ދިވެހިރާއްޖޭގެ ނަން ދެވިފައިވާ ރެސްޓޯރެންޓަކާއެކު ދިވެހި ކުލަތައް ޣައްޒާއަށް!

އާމިނަތު ޝިމާ 18 އޯގަސްޓު 2020 10:26
Flowers
ޣައްޒާގައި ހުންނަ "އަލްމާލްދީފް ޣައްޒާ" ރެސްޓޯރެންޓު

ދިވެހިރާއްޖޭގެ ނަމުން ނަން ދީފައިވާ މިރެސްޓޯރެންޓަކީ ޣައްޒާގެ އައްސޭރީގައި ހުރި ރެސްޓޯރެންޓެކެވެ. މިރެސްޓޯރެންޓަކީ މަހުގެ ބާވަތްތަކަށް ޚާއްޞަ ރެސްޓޯރެންޓެކެވެ. ރެސްޓޯރެންޓުގެ ނަމަކީ "އަލްމާލްދީފް ޣައްޒާ"އެވެ. ނުވަތަ "މޯލްޑިވްސް ގާޒާ"އެވެ. 

އެރެސްޓޯރެންޓު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ބައެއް ރެސްޓޯރެންޓުތަކާއި ރިސޯޓުތަކާ އެއްގޮތްވާ ގޮތަށް ދިވެހިރާއްޖޭގެ ބައެއް ކުލަވަރު ފެންނާނެ ހެންނެވެ. ޣައްޒާގެ ގާ ގިނަ އައްސޭރީގައި ހަދާފައި ހުރި މިރެސްޓޯރެންޓުގައި ތިން ފަންގިފިލާ ހުރެއެވެ. ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނުގައި ގާތްގަނަޑަކަށް 15 މީޓަރު ހުންނާނެއެވެ. 

މިރެސްޓޯރެންޓުގައި މަހުގެ ބާވަތްތަކުގެ އިތުރަށް ކަރާފަދަ ޓްރޮޕިކަލް މޭވާތަކުގެ ޖޫސް ލިބެން ހުރެއެވެ.

ޣައްޒާގައި ދިރިއުޅޭ 2 މިލިއަނެއްހައި މީހުންނަކީ 360 ކިލޯމީޓަރުގެ އެކުޑަ ސަރަހައްދުން ބޭރަށް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް ތަހައްމަލުކުރަން ޖެހޭ ބައެކެވެ. އިސްރާއީލުންވަނީ އަހަރުތަކެއް ކުރިން ފެށިގެން ޣައްޒާ ޙިޞާރުކޮށްފައެވެ. އަދި ޣައްޒާއާ ބޯޑަރު ހިއްސާކުރާ މިޞްރުންވެސްވަނީ ޣައްޒާއަށް އެތެރެވެ ބޭރުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

ރޮއިޓާސްއަށް މައުލޫމާތު ދެމުން މިރެސްޓޯރެންޓުގެ ވެރިންގެ ތެރެއިން އެކެއް ކަމުގައިވާ ޢިމާދު އަލްބައްޔާޢު ބުނެފައިވަނީ ޣައްޒާގެ އަހުލުވެރިންނަށް ރާއްޖެ ނުދެވޭނެކަން އިހުސާސުވުމުން އަހަރުމެން ޣައްޒާއަށް ރާއްޖެ ގެނެސްދިނީ ކަމަށެވެ. މިރެސްޓޯރެންޓަކީ އެއް ވަގުތެއްގައި 1،200 މީހުންނަށް ޚިދުމަތް ދެވޭ ތަނެކެވެ. 

ރޮއިޓާސްއަށް މައުލޫމާތު ދެމުން މިރެސްޓޯރެންޓުން ޚިދުމަތް ހޯދި ކަސްޓަމަރެއް ކަމުގައިވާ ރައުލާ އަލްއަޣާ ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނަކީ ހަނގުރާމައާއި ފިއްތުންތަކާއި ޙިޞާރުގެ ތެރޭގައި ބެދިފައި ތިބޭ ރައްޔިތެއް ކަމުގައެވެ. އަދި ޣައްޒާގެ ބިމުން ބޭރަށް ނުކުމެވެން ނެތުމުން، ކަނޑުގެ އައްސޭރީގައި އެރެސްޓޯރެންޓު ހުންނަ ހުރުން އެކަނި އުފާވެރިކަން ގެނެސްދިނުމަށް ފުދޭ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު