ދިރިހުއްޓައި މުސްލިމު އަންހެނަކު އަންދައިލުމުން އިންޑިޔާ މުސްލިމުން ރުޅިގަދަވެއްޖެ

އިބްރާހިމް އާދަމް 20 ނޮވެމްބަރު 2020 16:17
Flowers

އިންޑިޔާގެ އިރުމަތީ ޕްރޮވިންސެއް ކަމުގައިވާ ބިހާރުގެ ވައިޝަލީ ޑިސްޓްރިކްޓުގައި މުސްލިމު އަންހެނަކަށް ޖިންސީ ގޯނާކުރި ހިންދޫ ފިރިހެނަކާއި އޭނާގެ އެކުވެރިން އެކުވެގެން އެ އަންހެން މީހާ އަންދައިލުމުން އިންޑިޔާ މުސްލިމުން ރުޅިގަދަވެ، އެ އަންހެން މީހާއަށް އިންސާފު ހޯދައިދޭން ނުކުމެއްޖެއެވެ.

ޢުމުރުން 20 އަހަރުގެ ގުލްނާޒް ޚަތޫން އަންދާލާފައިވަނީ އޭނާގެ ހަށިގަނޑަށް ކަރާސީނު އެޅުމަށްފަހުގައެވެ. މި ޙާދިސާ ހިނގާފައިވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގައި ގުލްނާޒު ދިރިއުޅުނު އަވަށް ކަމުގައިވާ ރަސޫޕަރް އަވަށުގައެވެ. އޭނާއަށް ލިބުނު އަނިޔާތަކުގައި އޭނާ ދުނިޔެ ދޫކުރީ އާދީއްތަ ދުވަހުއެވެ. އޭނާއަށް އިންސާފު ހޯދައިދިނުމަށް މަދަނީ ޖަމްޢިއްޔާތަކާއި ސިޔާސީ ލީޑަރުންވަނީ ނުކުމެފައެވެ.

މި އަނިޔާވެރި އަމަލުގެ ޝިކާރައަކަށްވީ ގުލްނާޒުގެ އާއިލާއިން ތުހުމަތުކުރި ގޮތުގައި އޭނާ އަންދައިލުމުގެ ފަހަތުގައި ތިބި މީހުންނާ ދެކޮޅަށް ފިޔަވަޅުއެޅުން ފުލުހުންވަނީ ލަސްކޮށްފައެވެ. އޭނާ އަންދައިލި މީހުން ކަމުގައި ބެލެވެނީ ސަތިޝް ކުމާރު، ޗަންދަން އަދި ވިނޯދު ރާއީ ކިޔާ ތިން މީހެކެވެ.

އެ ސަރަހައްދުގެ ހޮސްޕިޓަލަށް ގުލްނާޒު ގެންދެވުނު އިރު އޭނާގެ ހަށިގަނޑުގެ 75 އިންސައްތަވަނީ އަނދާފައެވެ. އޭނާގެ ހަށިގަނޑަށް ލިބުނު ގެއްލުން ބޮޑުކަމާއެކު ބިހާރު އެންމެ ބޮޑު ހޮސްޕިޓާ ކަމުގައިވާ ޕަޓްނާ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް އޭނާ ބަދަލުކުރިއެވެ. ގުލްނާޒު ދުނިޔެ ދޫކުރީ އެތަނުގައެވެ.

ގުލްނާޒުގެ ޢާއިލާއިން ބުނި ގޮތުގައި ސްތިޝް ކުމާރު ރާއީވަނީ ގުލްނާޒަށް އުދަގޫކޮށް ކާވެނިކުރޭތޯ ދުއްތުރާކޮށްފައެވެ. ނަމަވެސް ގުލްނާޒު އޭނާއާ ކާވެނިކުރަން އިންކާރުކުރުމުން، ސަތިޝްއާއި އޭނާގެ އެކުވެރިން އެކަމުގެ ރުޅިވެރިކަމުގައި ގުލްނާޒު ގައިގައި ރޯކޮށްލީ ކަމަށް ޢާއިލާއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު