އުރުދުޣާންގެ ދަރިކަނބަލުންގެ މިވާހަކަފުޅަކީ ދިވެހިންނަށްވެސް ޢިބްރަތެއް!

ޝިފްޒާން އަހްމަދު 13 ޖުލައި 2020 19:21
Flowers
އުރުދުޣާންގެ ދެމަފިރިކަނބަލުންނާއި ދަރިކަނބަލުން ސުމައްޔާ

ތުރުކީގެ ރައީސް ރަޖަބް ޠައްުޔިބު އުރުދުޣާނަކީ މިޒަމާނުގެ އިސްލާމީ ދުނިޔެ ދުށް ވަރަށް ތަފާތު ވަރުގަދަ ޝަޚުޞިއްޔަތެކެވެ. ޢުސްމާނީ ޚިލާފަތު ނިމުމަކަށް ގެނައުމަށްފަހު މުޞްޠަފާ ކަމާލް ބިނާކުރެއްވި ޢަލްމާނީ (ސެކިއުލާ) ތުރުކީ އިސްލާމީ ފިކުރާ ދިމާލަށް ގެންގޮސްދެއްވައި އިދަޖެހިފައި އޮތް ތުރުކީގެ އިޤުތިޞާދު ކޮޅަށް ޖަހައިދެއްވައި، ދުނިޔޭގެ ބާރެއްގެ ގޮތުގައި ތުރުކީ ދުނިޔެ ތެރެއަށް ނެރެދެއްވި ލީޑަރެވެ. އުރުދުޣާންގެ ވިސްނުންފުޅާއި ފިކުރު ވަރަށް ރަނގަޅަށް އުރުދުޣާންގެ ދަރިކަނބަލުން ސުމައްޔާގެ ތަޤުރީރަކުން އެނގެއެވެ. 

ތަޤުރީރުގައި ސުމައްޔާގެ ވާހަކަފުޅު އަމާޒުކުރައްވަނީ އިސްތިޢުމާރާ ގުޅޭ ގޮތުންނެވެ. އެގޮތުން އިސްތިޢުމާރަކީ ޤައުމުތައް އެފުށް މިފުށަށް ޖަހައިލަނިވި ބާރެއް ކަމުގައި ސުމައްޔާ ވިދާޅުވެއެވެ. އެހެން ޤައުމުތަކާ ޚިލާފަށް ތުރުކީގައި އިސްތިޢުމާރުކޮށްފައިވަނީ މަދު ބައެއްގެ ސިކުނޑި ކަމުގައި އޭނާ ވިދާޅުވެއެވެ. ތުރުކީގައި އޭނާ އެޞިފަކުރައްވާ މަދުބަޔަކީ އެޤައުމުގެ ޢަލްމާނީ ނުވަތަ ދީނާއި ދިރިއުޅުން ވަކިކުރާ ފިކުރަށް ތާއީދުކުރާ މީހުންނެވެ.  އެމީހުންން ޤަބޫލުކުރި ގޮތުގައި ތަހުޒީބާއި ތަމައްދުނާއި ޒަމާނީ ޙަޟާރަތެއް ޤާއިމުކުރެވޭނެ ހަމައެކަނި ގޮތަކީ ހުޅަނގު ޔޫރަޕު ފަހަތުން، ހުޅަނގު މީހުން ވަން ކޮންމެ ހޮރަކަށް ވަދެގެންނެވެ. 



ސުމައްޔާ ވިދާޅުވި ގޮތުގައި އިސްވެ ދެންނެވުނު މަދު މީސްކޮޅުގެ މަސައްކަތެއް ކަމުގައި ހެދީ މަތިން ތިރިއަށް ތަންފީޒުކުރާ ސިޔާސަތުތަކެއްގެ އެހީގައި ދީނަށް ލޯބިކުރާ ގިނަ ބައެއްގެ މައްޗަށް އެކުލެވޭ ތުރުކީގެ މުޖުތަމަޢެއް "ޒަމާނީ"ކުރުމެވެ. އަދި މިދެންނެވި މަދު މީހުން ގެންގުޅުނު ޢަލްމާނީ ވިސްނުމަކީ ވަރަށް ހަނި ވިސްނުމެއް ކަމުގައާއި، އެވިސްނުމުގެ ތަރަހައަކީ ދީނާ ގުޅުންހުރި ހުރިހާ ކަމެއް ޖަމާޢީ ދިރިއުޅުމުގެ މައިދާނުން ބޭރުކޮށް އެކަހެރިކުރުން ކަމުގައިވެސް ސުމައްޔާ ވިދާޅުވިއެވެ. 

ހަމައެފަދައިން މިމީހުންނަކީ ހުޅަނގުގެ ހުރިހާ ކަމެއް، ބަލައިގަނެ، އެއާ އެއްގޮތަށް އުޅެ، ހުޅަނގުގެ އުޅުމާއި ގުޅުންތައް ނަކަލުކޮށް އެކަންކަން "ސެލެބްރޭޓު"ކޮށް އިހުތިފާލުކުރުމަކީ އެމީހުންގެ ފިކުރީ މަޒުހަބު ކަމުގައި ހަދައިގެން އުޅޭ ބައެކެވެ.  އެގޮތުން ސަރުކާރުގެ އަނިޔާވެރިކަމަށް ބިރަށް ސުމައްޔާގެ ކާފަ މާމަ ޖީލުގެ މީހުން ކީރިތި ޤުރުއާން އަންދައިލަންޖެހުނު ދުވަސްތައްވެސް ފާއިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދީނަށް ނުހަނު ލޯބިކުރި އޭނާގެ ކާފައާއި މާމައަށް ކީރިތި ޤުރުއާން ކިޔަވަން ނޭނގުނީ އެމީހުންނަށް ޤުރުއާން ކިޔެވުން މަނާކޮށް މުޞްޙަފުތައް އަންދައިލަން މަޖުބޫރުކުރުމުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.  

އަދި އެއަށްވުރެ ވޭންހުރި ކަމަކީ ތުރުކީގެ ރޫޙާނީ ލީޑަރުންނާއި ދީނީ ޢިލްމުވެރިން ގިނަ ޢަދަދަކަށް ދަންޖައްސައި މަރާފައިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަލްމަނީ ވިސްނުމުގެ މިމަދު މީހުންގެ ކުރިމަތީގައި ހުރަހަކަށްވި ވަޒީރުންނާއި ބޮޑުވަޒީރުން ޤަތުލުކޮށް، ބަޣާވަތަކަށްފަހު ބަޣާވާތެއް ގެނެސް، ދީނާ ގާތް ކޮންމެ ސަރުކާރެއް ވައްޓައިލަމުން ދިޔަ ކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަންކަމަކީ ޚިޔާލީ ވާހަކަތަކެއް ކަމުގައިވުމަށް އެދިވަޑައިގެންނެވި ނަމަވެސް މިކަންކަމަކީ ތުރުކީގެ ފަހުގެ މާޒީގައި ހިންގައިިދިޔަ ޙާދިސާތައްކަން ސުމައްޔާ ފާހަގަކުރެއްވީ އެކަމާމެދު ހިތާމަފާޅުކުރައްވަމުންނެވެ. 

އެންމެ ފަހުން ތުރުކީގައި ގެނެވުނު ބަޣާވާތަށްފަހު އެތައް ބައެއް އިސްލާމްދީނަށް ލޯބިކުރާ "ދީނީ" މީހުން ކަމުގައި ބެލިވޭ މީހުން ވަޒީފާތަކުން ވަކިކޮށްފައިވާ ކަމުގައި ސުމައްޔާ ފާހަގަކުރެއްވިއެވެ. އަދި ދީނީ ވިސްނުން ހުރި ކޮންމެ މީހަކީ ތުރުކީގެ ސެކިއުލާ ޢަލްމާނީ ފިކުރަށް ހުރި ނުރައްކަލެއް ކަމުގައި ހަދާ އެފަރާތްތަކަށް އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތް ހެދި ކަން އޭނާ ހަނދާންކޮށްދެއްވިއެވެ. އަދި މަދަނީ ދިރިއުޅުމަށް ބަލާއިރު ދީނަށް ލޯބިކުރާ ދީނުގައި ހިފަހައްޓާ މީހުންނަށް މުޖުތަމަޢުގެ އެއްވެސް ކަމެއްގައި ނޫޅެވޭ މިންވަރަށް ފިއްތުންތައް ކުރިމަތިކުރި ކަމުގައި އޭނާ ވިދާޅުވިއެވެ.  

ސުމައްޔާގެ މިވާހަކަފުޅުގެ އަލީގައި ބައެއް ޙަޤީޤަތްތައް ފާހަގަކޮށްލުން ވަރަށް މުހިއްމެވެ. އެއް ޒަމާނެއްގައި އިސްލާމީ ޙަޟާރަތުގެ މައި މަރުކަޒު ކަމުގައި ހިމެނުނު ތުރުކީ މުޞްޠަފާ ކަމާލުގެ ވެރިކަމުގައި ބަދަލުވީ ސެކިއުލާ ކޯއްޓޭއަކަށެވެ. ބުރުގާއާއި ބަންގި މަނާކުރިއެވެ. ފުރަތަމަ ބަންގީގެ އަޑު ގަދަވާތީ ބަންގީގެ އަޑު މަޑުކުރުވީއެވެ. ކަން ނިމުނީ ބަންގި ތުރުކީ ބަހުން ގޮވުން ލާޒިމުކުރާ ހިސާބުންނެވެ. 

އެތައް ފަހަރެއްގެ މަތިން އިސްލާމްދީނާ ގާތްކުރާ ތަހައްފުޒީ (ކޮންޒަވޭޓިވް) މުސްލިމުންގެ އަޣުލަބިއްޔަތާއެކު އިސްލާމީ ފިކުރާ ގާތްކުރާ ޕާޓީތައް ވެރިކަމަށް އައެވެެ. ކޮންމެ ފަހަރަކުވެސް ޢަސްކަރިއްޔާއިން އެސަރުކާރުތައް އިންޤިލާބުކޮށްލައެވެ. މިހެން ގޮސް ރަޖަބް ޠައްޔިބު އުރުދުޣާން ވެރިކަމަށް ވަޑައިގަތެވެ. 2007 ވަނަ އަހަރު ތުރުކީގައި އަލްމާނީ ފިކުރުގެ މީހުން ބޮޑު މުޒާހަރާއެއް ބޭއްވިއެވެ. ކީއްވެކަން އެނގިލައްވާތޯއެވެ؟ ބުރުގާ ތުރުކުރައްވައިގެން ހުންނެވި އަންހެން ބޭކަނބަލަކާ ކާވެނިކުރައްވައިގެން އުޅުއްވާ ބޭފުޅަކަށް ވެރިކަން ނުކުރެވޭނެ ކަމުގައި ބުނެއެވެ. 

ޤައުމެއްގެ އަޣުލަބިއްޔަތު ދީނަށް ލޯބިކުރުމަކީ ދީނާއި ދިރިއުޅުން ވަކިކުރާ ފިކުރަށް ޖާގަނުލިބޭނެ ކަމެއް ނޫނެވެ.  އެހެންނަމަ ގައިމު ތުރުކީގައި އަލްމާނީ ދައުލަތެއް ނުއުފެދުނީހެވެ. އަޅުގަނޑުމެން ޤައުމުގެ ޙާލަތަށް ބައްލަވާށެވެ. ތަޢުލީމީ މުޤައްރަރުތައް އެކުލަވައިލަނީ އެމްޑީއެން ފިކުރުގެ މީހުންނެވެ. ޖުޑީޝަރީގައި އިސްލާމީ ޝަރީޢަތުގެ ދައުރު އޮތް މިންވަރު އެންމެ މަތީ ކޯޓަށް ބައްލަވައިލެއްވުމުން އެނގިވަޑައިގަންނަވާނެއެވެ. ދީނީ ޢިލްމުވެރިއެއް ބަހެއް ކަމެއްގައި ބަހެއް ބުނެއްޖެނަމަ، ދެންވާ ގޮތަކީވެސް ނުލިޔުނަސް އެންމެނަށް އެނގޭ ކަންކަމެވެ. ފުލުހުންގެ ހުވާގައި އިސްލާމްދީނަށްވުރެ އެހެން ކަމަކަށް އިސްކަން ދިނުމަކީ އެމުއައްސަސާގެ ތެރެއަށް އަލްމާނީ ވިސްނުން ވެއްދުމުގެ ކޮޅުމައްޗެވެ. ބޭނުމަކީ ތުރުކީގައިވެސް ހެދިހެން ދީން އިޖުތިމާޢީ ދިރިއުޅުމުން ފައްސައިލުމެވެ. 

އުރުދުޣާންގެ ދަރިކަނބަލުން ސުމައްޔާ ވިދާޅުވެދެއްވީ ތުރުކީގެ ވާހަކައެވެ. އެއީ އަޅުގަނޑުމެން މިއަދު މިތިބަ ޙާލަތުގައި ޢިބްރަތް ލިބިގަތުމަށް ކަނުލައި އަޑުއެހުން މުހިއްމު ވާހަކައެކެވެ. 

ކިޔުންތެރިންގެ ހިޔާލު
އަޙްމަދް
ދިވެހިންނަށް މުހިއްމު އިބްރަތެއް. އެމްޑީޕީގެ އިސް ސަފުގައިތިބީ ތިޔަ ފިކުރު ރާއްޖޭގައި ފަތުރަން ބޭނުންވާ މީހުން. 2018 އިންތިޚާބު “ކާމިޔާބު” ކުރުމާއެކީ މާލޭގައި ބަންގީގެ އަޑު މަޑުވިކަމީ ވެސް ހަޤީޤަތެއް. މިހާރު އެބަ ވިސްނޭ އެއީ އިއްތިފާޤެއް ނޫންކަން. މާތް ރަސްކަލާނގެ އަޅަމެން މުސްލިމުންނަށް ނަސްރު ދެއްވާށި، އަދި ސިކިއުލާރ ވިސްނުމުގެ މީހުން ސިއްރިއްޔާތުގައި ކުރަންއުޅޭ މަސައްކަތްތައް ބޭޒާރުވެ އެމީހުންގެ މަސައްކަތްތައް ނާކާމިޔާބު ކުރައްވާށި. އާމީން. ވަރަށް ފުރިހަމަ ލިޔުމެއް. ޝުކްރިއްޔާ.
ޖުލައި
އަންނި އަކީ ރާއްޖޭގެ މުސްތަފާ ކަމާލް
އިބުރާހިމް
ވަރައް އިބުރައިތް ތެރި ވާހަކަކޮޅެއް ނަމަވެސް ގައުމުގެ ފޯރާމީހުންނާ ސިޔާސީއިސްވެރިން ދާނައްނުބަލާ އަމިއްލަ ފައިދާއައް މަސައްކަތްކުރުމުގެ ނަތީޖާ މިއަދުމިގައުމުން މިފެންނަނީ.
އމމ
ވަގުތާ ޙާލަތާ ގުޅޭ ލިއުމެއް ކަމުގައި ފެންނަނީ
ޯއޮއްކެ
ޢަލްމާނީ ފިކުރަކީ ކޮބާކަން ނޫސްވެރިޔާއަށް އެގޭތޯ
އަތާތުރުރްކް
ތުރުކީ ތުރުކީއަކަށް ހެދީ މުސްތަފާ. އެއީ މުޅި ތުރުކީ ދަންނަ ކަމެއް. އުރުދުގާންގެ ޑިކްޓޭޓަޝިޕްގެ އެތައް ދައުރެއް ވޭތުވުމުންވެސް އަތާތުރުކަށް ތުރުކީ މީހުންފމގެ ހިތުގައި އޮތް ލޯބި ފަނޑު ނުވި. މީ ހަގީގަތަކީ