. ރައީސް ޔާމީންވެސް އަދި ވަކި ފަރާތަކަށް ނުޖެހި މި މައްސަލަ ދިރާސާ ކުރައްވާ ޤާނޫނީ ވަކީލުންވެސް ދެކެވަޑައިގަންނަވާގޮތުގައި ރައީސް ޔާމީން އޭރު ބަންދު ކުރެވުނީ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ. އަދި އެކަމުގައި ވެސް ކްރިމިނަލް ކޯޓުގެ ގާޒީއަށް ބިރު ދެއްކި ކަމަށް ވަރަށް ބޮޑަށް ބެލެވެން އެބައޮތެވެ.ދައުވާ ކުރީ ފުރިހަމަ ނުވެ އޮތް ތަހުގީގެއްގެ މައްޗަށް ބިނާކޮށް
ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލާ ދަޢުވާއަކީ މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ތުހުމަތުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް މެދުވެރިކޮށް 1 މިލިއަން ޑޮލަރު ޖަމާކޮށް، އެއެއްމިލިއަން ޑޮލަރުގެ އަޞްލު އޮޅޭ ފަދަ ޢަމަލެއް ހިންގެވި ކަމުގައެވެ. އެއީ އިސްލާމިކް ބޭންކުގައި ހުރި އެމަނިކުފާނުގެ އިންވެސްޓުމެންޓު އެކައުންޓަކަށް އެމަނިކުފާނުގެ އެކައުންޓުން 1 މިލިއަންޑޮލަރު ޖަމާކުރައްވައި އެއިން ފައިދާ ހޯއްދެވުމަށް މުޢާމަލާތްކުރެއްވުމާ ގުޅިގެންކުރާ ތުހުމަތެކެވެ. ދެވަނަ ތުހުމަތަކީ އެމަނިކުފާނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާމެދު ވެވިފައިވާ އެއްބަސްވުމާ ޚިލާފަށް، އެއެއްބަސްވުމުގެ ދަށުން ޤާއިމުކުރެވުނު އެސްކުރޯ އެކައުންޓަށް ފައިސާ ޖަމާކުރެއްވައި އެސްއޯއެފުން ޖަމާކުރި ފައިސާގެ އަޞްލު އޮޅުވައިލެއްވި ކަމުގެ ތުހުމަތެވެ.
މި ދައުވާއަށް ބަލާއިރު، ދައުވާ ވަރަށް ބޮޑަށް ބިނާވެގެންވަނީ ވަރަށް ބޮޑެތި އިހުތިލާމް (ޕްރިސަމްޕްޝަން) ތަކެއްގެ މައްޗަށް ބިނާކޮށްކަން ދޭހަވައެވެ. މިގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ 1 މިލިއަން ޑޮލަރަކީ އެއީ ވޮޑަމުލާގެ ގެ އެކުސިޝަންކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ، ދައުލަތުގެ އެކައުންޓަށް ނުވައްދައި އެސްއޯއެފް ގެ އަކައުންޓަށް ޖަމާކޮށް، އެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ވައްދާފާއިވާ ފައިސާކަމަށް ދައުވާގައި ބުނެއެވެ. ނަމަވެސް ވޮޑަމުލާގެ ފައިސާ ކަމުގައި ދައުލަތުން ބުނާ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރިއިރުވެސް އެ އެކައުންޓުގައި 8 ލައްކަ ޑޮލަރު ހުރިކަން އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓުންދައްކައެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ފުރަތަމަ 5 ލައްކަ ޑޮލަރު ޖަމާ ކުރިއިރު އެސްއޯއެފްގެ އެކައުންޓަށް ވޮޑަމުލާގެ ފައިސާ ކަމުގައި ދައުލަތުން ބުނާ ފައިސާ ޖަމާނުވެސްވެއެވެ. ދެވަނަ 5 ލައްކަ ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިއިރު، ވޮޑަމުލާގެ ފައިސާގެ ކަމުގައި ދައުލަތުން ބުނާ ފައިސާ އިން ރައީސް ޔާމީންގެ އެކައުންޓަށްވަދެފައިވަނީ 19،016.38 ޑޮލަރެވެ. ދައުލަތުން ދައުވާ ކުރިއިރު، ރައީސް ޔާމީން އެކައުންޓަށް ވަދެފައިވާ 1 މިލިއަން ޑޮލަރަކީ ވޮޑަމުލާގެ ފައިސާކަމަށް (ޕްރިޒިއުމް) އިހްތިމާލުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ވޮޑަމުލާގެ އެކުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނުކަމަށް ބުނާ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ވަދެފައިވަނީ ނުޤަވާއިދުންކަމަށްވެސް އިހުތިމާލުކޮށްފައިވެއެވެ. މި ޝަރީއަތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ހެކިބަހަށް ބަލާރިއިރު އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާއި ދެމެދު އެގްރީމެންޓުތަކެއް ކުރެވިގެން ސައްހަ މުއާމަލާތުތަކެއް ހިންގާފައިވެއެވެ. އެހެން ކަމުން އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފަށް ވަދެފައި ވިކަމަށް ވިނަމަވެސް އެ ފައިސާ އަކީވެސް ޤާނޫނުން ބޭރުން ވަދެފައިވާ ފައިސާކަން ކަނޑައަޅަން ޖެހޭނީ ތަހުގީގަކުންނެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވެއެވެ.އޭސީސީގެ ތަހުގީގުވެސް ފުރިހަމައެއް ނޫން
ރައީސް ޔާމީން އާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައި އެސްކްރޯ އެކައުންޓަކަށް 2018 ވަނަ އަހަރުގެ މާޗު މަސްތެރޭ 1 މިލިއަން ޑޮލަރު ޖަމާކުރެވުނު އިރު، ހަގީގަތުގައި ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަމަށް އޭސީސީއަކަށް ނުނިންމެއެވެ. އަދި މިހާރު އާންމުވެފައިވާ ބޭންކު ސްޓޭޓްމެންޓުތަކުން ދައްކާގޮތުގައި ރައީސް ޔާމީން އެކައުންޓަށް ވަދެފައިވާ ފައިސާގެ ތެރެއިން ކިރިޔާވެސް ތުހުމަތުވާ ގޮތަކަށް ހުރީ 19،016.38 ޑޮލަރެވެ. އެހެން ކަމުން އެސްކްރޯ އެކައުންޓު ހަދައި އަސްލު ޖަމާކުރަން ޖެހޭނީވެސް އެ އަދަދުކަމަށް ޤާނޫނީ މާހިރުން ދެކެއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު އޭސީސީ އިން އެދުނު ގޮތަށް 1 މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަކަށް ޖަމާކޮށްފައެވެ. އެހެންކަމުން މިހާރު އުފުލާފައިވާގޮތަށް ދައުވާ ނުއުފުލޭނެކަމަށް ޤާނޫނީ ވަކީލުންދެކެއެވެ. މީގެ އިތުރުން ޝަރީއަތުގައި ހެކިބަސް ދެއްވަމުން އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުވެސް ވަނީ ތަހުގީގު އަދި ނުނިމޭކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ ދައުލަތުގެ ފައިސާކަމަކަށް ނުނިންމޭ ކަމުގައި ބަޔާންކޮށްފައެވެ.މައްސަލަ ބަލައިގަތީވެސް ފަނޑިޔާރަށް ބިރު ދައްކައިގެން
މި މައްސަލަ ފެށުނު ގޮތާއި، އަދި ކުރާ ދައުވާއަށް ބަލާލުމުން، މިއީ ކުރެވޭނެ ދައުވާއެއް ނޫންކަން ސާބިތުވެއެވެ. ހުދު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންވެސް މި މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާކަން އެނގެއެވެ. އެހެން ކަމުން ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫނެވެ. ކަން މިހެން ހުއްޓަސް ކްރިމިނަލް ކޯޓުން މި މައްސަލަ ބަލައިގަތެވެ. އޭރުވެސް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ހައިލަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ބިރު ދައްކާ އިންޒާރު ދީ ހެދިކަމުގެ ތުހުމަތު ގިނަ ފަރާތްތަކުން ކުރިއެވެ. އަދި ޝަރީއަތުގެ މެދުތެރެއިން ގާޒީ ހައިލަމްގެ މައްސަލައެއް ފެންމަތިކޮށް އެ މައްސަލަ ޖޭއެސްސީގައި ޕާކުކޮށްފައި ބޭއްވުމުންވެސް ގާޒީއަށް ބިރު ދެއްކި ކަމާ ބުނާބުނުމަށް އިތުރަށް ބާރު ލިބެއެވެ.
މިހުރިހާކަމެއް މިގޮތަށް ހިނގާފައި ހުއްޓާ ރައީސް ޔާމީނަށް ހުކުމް އިއްވަން ތާވަލު ކުރެވުނު ޝަރީއަތުގެ މަޖްލީސް ފެށުމުގެ 5 ގަޑި އިރު ކުރިން ފަނޑިޔާރު ހައިލަމް ވަނީ ސަސްޕެންޑުކުރެވިފައެވެ. އަދި އެފަހުން ހައިލަމް ނެރުއްވި ބަޔާނުން ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި އޮތްވަރު ހާމަވެއެވެ. ރައީސް ޔާމީންގެ ޝަރީއަތަކަކީ ލައިވްކޮށް ޓީވީ އިން ދެއްކި ޝަރީއަތެއްކަމުން ޝަރީއަތް ހިނގައިދިޔަގޮތް އެންމެނަށްވެސް ވަރަށް ސާފެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި، ޝަރީޢަތުގައި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަތަކަށް ބަލާއިރުވެސް މި ދައުވާ ރައީސް ޔާމީންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާނެކަމަށް ރާއްޖޭގެ ފުންނާބު އުސް ވަކީލަކު ނަން ހާމަނުކުރެއްވުން އެދި މައުލޫމަތު ދެއްވަމުން ވިދާޅުވިއެވެ. އަދި މި ދައުވާގެ އަސާސްތައް ވެސް ބާތިލުކަމަށް ވަކީލު ވިދާޅުވީއެވެ. އިދިކޮޅު ޕީޕިއެމްއިން އެންމެ ފުރަތަމަވެސް ސިފަކޮށްފައިވާ ގޮތުގައި މިއީ ސިޔާސީ ދައުވާއެކެވެ. މި މައްސަލާގައި ޖޭއެސްސީއިން އަދި ސަރުކާރުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތުން ޕީޕީއެމްއިން އެންމެ ފުރަތަމަވެސް ތުހުމަތު ކުރިގޮތަށް މިއީ އަސްލެއް ނެތް ސިޔާސީ ދައުވާ އެކޭ ބުނެވޭނެ ޖާގަ މިހާރުއެބައޮތެވެ.
މި ލިއުމާއި ގުޅޭ