މައިކްރޯސޮފްޓުގެ ސާފޭސް ޑުއޯ ފޯނުގެ ޕްރިއޯޑަރު ނަގަން ފަށައިފި

އާމިނަތު ޝިމާ 13 އޯގަސްޓު 2020 11:53
Flowers
މައިކްރޯސޮފްޓުގެ ސާފޭސްޑުއޯ

މައިކްރޯސޮފްޓުން ނެރޭ ދެ ސްކްރީނު ހުންނަ ލެއްޕޭ ފޯނު ސާފޭސް ޑުއޯއަށް އޯޑަރު ދިނުމަށް އެކުންފުނިން ހުޅުވާލައިފިއެވެ. މިފޯނުގެ އޯއެސްއަކީ ގޫގުލްގެ އެންޑްރޮއިޑެވެ. މިފޯނުގެ އަގު ފެށެނީ 1،399 ޑޮލަރުންނެވެ. އެފޯނު ފިހާރަތަކާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ ސެޕްޓެންބަރު 10 ވަނަ ދުވަހުއެވެ. 

ސާފޭސް ޑުއޯ ފޯނަކީ ފޮތެއް ލައްޕައިލެވޭ ގޮތަށް ލައިޕައިލެވޭ ފޯނެކެވެ. މިފޯނާއި މިބާވަތުގެ އެހެން ފޯނުތަކާ ތަފާތެވެ. އެއީ ސެމްސަން ކުންފުނީގެ ގެލެކްސީ ޒީ ފޯލްޑް 2 ފަދަ ފޯނުތަކުގައި ބޭނުންކުރަނީ ވިލުންތެރި ބިއްލޫރިއެކެވެ. ބޭނުމަކީ ފޯނު ހުޅުވައިލުމާއެކު ދެ ސްކްރީން އެކީގައި އެއް ސްކްރީނެއްގެ ގޮތުގައި މަސައްކަތްކުރުމެވެ. އެހެންނަމަވެސް ސާފޭސް ޑުއޯގެ ދެ ސްކްރީން އިންނާނީ މުޅިން ވަކިންނެވެ. ނަމަވެސް ދެސްކްރީނަށް ގުޅިގެން މަސައްކަތްކުރެވޭނެއެވެ. 

ސާފޭސް ޑުއޯ އިޢުލާނުކުރުމުގެ ކުރިން އެފޯނު ތަޢާރަފުކޮށްފައިވަނީ މަސައްކަތް ކުރުމަށާއި އުފެއްދުންތެރިކަމަށް ޚާއްޞަ ފޯނެއް ކަމުގައެވެ. މިސާލެއްގެ ގޮތުން ވަރަށް ގިނަ މީހުން މަސައްކަތުގައި އެއް ކޮމްޕިއުޓަރެއްގައި މަސައްކަތްކުރާއިރު ދެ މޮނިޓަރު ބޭނުންކުރާ ފަދައިންނެވެ. 

މިފޯނުގައި އޯއެސްއެއްގެ ގޮތުގައި ގޫގުލްގެ އެންޑްރޮއިޑު ބޭނުންކުރި އެންމެ ބޮޑު ސަބަބަކީ ގޫގުލްގެ އެޕްސްޓޯރުން ލިބޭ ގިނަ އެޕުތައް ކަމުގައި މައިކްރޯސޮފްޓުން ބުނެފައިވެއެވެ. އެގޮތުން އެއް ސްކްރީނުގައި ޓުވިޓާ ފޭސްބުކު ފަދަ އެޕްލިކޭޝަންތައް ބޭނުންކުރާއިރު އަނެއް ސްކްރީނުގައި ވޯޑު ފަދަ އެޕުތައް ހުޅުވައިގެން ބޭނުންކުރެވޭނެއެވެ. 

މައިކްރޯސޮފްޓުން މިފޯނުގެ ޕްރީ އޯޑަރު ނަގަން ފަށާފައިވަނީ ބުދަ ދުވަހުއެވެ. މައިކްރޯސޮފްޓުގެ ވެބްސައިޓުގައާއީ އޭޓީއެންޑްޓީއާއި ބެސްޓްބައި ފަދަ ވެބްސައިޓުތަކުގައި މިހާރު ފޯނުގެ ޕްރި އޯޑަރު ނަގަމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު