Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ބައްދަލުވުން ބަގުކުރި ކަމުގައި ތުހުމަތުކޮށްފި

މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ވަކީލުންގެ މެދުގައި ބޭއްވި ބައްދަލުވުމެއް ބަގުކޮށް އަޑުއެހި ކަމުގައި އެމަނިކުފާނުގެ ވަކީލުން މިއަދު ތުހުމަތުކުރައްވަައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލުންވަނީ އެމަނިކުފާނާ ބައްދަލުވެވަޑައިގެންނެވި ނަމަވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ތަކެއްޗާ ގުޅޭ ގޮތުން ރައީސް ޔާމީނާ މަޝްވަރާކުރެވިފައިނުވާ ކަމުގައި ފާހަގަކުރައްވާފައެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުވެވަޑައިގެންފައިވޭތޯ މައްސަލަ ބައްލަވާ ފަނޑިޔާރު ސުވާލުކުރެއްވުމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނާއި ވަކީލުންނާ އެކީގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާދީފައިނުވާ ކަމުގައެވެ.
"އަޅުގަނޑާ ވަކީލުންނާއެކީ މަސައްކަތްކުރެވޭނެ އިންތިޒާމެއް އަދިވެސް ދައުލަތުން ހަމަޖައްސައިނުދެއްވާ." ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ލިޔުންތަކާއެކު ހުށަހަޅާފައިވާ އޯޑިޔޯ ކުލިޕުތައް އަދިވެސް މުޠާލަޢާނުކުރެވޭ ކަމުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން ވަކީލު ޢަބްދުﷲ ޝިޔާޒު ވިދާޅުވީ ރައީސް ޔާމީނާ ވަކީލާ ބައްދަލުކޮށް މަޝްވަރާކުރަން ފުރުޞަތު ލިބިފައިވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ފުރުޞަތެއް ނުލިބޭ ކަމުގައެވެ. ދައުވާއާ އެކު ފޮނުވި ހެކި ތަކުގެ ތެރޭގައި އިލެކްޓްރޯނިކް ހެކި ހުރި ކަމަށާއި، އެހެކިތައް ރައީސް ޔާމީނާ އެކީގައި ތިބެ މުރާޖަޢާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަންސްގެ ކިބައިން އެދިފައިވާނެ ކަމުގައި ޝިޔާޒު ވިދާޅުވިއެވެ. އެންމެ ފަހުން އޮތް ޝަރީޢަތް ކެންސަލްވި ފަހުން 22 ނޮވެންބަރުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ހެކި މުރާޖަޢާކުރުމުގެ ހުއްދަ ލިބުނު ކަމުގައި ޝިޔާޒު ވިދާޅުވިއެވެ.
އެ ދުވަހު ޖަލަށް ވަޑައިގަތުމުން ކަރެކްޝަންސްއިން ދިން ލެޕްޓޮޕަކަށް ފައިލުތައް އަޅާފައިވާ ޑިވަސްޖެހުމާއެކު އިތުރު ފައިލުތަކެއް އުފެދެން ފެށި ކަމުގައިވެސް ޝިޔާޒު ވިދާޅުވިއެވެ. އަދި ވަކީލާއި މުވައްކިލުގެ މެދުގައި ޤާނޫނީ ހިމާޔަތް ލިބިގެން ދެކެވޭ ވާހަކަތައް ތިންވަނަ ފަރާތަކުން އަޑުއަހައިފާނެ ކަމުގެ ފުރުޞަތު އޮތްކަމުގައި ފެނުމާއެކު އެ ދުވަހު އެ މަސައްކަތް ހުއްޓަވައިލެއްވި ކަމުގައިވެސް ޝިޔާޒު ވިދާޅުވިއެވެ.
މިފަދައިން ފާހަގަކުރެއްވުމުން ވަކީލުންނާއި ރައީސް ޔާމީން އެކީގައި ކޯޓުގައި ތިއްބަވައިގެން ދިރާސާކުރައްވަން ވަޑައިގަތުމަށް ޤާޟީ ދެންނެވިއެވެ. އަދި އެ ފުރުޞަތު ދެއްވުމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ އަމިއްލަ ލެޕްޓޮޕް ޖަލަށް ވައްދައިގެން ވަކީލުންނާ ބައްދަލުކުރައްވައި ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ކަމުގައެވެ. އެއީ ކޯޓަށް ވަޑައިގެން އެ މަސައްކަތްކުރެއްވުމުން ގިނަ ވަގުތުތަކެއް ގެއްލިގެންދާތީ ކަމުގައިވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޕީޖީ އޮފީހުގެ ވަކީލުންވެސް ޝަރީޢަތުގެ މަޖިލިހުގައި ވިދާޅުވުމާއެކު، ރައީސް ޔާމީނުގެ ވަކީލުންނަށް ލިބިވަޑައިގެންފައިނުވާ ލިޔުންތައް މިއަދުވެސް ރައްދުކޮށްދޭން ބޭނުން ކަމުގައި ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވާފައިވަނީ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުގެ 2 ޖަހާއިރު، އިތުރު އަޑުއެހުމެއް އޮންނާނެކަން އިއުލާނުކުރެއްވުމާއެކުއެވެ. އަދި ލިބިފައިނުވާ ލިޔުންތަކުގެ ލިސްޓު ލިޔުމުން ކޯޓަށް ހުށަހެޅުމަށް ޤާޟީވަނީ އެދިވަޑައިގެންފައެވެ.
މި ލިއުމާއި ގުޅޭ