Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ދިވެހިންގެ މިނިވަންކަން ދިފާޢުކުރީ ދިވެހިން: އިންޑިޔާ ސިފައިންނެއް ނޫން!

3 ނޮވެމްބަރުގެ ބަތަލް ޝަހީދު ހުސެއިން އާދަމް
ނަޞްރުގެ ދުވަސް ނުވަތަ ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކީ މިހާރަކަށް އައިސް ދިވެހި އަބްޠާލުންގެ ޛިކުރާ އާކޮށް އެއަބްޠާލުންނަށް ޝުކުރުވެރިވުމުގެ ދުވަހަކަށްވުރެ އަވައްޓެރި އިންޑިޔާއިން ފޯރުކޮށްދިން އެހީތެރިކަން އޭގެ ޙަޤީޤީ ބުރަދަނަށްވުރެ ބޮޑުކޮށްގެން ދައްކާ ދުވަހަކަށް ބައަކު ހަދައިފިއެވެ. މިފަދަ މީހުން 1988ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރި ސިފައިންގެ ބޭކަލުން ޞިފަކުރަނީ ފިދަނަތަކެއްގެ ގޮތުގައެވެ. ދެންތިބި ބައަކު ބުނަނީ އެދުވަހު ދިވެހި ސިފައިން ތިބީ ފާރުތައް ބުޑުގައި ބޮދައި ރޯން ކަމުގައެވެ.ދިވެހި ސިފައިންގެ ހިތްވަރު
ފަތިހު ޢަދުއްވުންގެ ލަޝްކަރު މާލެއަށް އެރުމާއެކު، ޝަހީދު ޙުސައިން އާދަމްގެ ބަޑިން އެދެއްވި ހަމަލާއެކު، ދިވެހި ސިފައިން ހޭވެރިވެ، އަވަސްވެގަތީ ޤައުމާއި ދީނާއި މިނިވަންކަމުގެ ޙައްޤުގައި މަތިވެރި ޖިހާދެއް ކުރުމަށެވެ. ދިވެހި ސިފައިންގޭ ފާރުން ބޮޑު ބާގަނޑެއް ތޮރުފާލައިގެން ސިފައިންގެ އެތެރެއަށް ވަދެވޭތޯ ބާޣީން ފެށި މަސައްކަތް ނާކާމިޔާބުކުރީ ދިވެހި ސިފައިންނެވެ. އެމީހުންގެ ކެރުމާއި ހިތްވަރުންނެވެ.
ޢަދުއްވުންގެ އެންމެ އިސްވެރިޔަކަށް ހުރި ވަސަންތީ މަރުވީ އިންޑިޔާ ސިފައިން ފޮނުވާލި ވަޒަނަކުން ނޫނެވެ. ހިތްވަރުގަދަ ދިވެހި ސިފައިންގެ ބޭކަލަކު ދެއްވި ހަމަލާއެއްގައެވެ. އިތުރަށްވެސް ބާޣީ ލަޝްކަރުގެ ކޮމާންޑަރުން ފެންވަރުގެ 4 ވަރަކަށް މީހުން މަރުވީ ދިވެހި ސިފައިން ކުރި ހިތްވަރުންނެވެ. ނޮވެންބަރު 3 ވަނަ ދުވަހު 9 ޖެހިއިރު، ބާޣީ ލުޠުފީ ޙާޞިލުކުރުމަށް ކަނޑައެޅި އަމާޒުތަކުގެ ތެރެއިން އެއްވެސް މިންވަރެއް ހާޞިލުނުވެ، ނާކާމިޔާބީ ބާޣީންނަށް އިޙުސާސްކުރެވުނީ ދިވެހި ސިފައިންނާއި، ހިތްވަރުގަދަ ޤައުމަށް ތެދުވެރި ދިވެހި ރައްޔިތުންގެ ސަބަބުންނެވެ. މަގުމަތިން މީހުން ބާޣީންނާ ދިމާލަށް ގައު އުކައި، އެމީހުންނާ މެދު ނުރުހުން ފާޅުކުރިއެވެ.
އެދުވަހު މެންދުރު 12 ޖެހިއިރު ލުޠުފީ އަތިރިމައްޗަށް ނުކުމެ ދޯންޏެއް ހޯދައިގެން އެދޯނީގައި ގޮސް ޕްރޮގްރެސިވް ލައިޓަށް އަރައިފިއެވެ. އަދި ދިވެހި ދައުލަތުގެ ބައެއް އިސްވެރިން ހައްޔަރުކޮށްގެން އެބޭފުޅުން ރަހީނުކޮށްގެން ފިލަން ރާވައި ރަހީނުކުރާނެ ފަރާތްތަކުގެ ލިސްޓެއް އެކުލަވައިލިއެވެ. އަދި އިންޑިޔާ ސިފައިންގެ ހިލަމެއްވެސް ނެތެވެ. މާތްﷲގެ ހެޔޮ ރަހުމަތްފުޅާއި ދިވެހިންގެ ހިތްވަރުން ބާޣީންގެ ރޭވުން ނާކާމިޔާބުވީއެވެ.
އިންޑިޔާ ސިފައިންގެ ހިލަމެއް އެންމެ ފުރަތަމަވީ އެދުވަހު ހަވީރު ފަހެއް ޖެހިހާއިރުއެވެ. މާލެ މަތިން ބޭރުގެ މަތިންދާ ބޯޓެއް ދަތުރުކުރީއެވެ. އެއިރު ބާޣީން ތިބީ ޕްރޮގްރެސް ރަހީނުކުރެވުނު މީހުން އަރުވައިގެންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ބައެއް އިސްވެރިންވެސް ތިއްބެވިއެވެ. ދިވެހިންނަށް އެހީތެރިވުމަށް އައި އިންޑިޔާ ސިފައިންގެ ފުރަތަމަ ފައުޖުތައް މާލޭ ވައިގެ ބަދަރު (ހުޅުލެ)އަށް ފޭބީ އެރޭ ފަތިހުގެ ވަގުތެއްގައެވެ. އެއިރު ބާޣީން ބައިބައަށް ޕްރޮގްރެސްލައިޓަށް އަރައި ފިލުމަށް ތައްޔާރުވަމުންދަނީއެވެ.
ރޭގަނޑު 11 ޖެހިހައި އިރު ޕްރޮގްރެސްލައިޓުގައި ބާޣީ ލުޠުފީއާއި ދިރިދުނިޔޭގައި ތިބި ބާޣީންތައް ނުކުތީއެވެ. މާލޭ ކަނޑު އޮޅުން ބޭރުވެ، ގާދޫކޮލުން ނުކުމެ، ޖާވާއަށް މިސްރާބުޖެހީއެވެ. ފަހުން މިސްރާބު ލަންކާއަށް ބަދަލުކޮށްލީއެވެ. ކޮންމެއަކަސް އެހިސާބުން އިންޑިޔާ ސިފައިން ދިވެހިރާއްޖޭގައި ހިންގި މަޝްހޫރު އޮޕަރޭޝަން ކެކްޓަސް ފެށީއެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ދިވެހި ފަސްގަނޑު ރައްކާތެރިކުރުމުގެ ހަރަކާތެއް ނޫނެވެ. އެއީ ނިރުނބަވެރިންނަށް ފިލިޔަނުދީ އެމީހުންގެ އަތްދަށުގައި ރަހީނުވެފައިތިބި ދިވެހިން ސަލާމަތްކުރުމަށް ހިންގުނު "ރެސްކިއު" އޮޕަރޭޝަނެކެވެ. އިންޑިޔާއިން މިނިވަންވާންޖެހުން
ނޮވެންބަރު 3ވަނަ ދުވަހު ދިވެހިންނަށް ލިބުނު ނަޞްރުގެ ވާހަކަދައްކާއިރު ދިވެހިން ފާހަގަނުކުރާ ނުވަތަ ނުދައްކާ ވާހަކައެއް އެބައޮވެއެވެ. އެއީ އެދުވަހު ދިވެހިންގެ ތެރެއިން ބާޣީން ރަހީނުކުރި ފަރާތްތައް ސަލާމަތްކޮށްދިނުމަށް އައި އިންޑިޔާގެ ފައުޖުތަކުގެ ވާހަކައެވެ. އެމީހުން ދިވެހިރާއްޖޭގައި ބަނޑަހަޖެހި ވާހަކައެވެ. ޒާތަކަށް އިންޑިޔާގެ ހިމާޔަތަށް ދިވެހިރާއްޖެ ދިއުމުގެ ކޮޅުމަތި ފެންނާން ފެށި ވާހަކައެވެ.
ބައެއް ހަރު ޢުމުރުގެ ބޭފުޅުން ވިދާޅުވެދެއްވާ ގޮތުގައި ދާރުލް ޢުލޫމުގައި ބޭއްވި ޖަލްސާއެއްގައި އިންޑިޔާ ސިފައިން ރާއްޖެއިން ނުފައިބައިގެން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެއިރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު ވާހަކަފުޅުދެއްކެވިއެވެ. ނަމަވެސް މިވާހަކައަކީ ތެދެއްކަމެއް ދޮގެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެބުނާ ތަޤުރީރެއް ހޯދުމަށް ލައްކަ އުޅެވިއްޖެއެވެ. ފެންނަ ގޮތެއް ނުވިއެވެ.
ނަމަވެސް އަޅުގަނޑުމެންގެ ޤައުމުގެ ޚާރިޖީ ސިޔާސަތުގެ މޭސްތެރިޔާގެ ގޮތުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ، އެއިރުގެ ޚާރިޖީ ވަޒީރު ފަތުޙުﷲ ޖަމީލު އ.ދގެ ޢާންމު ބައްދަލުވުމެއްގައި މިފަދަ ޙާލަތަކަށް އިޝާރާތްކުރައްވައި ތަޤުރީރެއް ދެއްވާފައިވެއެވެ. އެއީ ވަރަށް ބޭނުންތެރި ތަޤުރީރެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ އަޅުގަނޑުމެންގެ ތުއްތު ކުދީންނަށް އުނގަންނައިދީ ކިޔަވައިދިނުން ރަނގަޅު ތަޤުރީރެކެވެ. އެއިން ކޮންމެވެސް މިންވަރެއް މިލިޔުމުގައި ދިވެހި ބަހަށް ތަރުޖަމާކޮށް ނަކަލުކޮށްލާނަމުއެވެ. އެތަޤުރީރުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "ކުދި ދައުލަތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގައި އެދައުލަތްތަކަށް އެހީތެރިވާ އަދި އެހީތެރިވެވޭނެ ބޮޑެތި ދައުލަތްތައް އެބަހުއްޓެވެ. އެފަދަ ރަޙުމަތްތެރި ދައުލަތްތަކުގެ ކިބައިގައިވާ ޒިންމާގެ ޝުޢޫރާމެދު އަޅުގަނޑުމެން ޝުކުރުވެރިވުމާއެކު، ދޭދޭ ދައުލަތްތަކުގެ މެދުގައިވެވޭ ސަލާމަތީ އެއްބަސްވުންތަކުގެ ތެރެއިން ބަލިކަށި ދައުލަތުގެ މަޞްލަޙަތު ދިފާޢުކުރެވޭ މިންވަރަށް ބައިނަލްއަޤުވާމީ ނިޒާމު ތަޞައްރުފު ފުދިފައިނުވާކަން ފާހަގަކުރަނީ ހިތާމައާއެކުއެވެ. އަދި ބާރުދެރަ ދައުލަތުގެ އިޖުތިމާޢީ ސިޔާސީ ޝަޚުޞިއްޔަތާއި ސިޔާދަތީ ހަމަހަމަކަމުގެ މަބްދައުވެސް، ހަމަހަމަނޫން ގުޅުމެއްގެ ނުރަނގަޅު ނަތީޖާތަކުން އެދައުލަތް ހިމާޔަތްކުރެވޭހާ ބާރުގަދަ ނޫންކަންވެސް ފާހަގަކުރަމެވެ."
ފަތުޙުﷲ ޖަމީލުގެ ތަޤުރީރުން މިބައި މުހިއްމުވަނީ ވަރަށް މުހިއްމު ސަބަބަކަށްޓަކައެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގައި ދައުލަތްތަކުގެ މެދުގައި އޮންނަނީ ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައި ނަޒަރީ ގޮތުން ޤަބޫލުކުރެވުނު ނަމަވެސް، ބައެއް ދައުލަތްތަކުން އެދައުލަތްތަކަށްވުރެ ކުދި އަދި ބަލިކަށި ދައުލަތްތަކާމެދު ދެކެނީ ހަމަހަމަކަމުގެ ނަޒަރަކުން ނޫނެވެ. އިންޑިޔާއަކީ މިދެންނެވި ބާވަތުގެ ދައުލަތްތަކުގެ މިސާލެކެވެ. ދިވެހިރާއްޖެ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނު ފަދަ ޤައުމުތަކާމެދު އިންޑިޔާއިން ދެކެނީ އެޤައުމުތަކަކީ އިންޑިޔެގެ "ބެކް ޔާރޑު" ކަމުގައެވެ. އިންޑިޔާގެ ގެދޮރު ފަހަތުގައި އޮންނަ ހުސް ފަސްގަނޑެއްގެ ގޮތުގައެވެ. އިންޑިޔާ ރުހޭ ދުވެއްޔަށްވުރެ ހަލުއި ދުވެއްޔެއްގައި މިއިން ޤައުމަކަށް ކުރިއެރުން ގެންނަނަމަ، ނުވަތަ އިންޑިޔާ ނުރުހޭ ޤައުމަކާ އެކުވެރިކަން ބަދަހިކުރާނަމަ، އިންޑިޔާއިން މިޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ތަދައްޚުލުވާނެއެވެ. އެވާހަކަ އިންޑިޔާގެ ޓީވީތަކުގައި އިންޑިޔާގެ ޢަސްކަރިއްޔާއާއި ޚަރިޖިއްޔާގެ ތަޖުރިބާކާރުން ދައްކަވާނެއެވެ. މިއަދުގެ ޙާލަތު
އިންޑިޔާއިން އެޤައުމުގެ އަވައްޓެރި ޤައުމުތަކާމެދު ގެންގުޅޭ ސިޔާސަތުތައް ދިރާސާކޮށް ލިޔެފައިހުރި ކަރުދާސްތަކުގައި އަދި އިންޑިޔާގެ ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ސީއައިއޭއިން އެކުލަވައިލި ޖާސޫސީ ލިޔުންތަކުގައިވެސް އިންޑިޔާގެ ވިސްނުން ޞިފަކޮށްފައިވަނީ ރީޖަނަލް ހެޖޮމީންއެއްގެ ގޮތުގައެވެ. މާނައަކީ މުޅި މިސަރަހައްދުގެ ކޮންޓުރޯލް އެބައެއްގެ އަތްމަތީގައި އޮންނާންޖެހޭ މީހުންގެ ގޮތުގައެވެ. އެގޮތަށް އިންޑިޔާއިން ޤަބޫލުކުރާ ކަމުގައިވެސް މިލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.
އެކަމުގެ ސަބަބުން އިންޑިޔާއާއެކު ބާއްވާ ގުޅުންތަކުގައި ވަރަށް ބޮޑަށް ދިވެހި ސަރުކާރުތަކުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވެއެވެ. ނޮވެންބަރު 3ގެ ތަޖުރިބާއިން ވަރަށް ރަނގަޅަށް އިންޑިޔާއާ މުޢާމަލާތްކުރުމުގައި ވިސްނުންތެރިކަން އިސްކުރުމުގެ މުހިއްމުކަން އެނގުނީ ތޯއްޗެކެވެ. މިހާރަކަށް އައިސް ހާލަތު ބަދަލުވެއްޖެއެވެ. އިންޑިޔާ ސިފައިންނަށް ދިވެހިރާއްޖޭގެ ކަނޑުތަކުގެ ހައިޑްރޯގުރަފީ ސަރވޭއެއް ހަނދަން ދީފިއެވެ. އިންޑިޔާއިން ގެނެސްފައިވާ ދެހެލިކަޕްޓަރާއެކު، ދޮޅުހައްކަ އިންޑިޔާ ސިފައިން ދިވެހިރާއްޖޭގައި ދާއިމުވެ އެބަތިއްބެވެ. މިވެރިންގެ ވާހަކައަކީވެސް ނޮވެންބަރު 3ގެ ވާހަކަ ފަދަ ވާހަކައެކެވެ. އިންޑިޔާއިން ރާއްޖެއަށް ހަނދިޔާކުރި ހެލިކަޕްޓަރުތަކެއް ދިވެހި ސަރުކާރުން ބޭނުންނުވާތީ އަނބުރައި ގެންދިއުމަށް އިންޑިޔާ ކިބައިން އެދުނެވެ. ހެލިކަޕްޓަރުތައް ނުގެންދިޔައެވެ. އެހެލިކަޕްޓަރުތަކާއެކު އައިސްތިބި ސިފައިންގެ ވިސާ ދިވެހި ސަރުކާރުން އައުކޮށްނުދިނެވެ. ސިފައިންނެއްވެސް ނުދިޔައެވެ. މިފެންނަނީ ސިޔާދީ ހަމަހަމަކަމުގެ މަބްދައު އިންޑިޔާއިން ޤަބޫލުނުކުރާ ކަމުގެ އުސްއަލިތަކެވެ. މިކަންކަމާމެދު ވިސްނައިލުމަށް ނަޞްރުގެ ދުވަހަށްވުރެ މުނާސަބު ދުވަހެއް ވަކި ކޮބައިތޯއެވެ؟ މިނިވަންކަމާމެދު ރައްކާތެރިވޭ
މިނިވަންކަން ރައްކާތެރިކުރުމަކީ ވަރަށް ބޮޑު ބިޔަ މަސައްކަތެކެވެ. ބައިނަލްއަޤުވާމީ ގުޅުންތައް ފޮރުޅެމުން ބަދަލުވަމުންދާ ގޮތްތަކަށް ހޭވެރިވެގެން ނޫނީ މިނިވަންކަން ދިފާޢެއް ނުކުރެވޭނެއެވެ. މިނިވަންކަން ދިފާޢުކުރުމަށް ޤައުމީ ލޯތްބަށް ބޭނުންވެއެވެ. ޤައުމީ ސަލާމަތާއި ޤައުމީ މަޞްލަޙަތުތައް އިސްކުރެވެންޖެހެއެވެ. ސިޔާސަތު އެކަށައަޅާ ފެންވަރުގައި ތިއްބެވި ބޭފުޅުން ނަމޫނާއަކަށް ބައްލަވާންވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ޙައްޤުގައި ޖިހާދުކުރެއްވި އަބްޠާލުންނެވެ. ޝަހީދު ހުސައިން އާދަމް ފަދަ އިޚުލާޞްތެރި މުޖާހިދުންނެވެ. ޤައުމުގެ ދިފާޢީ ބާރުތަކަކީ ފިނދަނަ ކަމުގައި ބުނެ އެފަރާތްތަކަށް ހަޖޫ ޖަހާނަމަ، އެކަމުން ފެންނަނީ ޤައުމުގެ މިނިވަންކަމާމެދު، ޤައުމުގެ ސަލާމަތާމެދު އެއްވެސް މިންވަރެއްގެ ވިސްނުމެއް ނެތް ކަމެވެ.
މިނިވަންކަން ރައްކާތެރިކުރުމުގައި ސިޔާދަތީ ހަމަހަމަކަމުގެ މަތީގައި ބައިނަލްއަޤުވާމީ ގުޅުންތައް ބައްޓަންކުރުން މުހިއްމެވެ. އެހަމަހަމަކަމަށް އިޙުތިރާމް ނުކުރާ ދައުލަތްތަކާއެކު، ގުޅުން ބޭއްވުމާއި ގުޅުން ދެމެހެއްޓުމުގައި ވިސްނުންތެރިކަން އިސްކުރުން ލާޒިމުވެގެންވެއެވެ. އެއީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށެވެ.
މި ލިއުމާއި ގުޅޭ