ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ކުށުގެ 7 ދައުވާއެއް އުފުލައިފި

އިބްރާހިމް އާދަމް 21 ނޮވެމްބަރު 2020 17:27
Flowers
ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ކުށުގެ 7 ދައުވާއެއް އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައި ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. 

ޢަލީ ވަޙީދަކީ ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަޤާމުގައި ހުރެ، އެ ވުޒާރާގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް؛ ޖިންސީ ގޯނާކުރި ކަމުގައި ތުހުމަތުވުމުގެ ސަބަބުން، މަޤާމުން އިސްތިއުފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގަތުމުން، އިސްތިއުފާނުދިނުމުން ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ. 

މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިޔާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި އަލީ ވަޙީދުގެ މައްޗަށް ޖުމްލަ 7 ދައުވާއެއް ކުރިމިނަލް ކޯޓުގައި އުފުލާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. އަލީ ވަޙީދުގެ މައްޗަށް ކުރާ ހަ ދައުވާގެ ތެރޭގައި ރޭޕުކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. 

އަދި ޖިންސީ ގޯނާކުރަން އުޅުމުގެ ދަޢުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާގެ އިތުރަށް ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެއް ހިމެނެއެވެ. 

ޢަލީ ވަޙީދުވަނީ އޭނާއާ ދެކޮޅަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މުވައްޒަފުންނަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވުމުގެ ކުރިން ފޯނުން ގުޅައި މިނިސްޓަރު ޢާއިޝަތު ނަހުލާއާ ބޭއަދަބީ ގޮތެއްގައި ވާހަކަދެއްކެވި އޯޑިޔޯއެއް ލީކުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު