ނަޤުދު ފައިސާއާއި ފޯނުގައި ކޮރޯނާވައިރަސް މަސްދުވަހު ދިރިހުރޭ: ދިރާސާ

އިބްރާހިމް އާދަމް 12 އޮކްޓޯބަރު 2020 10:22
Flowers
ކުރިން އަންދާޒާކުރި މިންވަރަށްވުރެ ގިނަ ދުވަހު ނަގުދު ފައިސާގައި ކޮރޯނާވައިރަސް ދިރިހުރޭ

ކޮވިޑް-19 ބަލިޖައްސާ ކޮރޯނާވައިރަސް، ނަގުދު ފައިސާއާއި މޯބަލް ފޯނު ފަދަ އާންމު ފަށަލަތަކުގައި 28 ދުވަހާ ހަމައަށް ދިރިހުންނަ ކަމުގައި ދިރާސާއަކުން ދެނެގަނެފިއެވެ. މިއީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ މާދިގު މުއްދަތެކެވެ. 

އޮސްޓްރޭލިއާގެ ސައެންސާ ބެހޭ ޤައުމީ އިދާރާއިން ހެދި މި ދިރާސާއިން ފެނުނު ގޮތުގައި މި ވައިރަސް މަޑު ހޫނުގައި، އޮމާން ފަށަލަތަކުގައާއި ދެފަރާތުން ވައިދައުރުނުކުރާ ގޮތަށް ހުންނަ ތަކެތީގައި ގިނަ ދުވަހު ދިރިހުރެއެވެ. މިސާލަކަށް އެތެރެއިން ވައަށް ދަތުރުކުރެވޭ އެއްޗެއް ކަމުގައިވާ ކަފައިގައި ވަރަސް ދިރިހުންނަ މުހުލަތަށްވުރެ ބިއްލޫރި ފަށަލައެއްގައި ނުވަތަ ސްޓެއިންލެސް ސްޓީލް ފަށަލައެއްގައި ދިރިހުންނަ މުއްދަތު އިތުރުވާނެއެވެ. 

މީގެ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ގިނަ ވަގުތު ފަށަލަތަކުގައި ދިރިހުންނަ ވައިރަސް ހަށިގަނޑުގައި އަށަަގަތުމުގެ ފުރުޞަތުވެސް ބޮޑު ކަމުގައި މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ސަބަބަކީ މި ވައިރަސް ހަށިގަނޑުގައި އަށަގަތުމުގެ ބާރު ކުރިން ލަފާކުރި ވަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ދިއުމެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަންދީ ރަނގަޅަށް އަދި ގިނައިން ސެނެޓައިޒްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ. 

މި ދިރާސާ ހެދި ސައެންސްވެރިން ފާހަގަކުރި ގޮތުގައި މި ދިރާސާކުރިއަށް ގެންގޮސްފައިވަނީ އެންމެ ނުރައްކާ ޙާލަތަށް ބަލައިގެންނެވެ. އެގޮތުން މި ދިރާސާ ހަދާފައިވަނީ އަނދިރީގައެވެ. ބޭނުމަކީ ވައިރަސްއަށް އިރުގެ ދޯދިންކުރާ އަސަރު ނެތިކޮށްލުމެވެ. މިފަދަ ގޮތްގޮތުން އެންމެ ނުރަނގަޅު ޙާލަތު  ނުވަތަ ވައިރަހަށް އެންމެ ރަނގަޅު ޙާލަތުގައި ދިރާސާ ހެދުމުން، ވައިރަސް ދިރިހުންނަ މުއްދަތާއި، ވައިރަސްގެ ކިބާގައި ހަށިގަނޑުގައި އަށަގަތުމުގެ ބާރު ހުންނަ މުއްދަތުވެސް އިތުރުވެފައިވެއެވެ. 

އެހެން އުސްލޫބެއް ބޭނުންކޮށްގެން އޭޕްރީލް މަހުގައި ހެދި ދިރާސާއަކުން ފާހަގަވި ގޮތުގައި ބިއްލޫރީގައި ނުވަތަ ނަގުދު ފައިސާގައި އާންމު ގޮތެއްގައި ހަތަރުދުވަހާއި 7 ދުވަސް ފަހުން ވައިރަހެއް ނުހުރެއެވެ. 

ނަމަވެސް އޮސްޓްރޭލިއާ ސައެންސްވެރިންގެ ދިރާސާއަކީ ޑިސްއިންފެކްޓުކުރުމުގެ އިޖުރާއާތުތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންކުރެވޭނެ މުހިއްމު މައުލޫމާތުތަކެއް ހޯދުނު ދިރާސާއެކެވެ. އަދި މި ދިރަސާއިން ފެނުނު ގޮތުގައި ފިނި މާހައުލުގައި ވައިރަސް ގިނަ ވަގުތު ދިރިހުރެއެވެ. އެހެންކަމުން ފިނި މޫސުމުގައި ކޮވިޑް-19 އަލުން ފެތުރުމުގެ ނުރައްކާ އޮތް މިންވަރުވެސް ދިރާސާއިން ފާހަގަވާ ކަމުގައި އެ ދިރާސާ ހެދުމުގައި އިސްކޮށް އުޅުނު ސައެންސްވެރިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު