ރާއްޖޭގެ އަސްލު ވެރި މީހާ ހުންނެވީ މަޖިލީހުގައި: ޑރ. ޖަމީލް

އާމިނަތު ޝަމާ އަބްދުﷲ 21 ނޮވެމްބަރު 2020 15:13
Flowers
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު-

ރާއްޖޭގެ އަސްލުވެރިމީހާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވީ ހަމައެކަނި ވަގުތު ގުނަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ. 

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ފައިސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޖެހިފައިވާ ކަމުގެ ތުޙުމަތު ސީރިޔަސް ކަމަށާއި، އަދީބުއާއެކު މިހާރުވެސް އަޑިނޭނގޭ އެއްބަސްވުން އެކުލަވާލަނީ ކޮމްޕްރޮމައިޒްވެފައި ހުންނެވުމުން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މީގެ އިތުރަށް ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުން ދިވެހި ރައްޔިތުންގެ އަތުން ނަގާ ޓެކްސް އަދި ޖޫރިމަނާ ފައިސާއިން ސީދާ ހިންގަވަނީ ކޮރަޕްޝަން ކަމަށެވެ. 

ޑރ. ޖަމީލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލް ވެފައިވާކަން ފޮރުވަން ކަމަށާއި، މި ސަރުކާރުގެ ނާގާބިލްކަން ކޮންމެ ދިމާލަކުންވެސް ފެންނަން ހުރި ކަމަށެވެ. އަދި ދިވެހިރާއްޖެ މުޅިން ފަގީރުވެ އިނދަޖެހިއްޖެ ކަމަށާއި، ވެރިކަން ކުރާ މައި ޕާޓީ އެމްޑިޕީގެ ތެރޭގައިވެސް ވަނީ ހުޅުރޯވެފައި ކަމަށެވެ.  

ޑރ. ޖަމީލްގެ ފާޑުކިޔުންތައް މި ސަރުކާރަށް އަމާޒުވެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފާޑުކިޔުންތައްވެސް މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ޤައުމު ނުހިންގިގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށެވެ. ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ޤައުމު ނުހިންގެވިގެން އުޅުއްވަނީ އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މިއޮތް ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ.

ރައީސް އެދުވަހު ދެއްކެވި ވާހަކަފުޅުގައި ވަނީ ވަރަށް ގިނަ ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަވާފައެވެ. އެގޮތުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރިޒާވް ހުރީ ހުސްވެފައި ކަމަށާއި 80 ރަށެއް ވިއްކަވާލެއްވުމަށްފަހު ރައީސް ޔާމީން ވަޑައިގެންނެވީ އެ ފައިސާ ހިއްޕަވައިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ އެ ވާހަކަތައް ކުށްވެރިކޮށްފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކަ ދައްކަން ރައީސް ސޯލިހް ލަދުފުޅު ގަންނަންވާނެ ކަމަށާއި އެ ގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މުޅިން އަލަށް ރިސޯޓު ތަރައްޤީ ކުރުމަށް 35 ރަށެއްގައި މަސައްކަތްކުރވި ގިނަ ރިސޯޓުތަކެއް ނިންމާ ހުޅުވާފައިވާކަން އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ރިޒާވުގައި އެއްވެސް ފައިސާއެއް ނެތްކަމަށް ވިދާޅުވެ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަށް ރައްދުދެމުން އިދިކޮޅުން ވަނީ ރާއްޖޭގެ ރަސްމީ ރިޒާވުގައި އޭރު 718 މިލިއަން ޑޮލަރު ހުރިކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުންވެސް ދައްކާކަން ފާހަގަކޮށްފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައިވެސް 100 މިލިއަން ޑޮލަރަށްވުރެ ގިނައިން ހުންނާނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު
ނަޖްވާ
މީ ކޯންޗެކޭ ކިޔާ މީހެއްތަ އަޅެފަހެ!