Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޖީން އެޑިޓުކުރާ އާލަތެއް އުފެއްދި އަންހެން ދެ ސައެންސްވެރިންނަށް ނޯބަލް އިނާމު ލިބިއްޖެ

ޖީން އެޑިޓުކުރުމަށް ބޭނުންކުރާ އާލާތެއް އުފައްދައިގެން ޑީއެންއޭއަށް ބަދަލުގެނެވޭނެ ގޮތެއް ވުޖޫދުކޮށް ސައެންސަށް އިންޤިލާބީ ބަދަލެއް ގެނެސްދެއްވި އަންހެން ދެ ސައެންސްވެރިޔަކަށް ކެމިސްޓްރީގެ ދާއިރާއިން ނޯބަލް ޕްރައިޒް ލިބިއްޖެއެވެ. މި ޓެކްނޮލޮޖީއަކީ ބައެއް ކަހަލަ ވިރާސީ ބަލިތަކަށް ފަރުވާ ހޯދުމަށާއި، މިހާރަށްވުރެ ރަނގަޅު ކާނާއާއި ހުއިހައްޕާ ޖަނަވާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ޓެކްނޮލޮޖީއެކެވެ.
ފަރަންސޭސިވިލާތުގެ އިމަނުއޭލް ޗާޕެންޓިއާއާއި އެމެރިކާގެ ޖެނިފާ ޑޯޑްނާއަށް ނޯބަލް ޕްރައިޒް ލިބިފައިވަނީ ޖެނެޓިކް މާއްދާގެ ވަކިވަކި ތަންތަނުން ކެފުމަށް ބޭނުންކުރާ އާލާތެއް ކަމުގައިވާ ސީއާރްއައިއެސްޕީއާރު-ކޭސް9 އުފެއްދުމުންނެވެ. ގިނަ ބަލިތަކެއްގެ އަޞްލު ކަމުގައިވާ ޖީންގައި ހުންނަ އައިބުތައް އޮޕަރޭޓުކޮށް އުނިކޮށް ވަކިކުރުމުގެ ފުރުޞަތު މި އާލަތުގެ ސަބަބުން ސައެންސްވެރިންނަށް ލިބިގެންދިޔައެވެ.
ކެމިސްޓްރީގެ ދާއިރާއިން ނޯބަލް އިނާމު ލިބޭނެ ފަރާތް ކަނޑައެޅި ކޮމިޓީގެ ޗެއާމަން ކްލައެސް ގުސްޓަފްސޮން ވިދާޅުވީ މި ޖެނެޓިކް އާލަތަކީ ވަރަށް ބޮޑު ބާރު އޭގައި އެކުލެވޭ އާލަތެކެވެ.
އެކި ކަހަލަ ބަލިތަކަށް ފަރުވާކުރުމުގައި މި އާލާތް ބޭނުންކުރުމާ ގުޅޭ 100 އަށްވުރެ ގިނަ ކްލިނިކަލް ޓްރައިލް މިހާރުވެސް ކުރިއަށް ދާ ކަމަށާއި، އެއިން ވަރަށް ގިނަ ޓެސްޓުތައް ފެންނަނީ އުންމީދީ ޓެސްޓުތަކެއްގެ ގޮތުގައި ކަމަށް ނޭޝަނަލް އެކަޑެމީ އޮފް މެޑިސިންގެ ރައީސް ވިކްޓާ ޑްޒައު ވިދާޅުވިއެވެ.
އިނާމު ލިބުނު ދެ ސައެންސްވެރިންގެ ތެރެއިމް ޑޯޑްނާ ވިދާޅުވީ މި އާލަތް އިންސާނިއްޔަތަށް ފައިދާކުރުވަނިވި ގޮތެއްގައި ބޭނުންކޮށް ބައޮލޮޖީގެ ސިއްރުތައް ކަޝްފުކުރުމުގައި އެހީތެރިވެ، ހެޔޮ ގޮތުގައި މި އާލާތް ބޭނުންކުރުމަކީ އެންމެ ބޮޑު އުންމީދު ކަމުގައެވެ.
މިއީ ނޯބަލް އިނާމުގެ 119 އަހަރުގެ ތާރީޚުގައި ހަމައެކަނި އަންހެނުންނަށް އެއްވެސް ދާއިރާއަކުން އެ އިނާމު ލިބުނު 4 ވަނަ ފަހަރެވެ.
މި ދިރާސާ އެންމަ ފުރަތަމަ ޗާޕެންޓިއާއާއި ޑޯޑްނާ ޝާއިޢުކުރައްވާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެހެންކަމުން މިއީ ނޯބަލް އިނާމު ލިބުނު އެހެން ދިރާސާތަކާއި ހޯދުންތަކާ އަޅާބަލާއިރު ވަރަށް ފަހުގެ ހޯދުމެކެވެ.
މި ލިއުމާއި ގުޅޭ