އިޓަލީގެ އެންމެ ދުވަސްވީ ގުރެޖުއޭޓަށް އިލްމަކީ އަގުހުރި ޚަޒާނާއެއް

އިބްރާހިމް އާދަމް 31 ޖުލައި 2020 17:23
Flowers
އިޓަލީގެ އެންމެ ދުވަސްވީ ގުރެޖުއޭޓު ގުސިޕޭ ޕެޓާނޯ/ ފޮޓޯ: ރޮއިޓާސް

ޢުމުރުން 96 އަހަރުގައި ޔުނިވަރސިޓީ ތައުލީމު ފުރިހަމަކޮށް ދަސްވެނިވި އިޓަލީގެ އެންމެ ދުވަސްވީ ގުރެޖުއޭޓު ގުސިޕޭ ޕެޓާނޯއަކީ ހަޔާތުގެ ގިނަ ތަޖުރިބާތަކެއް ދެކެފައިވާ މީހެކެވެ. ޅައުމުރުގެ ފަޤީރުކަމާއި، ހަނގުރާމައާއި އަދި ފަހުން ކޮރޯނާވައިރަސް ވަބާ އޭނާ ތަޖުރިބާކުރިއެވެ. އޭނާވަނީ ކާމިޔާބުކަމާއެކު، ޔުނިވަރސިޓީ އިމްތިހާނު ފުރިހަމަކޮށް އިޓަލީގެ އެންމެ ދުވަސްވީ ޔުނިވަރސިޓީ ގުރެޖުއޭޓަށް ވެފައެވެ.

ކުރިން ރެއިލްވޭގައި މަސައްކަތްކުރި ގުސިޕޭ އޭނާގެ ފުރަތަމަ ޑގުރީ ޙާޞިލުކޮށް އިޓަލީގައި ދަސްވެނިވާ ދަރިވަރުންނަށް ދޭ ލައުރެލް ރެތް އެވޯޑު ޙާޞިލުކޮށްފައިވެއެވެ. އޭނާގެ ދަސްވެނިވުމުގެ އުފަލުގައި އާއިލާއާއި ޓީޗަރުންގެ އިތުރަށް އޭނާއަށްވުރެ އުމުރުން 70 އަހަރު ހަނގު އެކުވެރި ދަރިވަރުން ބައިވެރިވިއެވެ. 

އުމުރުން އެހާ ދުވަސްވެފައިވަނިކޮށް ދަސްވެނިވުމާމެދު އޭނާގެ އިހުސާސަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެހެން މީހުންނެކޭ އެއްފަދައިން އޭނާއަކީވެސް ހަމަ އާދައިގެ މީހެއް ކަމުގައެވެ. އުމުރުން ދުވަސްވެފައިވީ ނަމަވެސް ކިޔަވައި ޔުނިވަސިޓީ ތައުލީމު ފުރިހަމަކުރުމާ އުމުރާ ގުޅުމެއް ނެތް ކަމުގައިވެސް އޭނާ ބުންޏެވެ. 

އުމުރުން 90 އަހަރުގައި ގުސެޕޭ ކިޔަވަން ފެށީ ޔުނިވަރސިޓީ އޮފް ޕަލާމޯގައި ތާރީޚާއި ފިލޯސަފީގެ ދާއިރާއިން ފުރަތަމަ ޑިގުރީއަށެވެ. އޭނާއަކީ ފޮތަށް ލޯބިކުރުމާއެކު ބޮޑުވި މީހެކެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ތައުލީމު ޙާޞިލުކުރުމުގެ ފުރުޞަތު އޭނާއަށް ލިބިފައިނުވެއެވެ. 

އޭނާ ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ 2017 ވަނަ އަހަރު ކިޔަވަން ފެށީ މިހާރު އެކަން ނުކުރެވިއްޖެނަމަ، ފަހުން ނުވާނެ ކަމުގައި ޤަބޫލުކުރެވިގެން ކަމުގައެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެފައިވާ ގުސެޕޭ މިހާރު އޭނާގެ އެޕާޓުމެންޓުން ބޭރަށް ނުކުންނަނީ ވަރަށް މަދުންނެވެ. 

ބުދަދުވަހު ގުސެޕޭ ދަސްވެނިވެފައިވަނީ އޭނާގެ ކިލާހުން އެއްވަނަ ޙާޞިލުކޮށް އެންމެ މަތީ ދަރަޖައިގެ ޝަރަފާއެކުއެވެ. ރައި ޔުނިވަސިޓީގެ ޗާންސެލާ ފެބްރިޒިއޯ މިޗާރީގެ ފަރާތްޕުޅުން އޭނާއަށް ތާރީފު ލިބިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު