Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޑެފިސިޓު ކުޑަކުރަން ޚަރަދު ކުޑަނުކޮށް ލަފާކުރާ އާމްދަނީއަށް 200 މިލިއަން އިތުރުކޮށްފި

2021 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގެ ޑެފިސިޓު ނުވަތަ އާމްދަނީއާއި ޚަރަދުގެ މެދުގައި އޮތް ފަރަޤު ކުޑަކުރުމުގެ ގޮތުން ރައްޔިތުން މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަށް 200 މިލިއަން ރުފިޔާ އިތުރުކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 34.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ޓެކުހާއި ޓެކުސް ނޫން ގޮތްތަކުން ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ދައުލަތުގެ ޚަރަދުތަކުގެ ގޮތުގައި 33.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން ބަޖެޓުގައި ޚަރަދާއި އާމްދަނީގެ ފަރަޤު 15.5 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތައް ހާޒިރުކޮށް ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ތެރެއިން އެ އިދާރާތަކުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެދުމާ ގުޅިގެން އެ ވުޒާރާތަކާއި މުއައްސަސާތަކުން ހިންގާ މަޝްރޫޢުތައް އިތުރުކޮށް ބަޖެޓު ބޮޑުކުރުުގެ ސަބަބުން ބަޖެޓަށް އިތުރު 2 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
ބަޖެޓުގެ ޑެފިސިޓު ކުޑަކުރުމުގެ ގޮތުން ދައުލަތަށް ލިބޭނެ ކަމުގައި އަންދާޒާކުރާ އާމްދަނީގެ މިންވަރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީއަށް 598 މިލިއަން ރުފިޔާ އަދި ގުރީން ޓެކްސްއަށް 253 މިލިއަން ރުފިޔާ، އެއާޕޯޓު ސާވިސް ޗާޖަށް 218 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ޗާޖަށް 219 މިލިއަން، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން އަދި ހަރުމުދަލުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިހާރު ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.
ކޮމިޓީން ބަޖެޓަށް ގެނައި ބަދަލުތަކާއެކު ބަޖެޓު ޑެފިސިޓު ވަނީ ކުޑަ ކުރެވިފައެވެ. އެގޮތުން 15.5 ބިލިއަން ރުފިޔާއިން 12.3 ބިލިއަން ރުފިޔާއަށް ޑެފިސިޓު ކުޑަވާނެއެވެ.
ނަމަވެސް ސަރުކާރަށް ލިބޭނެ ކަމަށް މިހާރު އަންދާޒާކޮށްފައިވާ މިންވަރަށް އާމްދަނީ ލިބޭނެކަމުގެ ޔަޤީންކަމެއް ނެތެވެ. އެގޮތުން ބަޖެޓުގައި އާމްދަނީ އިތުރުވާނެ ކަމަށް ހިމަނާފައިވާ ވަރަށް ގިނަ ކަންކަމަކީ ފަތުރުވެރިކަމާ ގުޅިފައިވާ ކަންކަން ކަމުގައިވާއިރު، ކުރިއަށް އޮތް އަހަރު ފަތުރުވެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިޢާދަނުވާނެ ކަމުގައި ދުނިޔޭގެ އެންމެ ބޮޑު ކުރެޑިޓު ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ފިޗް ރޭޓިންސްއިން ލަފާކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ