ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ލިބޭ ބާވަތުގެ "ސުޕާ އެޕެއް" ޓާޓާއިން ތައާރަފުކުރަނީ

އިބްރާހިމް އާދަމް 24 އޯގަސްޓު 2020 08:36
Flowers
ޓާޓާއިން ތައާރަފުކުރާ ސުޕާ އެޕަކީ އެއްތަނަކުން ގިނަ ޚިދުމަތް ލިބޭނެ މަންސައެއް

އިންޑިޔާގެ ޓާޓާ ގުރޫޕުން އޮންލައިންކޮށް ފޯރުކޮށްދެމުންދާ ތަފާތު އެކި ޚިދުމަތްތައް އެއް އެޕްލިކޭޝަނެއްގެ ހިޔަލަށް ގެނެސް "ސުޕާ އެޕް"އެއް އެކުންފުނިން ތަޢާރަފުކުރަން ނިންމަިފިއެވެ. 

މިއަހަރުގެ ޑިސެންބަރުގައި ނުވަތަ އަންނަ އަހަރުގެ ޖަނަވަރީގައި އިފްތިތާހުކުރުމަށް ނިންމާފައިވާ މިމަންސައަކީ ޓާޓާގެ ވާދަވެރިން ކަމުގައިވާ އެމޭޒަން އަދި ރިލައެންސް ފަދަ ކުންފުނިތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުޞަތު ޓާޓާއަށް ފަހިކޮށްދޭނެ މަންސައެއް ކަމުގައި ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. 

ޓާޓާ ސަންސްގެ ޗެއާމަން ނަތަރަޖަން ޗަންދްރަސެކަރަން ވިދާޅުވެފައިވަނީ އެއެޕްލިކޭޝަންވާނީ ސުޕާ އެޕެއް ކަމުގަި ކަމަށެވެ. މާނައަކީ އެއީ އެތައް އެޕްތަކެއް އެއް އެޕެއްގެ ތެރޭގައި ހުންނަ ޒާތުގެ އެޕެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ފަހި ފުރުޞަތެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ޓާޓާއަކީ ޖަވާހިރުގެ ވިޔަފާރިއާއި މާލީ ޚިދުމަތްތަކާއި ސެޓެލައިޓު ޓީވީ ޚިދުމަތް ފަދަ ގިނަ ވިޔަފާރިތަކެއް ކުރާ 113 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކުންފުންޏެކެވެ. 

ޓާޓާގެ ޕްލޭން އިޢުލާނުކޮށްފައިވަނީ ބޭރުގެ 13 އިންވެސްޓަރެއްގެ އަތުން 20 ބިލިއަން ޑޮލަރު ހޯދައިގެން މުކޭޝް އަމްބާނީގެ ރިލައެންސް ކުންފުނީގެ ޓެކްނޮލޮޖީ ކުއިރުވުމުގެ މަޝްރޫޢެއް އިޢުލާނުކޮށްފައިވަނިކޮށެވެ. ރިލައެންސްގެ މަޝްރޫޢަށް އިންވެސްޓުކުރި ބޭރު ކުންފުނިތަކުގެ ތެރޭގައި ފޭސްބުކާއި ގޫގުލް ހިމެނެއެވެ. 

އިންޓަނެޓު ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށް މިހާތަނަށް ޓާޓާއަށްވަނީ ރަނގަޅު މަންސައެއް އުފައްދައިނުދެވިއެވެ. އިންޑިޔާ ސަރުކާރުން އެޤައުމުގައި މަސައްކަތްކުރާ ޗައިނާ ޓެކް ކުންފުނިތަކަށް ހުރި ފުރުޞަތުތައް ބަންދުކުރަމުންދިއުމާއި، ސަރަހައްދީ ސިޔާސީ ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން އުފެދެމުންދާ ހުސްކަމުގެ ފައިދާ ހޯދުމަށް ގިނަ ކުންފުނިތަކަކުން މަސައްކަތްކުރަމުންދެއެވެ. 

މެއިޓުއާން އާއި ގްރެބް ފަދަ "ސުޕާ އެޕުތައް"ވަނީ ޗައިނާއާއި އިރުމަތީ އޭޝިޔާގައި މަޤުބޫލުކަން ހޯދާފައެވެ. ނަމަވެސް އިންޑިޔާއާއި ހުޅަނގުގެ ޤައުމުތަކުގައި މިބާވަތުގެ އެޕުތައް އަދި ވަނީ އެމިންވަރުގެ މަޤުބޫލުކަމެއް ހޯދުމަށް ނުކުޅެދިފައެވެ. މިއެޕުތަކުގައި ފޯރުކޮށްދެނީ ވަކިވަކި އެޕުތަކުން ފޯރުކޮށްދޭ އެތައް ޚިދުމަތެއް އެއް މަންސައަކަށް ތަރުތީބުކޮށްގެންނެވެ. އެގޮތުން ކާނާ ޑެލިވެރީ ޚިދުމަތާއި، ފައިސާ ދެއްކުމާއި މިނޫންވެސް ތަފާތު ސުމޭކު (ޑިޖިޓަލް) ޚިދުމަތްތައް އެއް މަންސައަކުން ލިބޭ ގޮތަށެވެ. 

ޓާޓާ ކުންފުނިން ބުނި ގޮތުގައި އެކުންފުނީގެ އެޕުގައި ކާނާއާއި ގެއަށް ބޭނުންވާ ސާމާނަށް އޯޑަރުކުރުމުގެ ޚިދުމަތާއި، ފެޝަން އަދި އިލެކްޓްރޯނިކް ސާމާނާއި، އިންޝުއަރޭންސް ޚިދުމަތުގެ އިތުރަށް މާލީ ޚިދުމަތްތައްވެސް ލިބެން ހުންނާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު