މިއަހަރު އައްޑޫގައި ތަރައްޤީގެ ބޮޑު މަޝްރޫއުއެއް ނުފެށޭނެ: ރައީސް ނަޝީދު

މަރިޔަމް ލީނާ 3 ނޮވެމްބަރު 2019 12:47
Flowers
ރައީސް ނަޝީދު ރޭ ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

މި އަހަރު އައްޑޫ ސިޓީގައި ތަރައްޤީގެ ބޮޑު މަޝްރޫއުއެއް ނުފެށޭނެ ކަން ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ. 

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް ނަޝީދު، ފޭދ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ފެށޭވަރު ވާނީ އަންނަ އަހަރު މާޗުމަހުގައި ކަމަށެވެ. މިގޮތުން، އައްޑޫގެ މަގުތަކާއި، ބަނދަރާއި، އެއާޕޯޯޓާއި، ކަރަންޓުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ލިބިފައިވާ ކަމަށާއި، އަދި މާލެއަށް ކުރާ ހަރަދަށްވުރެ އައްޑޫއަށް ކުރާ ހަރަދު އިތުރުވާނެކަމަށެވެ. 

"މިހާރު ކަންކަން ހިނގަމުން އައިސްފައި ހުރި ހިސާބުން، މި ދެންނެވި ބޮޑު މަސައްކަތްތައް ފެށިގެން އަންނާނީ އަޅުގަނޑު ލަފާކުރާ ގޮތުގައި މާޗު މަހު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަހަރު ކުރިއަށް ދާނީ ކުދި މަސައްކަތްތައް ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ލާމަރުކަޒީ ގާނޫނުން ލިބޭ ބާރާއި އިހުތިޔާރުން ލިބޭ ފައިދާ އަންނަ އަހަރު ފެންނަން ފަށާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރައީސް ސޯލިހް މީގެ ކުރިން އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި މި އަހަރު އެކަނިވެސް އައްޑޫގެ ތަރައްޤީއަށް 400 މިލިއަން ރުފިޔާ ހަރަދުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އައްޑޫގައި ތަރައްޤީގެ މާބޮޑު މަސައްކަތްތަކެއް ނުކުރެވެއެވެ. އެންމެ ބޮޑު މަސައްކަތަކަށް ކުރެވޭ ސިޓީ ސްކުއެއަރ ހެދުމުގެ މަސައްކަތް ވެސް ނިންމަން ބުނި ތާރީހު ފަހަނަޅައި ދިޔައިރުވެސް ނުނިމޭކަން ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު