ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެޗްޑީސީ އިން މުބާރާތެއް ފަށަނީ

އާމިނަތު ޝަމާ އަބްދުﷲ 21 ނޮވެމްބަރު 2020 16:07
Flowers
އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މުބާރާތް އިފްތިތާހްކޮށްދެއްވަނީ/ ފޮޓޯ- އެޗްޑީސީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ މުބާރާތެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށަން ނިންމައިފިއެވެ. 

"އީޖާދީ މަންސަ" ގެ ނަމުގައި ބާއްވާ މި މުބަރާތް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. މި މުބާރާތުގެ ތެރެއިން ފަސް ކެޓަގަރީއަކުން އީޖާދީ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެއެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެއް ވަނަ އާއި ދެވަނަ ހޮވާނެއެވެ. އެޗްޑީސީއިން ބުނީ މި މުބާރާތުގައި ވަނަތަކަށް ދާ ފަރާތްތަކަށް އެޗްޑީސީން ކަނޑައަޅާ މުއްދަތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓުގެ ވިޔަފާރި ޔުނިޓެއް ކުލި ދައްކަން ނުޖެހޭ ގޮތަށް ލިބޭނެކަމަށެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ދާ ފަރާތްތަކަށް 1 އަހަރު ވަންދެން ކުލި ދައްކަން ނުޖެހޭނެކަމަށާއި، ދެވަނައަށް ދާ ފަރާތްތަކުން 6 ދުވަސް ވަންދެން ކުލި ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

މި މުބާރާތަށް އީޖާދީ ހިޔާލު ހުށަހެޅުމަށް ހިމެނޭ ކެޓެގަރީތަކަކީ، ކާބޯތަކެއްޗާއި، ދުޅަހެޔޮ، ފަންނާއި، ވައްޓަފާޅިއާއި ހިދުމަތް ހިމެނެއެވެ. މުބާރާތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން، އަލަށް ފަށާ ވިޔަފާރިތަކަށާއި އޮންލައިން ވިޔަފާރިތަކާއި، ގޭގައި ކުރާ މަސައްކަތްތަކާއި ގުޅޭ ވިޔަފާރިތަކަށްވެސް ފުރުސަތު ލިބޭނެ ކަމަށް އެޗްޑިސީއިން ބުންޏެވެ. އެޗްޑީސީއިން ބުނީ، މި މުބާރާތުގެ ބައިވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށާއި، އަދި މުބާރާތުގައި ބައިވެރިވާ ވިޔަފާރިތަކަށް އަމިއްލަ އުފެއްދުންތަކާއި އާހިދުމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު