Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ލަންޑަނުގެ ބޮޑު ހުޅުގެ ހާދިސާގައި މަރުވީ ކިތައް މީހުންކަން އެނގޭތަ؟

ލަންޑަނުގެ ބޮޑު ހުޅު ނުވަތަ "ދަ ގްރޭޓް ފަޔާ އޮފް ލަންޑަނަކީ" ހުޅަނގު ޔޫރަޕުގައި މެޑީވަލް ޒަމާނުގައި ފެތުރުނު ވަބާއިން އެޝަހަރު ސަލާމަތްވިތަނާ އެޝަހަރުގައި ހިނގި ހާދިސާއެކެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ލަންޑަން ބްރިޖު ގާތުގައި އޮންނަ ޕުޑިން ލޭނުގައި ހުރި ކިންގްސް ބޭކަރީގައި އަލިފާން ރޯވެ އަލިފާންގަނޑު ފެތުރިގެންނެވެ. އެއީ 1666 ވަނަ އަަހަރުގެ ސެޕްޓެންބަރު މަހުގެ 2 ވަނައަށްވީ ދުވަހުއެވެ. އެދުވަސްވަރު ލަންޑަނުގައި އަލިފާނުގެ ހާދިސާތަކަކީ ވަރަށް އާންމު ކަމެކެވެ. އަދި ހުޅުގަނޑު ބޮޑުވުމުގެ ކުރިން ވަރަށް އަވަހަށް އަލިފާން ނިއްވައިލައެވެ. ބައެއް މުއައިރިޚުން ލިޔުއްވާ ގޮތުގައި އެއިރު ލަންޑަނުގެ މޭޔަރު ސާ ތޯމަސް ބްލަޑްވޯތު ނިދިކުރައްވާފައިވަނިކޮށް އޭނާއަށް ގޮވައި ހޭލައްވައި އަލިފާނުގެ ޚަބަރު ދިނުމުން ވިދާޅުވި ކަމަށްވަނީ އަންހެނަކު ކުޑަކަމުގޮސް އެއަލިފާން ނިއްވައިލަފާނެ ކަމުގައެވެ.
ނަމަވެސް ހޫނު މޫސުމުގެ ހޫނު ގަދަވުމުގެ ސަބަބުންނާއި އެތައް ހަފުތާއަކަށް ވާރޭ ފޮދެއް ވެހިފައިނުވުމުގެ ސަބަބުން، އެޒަމާނުގައި ލަކުޑިން ބިނާކޮށްފައިހުރި ގެދޮރުގެ ފިލާތައް ހުރީ ހިކިފައެވެ. ތެތްކަމެއް ނެތި ރޯކަން ފިލައި އަލިފާން ފަސޭހައިން ހިފާނެހެންނެވެ. ނަތީޖާއަކަށްވީ އަލިފާންގަނޑު ހަލުއިކަމާއެކު ލަންޑަނުގެ ތެރެއަށް ފެތުރިގެން ދިއުމެވެ.
އަލިފާންގަނޑު ފެތުރިގަތް ހަލުއިކަމުގެ ސަބަބުން އަލިފާންގަނޑު ހުއްޓުވުމަށް އަލިފާންގަނޑުގެ ކުރިމަތީގައި ހުރި ހުރިހާ ގެތަކެއް ބިމާ ހަމަކުރުމަށް ރަސްގެފާނު ޗާލްސް 2 އަމުރުކުރެއްވިއެވެ. ވާޖަހައިގެން ދަމައިގެން ގެތައް ތިރިކުރިނަމަވެސް ހުޅުގަނޑު ފެތުރުން ހުއްޓޭ ގޮތެއް ނުވިއެވެ. މަދު ހިނދުކޮޅެއްގެ ތެރޭގައި 300 ގެ އަލިފާނާއެކު އަނދައި އަޅިއަށްވެއްޖެއެވެ.
މީހުން ސިޓީން ނުކުންނަން ތެޅިފޮޅުނީ ބިރުންނެވެ. މުޅި ޝަހަރު އޮތީ ހާވިޔާވެފައެވެ. ބިރާސްކަމާއި ހާސްކަން މުޅި ސިޓީއަށް ވެރިވިއެވެ. އެބިރުވެރި ކަމުގައި މުޅި ޝަހަރު ބެދިފައި އޮތެވެ. މިހާސްކަމުގެ ތެރޭގައި މުޅި ސިޓީ ތެރެއަށް ހުޅުގަނޑު ފެތުރިގެން ދިޔައީ ހަލުއިކޮށެވެ. ސެޕްޓެންބަރު 4 ވަނަ ދުވަހު ފެށުނުއިރު ލަންޑަނުގެ ދެބައިކުޅަ އެއްބައިގައި ހުޅު ހިފާފައި އޮތެވެ. މިއަލިފާންގަނޑު އެކީ ނިއްވައިލެވުނީ ސެޕްޓެންބަރު 6 ވަނަ ދުވަހުއެވެ.
މުޅި އަލިފާނުގެ ހާދިސާ ނިމުނުއިރު، 13،500 ވަރަކަށް ގެވަނީ އަނދާފައެވެ. 80،000 އަށްވުރެ ގިނަ މީހުން ގެދޮރުން މަހުރޫމުވެ މަގުމަތިވެފައިވި ކަމަށް މުއައްރިޚުން ލިޔުއްވައެވެ. ނަމަވެސް އަޖައިބުވަނިވި ކަމަކީ މިހާދިސާގައި މަރުވެފައިވަނީ އެންމެ 6 މީހުން ކަމުގައި ބައެއް މުއައްރިޚުން ލިޔުއްވާފައިވެއެވެ. މިހާދިސާއާ ގުޅޭ ގޮތުން ސްޓެފަން ޕޯޓާ ލިޔުއްވާފައިވާ ފޮތުގައި އޭނާ ވިދާޅުވެފައިވަނީ މިހާދިސާގައި މަރުވީ 8 މީހުން ކަމުގައެވެ. ނީލް ހެންސަން ވިދާޅުވެފައިވަނީ ސީދާ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށްވުރެ އިތުރުނުވާ ކަމުގައެވެ.
ނަމަވެސް މުއައްރިޚުން ފާހަގަކުރެއްވި ގޮތުގައި މިޙާދިސާއަށްފަހު ޤާއިމުވި ރެފިއުޖީ ކޭމްޕުތަކުގައި ހައިހޫނުކަމާއި ބަލިމަޑުކަމާއި އެނޫންވެސް އެތައް ކަމެއްގެ ސަބަބުން ވަރަށް ގިނަ މީހުން މަރުވި ކަމުގައެވެ. އެހެންކަމުން އަލިފާނުގެ ޙާދިސާގައި މަރުވި މީހުންގެ އަދަދަކީ 10 އަކަށްވުރެ މަދު އަދަދެއް ކަމުގައި ބުނުމަކީ އެންމެ ރަނގަޅު ވާހަކައެއް ނޫން ކަމުގައި ބައެއް މުއައްރިޚުން ދެކިލައްވައެވެ. ނަމަވެސް ސީދާ އަލިފާނުގެ ހާދިސާގެ ތެރޭގައި މަރުވި މީހުންގެ އަދަދު އެޒަމާނާއި، ހާދިސާގެ ބޮޑުމިނާ އަޅާބަލާއިރު މަދުވުމަކީ މުއައްރިޚުން ފާހަގަކުރައްވާ ކަމެކެވެ.
މި ލިއުމާއި ގުޅޭ