Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިންޑިއާއިން 1981 ގައި އުފައްދަން ފެށި މަތިންދާބޯޓެއް އެމްއެންޑީއެފުން ކުއްޔަށް ހޯދަނީ

އިންޑިއާ އިން 1981 ވަނަ އަހަރު، އެ ޤައުމުގެ ނޭވީގައި ބޭނުން ކުރަން އުފެއްދި ޑޯނިއާ ޑީއޯ 228 މަރުކާގެ މަތިންދާ ބޯޓެއް ދިވެހި އަސްކަރިއްޔާއިން ކުއްޔަށް ހޯދަން ނިންމައިފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އަސްކަރީ ގުޅުން ބަދަހި ކުރުމަށްޓަކާ، އެ ޤައުމުން ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެއަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އިންޑިއާ ގެ ނޭވީގައި ބޭނުން ކުރަމުން އަންނަ ޑޯނިއާ ޑީއޯ 228 އަކީ 1981 އިން 1998 އަށް އިންޑިއާގެ އަސްކަރީ އުޅަނދުފަހަރު އުފައްދާ ކުންފުނިން ޖަރުމަނުގެ ޑޯނިއާ ކުންފުނިން ލައިސަންސް ގަނެ އުފައްދާފައިވާ މަތިންދާ ބޯޓު ސީރީސް އެކެވެ. މިހާތަނަށް މި މަރުކާގެ 49 ބޯޓް އެކި މައްސަލަތަކާއި ގުޅިގެން ވެއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެހާދިސާތަކުގައި 187 މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެހެންކަމުން މިހާ އުމުރުން ދުވަސްވީ މައްސަލަތައް ގިނަ ބޯޓެއް ކުއްޔަށް ހޯދުމުގައި ފޮރުވިފައިވާ މަޤްޞަދާއި ހާސިލްކުރަން ބޭނުންވާ ލަޑުދަޑިތަކާއިމެދު ސުވާލު އުފައްދާ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންނެވެ. އެފަދަ ބޭފުޅުންގެ ނަޒަރުގައި މިއަށްވުރެ ފެންވަރު ރަނގަޅު ޒަމާނީ ބޯޓްތައް ގަނެ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ދިވެހި ދައުލަތުގެ ކިބައިގައި އެބަހުއްޓެވެ. އެގޮތުން ދިވެހިރާއްޖެއަކީ ބޮޑުމިނާއި އަދި އަގުގެ ގޮތުން ޑޯނިއާ ޑީއޯ 228 އާ އެއްވަރުގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް މުޅި ދުނިޔޭގައިވެސް އޮޕަރޭޓްކުރާ ފަޚުރުވެރި ޤައުމުކަމަށް އެބޭފުޅުން ފާހަގަކުރެއެވެ.
އިންޑިއާގެ ނޭވީގައި މިވަގުތު މީގެ 63 ބޯޓު ބޭނުން ކުރެއެވެ. "ދަ ހިންދޫ" ގައި މި ފަދަ ބޯޓެއް ރާއްޖެއަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވީނަމަވެސް އަދި ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން މި މައުލޫމާތު ހާމަކޮށްފައި ނުވެއެވެ.
ނަމަވެސް އިތުބާރު ހުރިގޮތަކަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ޑޮނިއާ ފްލައިޓާއި އެކު އިންޑިއާ ސިފައިންގެ ފައުޖެއްވެސް ރާއްޖޭގައި ހަރަކާތްތެރި ވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފްލައިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ކައްދޫގައި ހުންނަ އަސްކަރީ އެއާޕޯޓުގައެވެ.
އިންޑިއާ އިން މީގެ ކުރިން ވަނީ ދިވެހިރާއްޖެއަށް 2 ހެލިކޮޕްޓަރު ދީފައެވެ. ހަދިޔާއެއްގެ ގޮތުގައި ކަމަށް ބުނެ ދިން ހެލިކޮޕްޓަރުގެ ހުރިހާ ކަމެއްގައި ވެސް ހަރަކާތްތެރި ވަނީ އިންޑިއާ ސިފައިންނެވެ. އަދި ހެލިކޮޕްޓަރު ރާއްޖެއަށް ގެނައި އެއްބަސް ވުމުގައި ވާގޮތަށް، ދިވެހި ސިފައިން އެ ދުއްވަން ތަމްރީނު ކުރަންވެސް އިންޑިއާއިން ވަނީ ދެކޮޅުހަދާފައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އެ ހެލިކޮޕްޓަރު ތަކާއި ގުޅޭ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އަލުން ފޮނުވާލުމަށް ނިންމުމުން އިންޑިއާއިން އެ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ދެކޮޅު ހެދިއެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުގެ ފަހު ދުވަސްކޮޅު، ހެލިކޮޕްޓަރު ދުއްވާ ސިފައިންގެ ވިސާ އާކޮށް ނުދިނުމުގެ ސަބަބުން، އެ ހެލިކޮޕްޓަރުތައް އެއްވެސް ގޮތަކަށް ބޭނުން ނުކުރެއެވެ. އަލުން ހެލިކޮޕްޓަރުތައް ބޭނުން ކުރަން ފެށީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވެ.
މި ލިއުމާއި ގުޅޭ