ކުރިއަށް އޮތް ފަސް އަހަރަށް ޗައިނާގެ ޕްލޭން އެކުލަވައިލެއްވުމަށް އެ ޤައުމުގެ ލީޑަރުން ބައްދަލުކުރައްވަނީ

އިބްރާހިމް އާދަމް 26 އޮކްޓޯބަރު 2020 10:02
Flowers
ޗައިނާގެ ރައީސް ޝީ ޖިންޕިން

ޗައިނާއިން ދުރުރާސްތާގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުމަށް މިއަދު އެ ޤައުމުގެ ލީޑާޝިޕުގެ ބައްދަލުވުމެއް ބާއްވާނެއެވެ.

ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީގެ ދާއިރާގައި ޒާތީ މިނިވަންކަން ހާސިލުކުރުމާއި، ޤައުމުގެ އެތެރޭގައި މުދަލަށް ބޭނުންވާ ބޭނުންވުން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއްދޭނެއެވެ. 

މިއަދު ފެށޭ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީގެ އިސްވެރިންގެ ބައްދަލުވުމަކީ ބުރާސްފަތިދުވަހާ ހަމައަށް ދެމިގެންދާނެ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ޗައިނާގައި ޤައުމީ ތަރައްޤީގެ އަމާޒުތައް ކަނޑައެޅުމަށްކުރެވޭ އެންމެ މުހިއްމު މަސައްކަތެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް ފަސް އަހަރުން ޗައިނާއިން ހާސިލުކުރާނެ އަމާޒުތައް ކަނޑައެޅިގެންދާނެއެވެ. އަދި ކުރިއަށް އޮތް 15 އަހަރުގެ ފުޅާ ޕްލޭނާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދައްކާނެއެވެ. 

މި ޕުލޭނު އެކުލަވައިލުމުގެ މަރުހަލާއަކީ ޗައިނާގެ އިސްވެރިންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކަކީ ކޮބައިކަން އެނގޭނެ ކަމެކެވެ. މި އަހަރު މި ބަދަލުވުން ބާއްވަމުންދަނީ 2021 ވަނަ އަހަރާ ހަމައަށް ހާސިލުކުރަން ޗައިނާއިން ކަނޑައެޅި އަމާޒު ކަމުގައިވާ މެދުމިނުގެ ތަނަވަސްކަން ލިބިފައިވާ މުޖުތަމަޢެއް ޤާއިމުކުރުމުގެ ހާސިލުކުރަން ކަނޑައެޅި މުހުލަތު ހަމަވުމާ ގާތްވެފައިވަނިކޮށެވެ. 

ޗައިނާއިން ކުރިން އިޝާރާތްކޮށްފައިވާ ގޮތުގައި ޗައިނާގެ އިޤުތިޞާދީ އަމާޒުތައް މިހާރަށްވުރެ ފުޅާކޮށް، ތިމާވެށި ހިމާޔަތްކުރުމާއި، އަމިއްލަ ޒާތުގެ މައްޗަށް ބަރޯސާވާ ކުރިއެރުމާއި، އުފެއްދުންތެރިަކމަށް ސަމާލުކަންދޭނެއެވެ. 

މި ބައްދަލުވުމުގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ނުފޫޒު ކޮމިއުނިސްޓު ޕާޓީގެ ތެރޭގައި އިތުރުކުރައްވައި، ސަރުކާރުގައި ޕާޓީގެ ނުފޫޒު ވަރުގަދަކުރެއްވުމަށް ވިސްނަވާ ކަމުގައި ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. 

ފާއިތުވި މަސްތަކުގެ ތެރޭގައި ރައީސް ޝީވަނީ ދެ ބާވަތެއްގެ އިޤުތިޞާދެއް ބިނާކޮށް ޗައިނާގެ އެތެރޭގެ ވިޔަފާރި ވަރުގަދަކޮށް އަމިއްލަ ޒާތުގެ މައްޗަށް ބަރޯސާވުމުގެ ޤާބިލުކަން ބޮޑުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެ، އެކަމަށް ބާރުއަޅުއްވާފައެވެ. 

ހަމައެހެންމެ ޗައިނާއިން ޓެކްނޮލޮޖީގެ ދާއިރާގައި ހާސިލުކުރަމުންދާ ކުރިއެރުންތައް އެ ޤައުމުގެ ބޯޑަރުގެ ތެރޭގައި ހިފަަހައްޓައި އެއިން ފައިދާ ހޯދުމަކީވެސް ކުރިއަށް އޮތް ފަސް އަހަރަށް ޗައިނާއިން ސަމާލުކަންދޭނެ މުހިއްމު އަމާޒެކެވެެ. 

ކިޔުންތެރިންގެ ހިޔާލު