ސްޕޯޓްސް އާބިޓަރޭޝަން ޕެނަލް އުފެއްދުން އަވަސްކުރުމަށް އަންގަން ފާސްކޮށްފި

ޝިފްޒާން އަހްމަދު 22 ނޮވެމްބަރު 2020 20:37
Flowers
އިޖްތިމާޢީ ކޮމިޓީ

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ސްޕޯޓްސް އާބިޓަރޭޝަން އުފެއްދުން އަވަސްކުރުމަށް އެންގުމަށް ރައްޔިތުން މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީން ފާސްކޮށްފިއެވެ. 

ސްޕޯޓްސް އާބިޓަރޭޝަން އުފެއްދުން އަވަސްކުރަން އެންގުމަށް ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ ބުދަދުވަހު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގަައެވެ. އެ ގޮތަށް ނިންމާފައިވަނީ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ ދިރާސާކޮށް އެ މަޖިލިހުން ނިންމި ރިޕޯޓުގައި ހިމަނައިގެންނެވެ. 

މި ޕެނަލަކީ ކުޅިވަރުގެ ދާއިރާގައި އުފެދޭ ޚިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ކުޅިވަރު ޤާނޫނުގެ 13 ވަނަ މާއްދާގެ (ލ)ގެ ދަށުން އުފެއްދުމަށް ބުނެފައިވާ ޕެނަލެކެވެ. އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެ ޕެނަލުން ބޭނުންކުރާނެ ޤަވާޢިދުތަކާއި އުޞޫލުތައް އެކުލަވައިލާ އެ ޕެނަލުގެ މަސައްކަތްތައް ފަސޭހަކޮށްދިނުމަކީވެސް ކުރަންޖެހޭ ކަމެކެވެ. 

ކޮމިޓީން ފާސްކޮށްފައިވަނީ ސްޕޯޓްސް އާބިޓަރޭޝަން ޕެނަލް އުފެއްދުން ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެ ޕެނަލް އުފެއްދުމަށް އެދުމާއެކު، އެ ޕެނަލް އުފެއްދުމަށާއި، މަސައްކަތްކުރުމަށް ކުރުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް އަވަހަށް އެކުލަވައިލުމަށް ދެންނެވުމަށެވެ. 

ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހިމެނޭ އިތުރުކަންކަމުގެ ތެރޭގައި އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ކުޅިވަރު ކުޅޭ ކުލަބުތަކަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ބާރުއެޅުމާއެކު، ކުޅިވަރުގެ ރޫޙު ނުގެއްލޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ރޭވުން ހިމެނެއެވެ. 

ޢަލީ ޢާޒިމް ހުށަހެޅުއްވި މައްސަލައަކީ ކުޅިވަރުގެ ދާއިރާ ރެގިއުލޭޓުކުރުމަށް ހަދަންޖެހޭ ޤަވާޢިދުތައް ނަހަދައި ލަސްވާތީ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ. 

ކިޔުންތެރިންގެ ހިޔާލު