Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދައުލަތުގެ ބަޖެޓު: އަންނަ އަހަރު ދެ ބޮންޑެއް ވިއްކަން މަސައްކަތްކުރަނީ

އަންނަ އަހަރު ސަރުކާރު ދެ ބޮންޑެއް ވިއްކުމަށް ނިންމާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.79 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ވިދާޅުވެފައިވަނީ އަންނަ އަހަރު ދެ ބޮންޑެއް ވިއްކުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.
މި ބަޖެޓަށް ފައިނޭންސް ހޯދުމުގައި ބޮޑު ބައެއް ހޯދުމަށް ނިންމާފައިވަނީ ރާއްޖެއިން ބޭރުން ކަމުގައި އަމީރު ވިދާޅުވިއެވެ. އެއީ ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައިވެސް ދިވެހި ރުފިޔާގެ އަގު ހިފަހެއްޓުމަށް އެހީތެރިވުމާއި ދައުލަތުގެ ރިޒާވު ހިފަހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމުގައިވެސް މާލީވަޒީރު ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ޞުކޫކެއް ވިއްކުމަށް ރާވާފައިވާ ކަމުގައި އަމީރު ވިދާޅުވިއެވެ. މި ޞުކޫކަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާއާ ގުޅިގެން ވިއްކުަމށް ރާވާފައިވާ ޞުކޫކެއް ކަމުގައިވެސް އަމީރު ވިދާޅުވިއެވެ. މިކަމުގެ އެއްބަސްވުން މިހާރުވެސް ހެދިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް އިނޮވޭޓިވް ފައިނޭންސިން ނުވަތަ ތަޢާރުފީ މާލީ ވަސީލަތެއްގެ ގޮތުގައި ބްލޫ ބޮންޑެއް ނުވަތަ ގްރީން ބޮންޑެއް ވިއްކުމަށް ވިސްނާފައިވާ ކަމަށާއި، މި ބޮންޑު މެދުވެރިކޮށް 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން ވިސްނާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ބޮންޑު ވިއްކުމަށް ސަރުކާރުން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން ޖަޕާނުގައި ސަމުރާއީ ބޮންޑު ވިއްކުމަށް ސަރުކާރުން މަސައްކަތްކުރިއެވެ. އެ މަސައްކަތަށް އިޝާރާތްކުރައްވައި އަމީރު ވިދާޅުވެފައިވަނީ އެ މަސައްކަތް މިވަގުތު މަޑުޖައްސާލާފައިވަނީ ދުނިޔޭގެ ބާޒާރުތައް ރަނގަޅުވަންދެން ކަމުގައެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމުގައިވާއިރު، އެ ބަޖެޓަކީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ. އާމްދަނީއާއި ޚަރަދުގެ ފަރަޤު ބޮޑުވެފައިވަނީ އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ.
މި ލިއުމާއި ގުޅޭ