ކޮރޯނާ ވައިރަހާ ދެކޮޅު ވެކްސިންގެ އިންސާނީ ތަހުލީލުތައް އިނގިރޭސިވިލާތުގައި ފަށައިފި

ހަޔާ ޔޫސުފް 25 ޖޫން 2020 11:31
Flowers
ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަހުން ދަފަރާކުރާނެ ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ޤައުމުތަކުގައި ކުރެވެމުންދެއެވެ.

ކޮވިޑް-19 ބަލިޖައްސާ ކޮރޯނާ ވައިރަހުން ސަލާމަތްކުރުމަށް ތައްޔާރުކޮށްފައިވާ ވެކްސިނެއްގެ އިންސާނީ ތަހުލީލު މަރުހަލާ އިނގިރޭސިވިލާތުގައި ފަށައިފިއެވެ. 

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި 300 އެއްހައި މީހުންނަށް ވެކްސިން ދެވޭނެ ކަމުގައި، މިތަހުލީލުތައް ކުރިއަށްގެންދާ އިމްޕީރިއަލް ކޮލެޖުގެ ސައެންސްވެރިންގެ ޓީމުގެ އިސް ސައެންސްވެރިޔާ ޕްރޮފެސާ ރޮބިން ޝަޓޮކް ވިދާޅުވިއެވެ. މިވެކްސިން ޖަނަވާރުގައި ޓެސްޓުކޮށްފައިވެއެވެ. ޖަނަވާރުގައި ޓެސްޓުކުރުމުން ލިބުނު ނަތީޖާއަށް ބަލާއިރު މިއީ ރައްކާތެރި ވެކްސިނެއް ކަމުގައާއި މިވެކްސިނުގެ ސަބަބުން ހަށިގަނޑަށް ވައިރަސްއިން ދަފަރާވުމުގެ ބާރު ލިބޭ ކަމުގައި ފެނިފައިވެއެވެ. 

މިޓެސްޓުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ 120 ވެކްސިން ޓެސްޓުތަކުގެ ތެރެއިން އެއް ޓެސްޓެވެ. މިޓެސްޓުގެ ބައިވެރިއެއް ކަމުގައިވާ ޢުމުރުން 39 އަހަރުގެ ކެތީ ބީބީސީއާ ވާހަކަދައްކަމުން ބުނެފައިވަނީ އޭނާއަށް މިކަމުގައި ބައިވެރިވެވުމުން އުފާވެރިކަން ލިބޭ ކަމުގައެވެ. އަދި ކޮރޯނާ ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ހިއްސާވެވޭތީ ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ. 

ފުރަތަމަ މަރުހަލާ، 300 އެއްހައި ދަރުމަވެރިންގެ ބައިވެރިވުމާއެކު ނިންމައިލެވުމުން އޮކްޓޯބަރު މަހުގައި 6،000 މީހުންނާއެކު އިތުރު މަރުހަލާއެއް ފެށިގެންދާނެއެވެ. އިމްޕީރިއަލް ކޮލެޖުގެ ސައެންސްވެރިން އުންމީދުކުރައްވާ ގޮތުގައި މިވެކްސިން 2021 ވަނަ އަހަރުގެ ކުރީ ކޮޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވޭނެއެވެ. 

ޢާންމުކޮށް ވައިރަހާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ބިނާކޮށްފައިވަނީ ވައިރަސްގެ ބަލިކަށިކޮށްފައިވާ ނަކަލެއްގެ މައްޗަށެވެ. ނަމަވެސް އިމްޕީރިއަލް ކޮލެޖުގެ ވެކްސިނަކީ ތަފާތު ވެކްސިނެކެވެ. މިވެކްސިން ބިނާކޮށްފައިވަނީ  ވައިރަސްގެ މަސްނޫއީ ޖީނީ ކޯޑު (ޖެނެޓިކް ކޯޑު)އްގެ މައްޗަށެވެ. އެއަށް ކިޔަނީ އާރްއެންއޭއެވެ. މިމަސްނޫއީ މާއްދާ ވައިރަސްގެ ކަންކަން ނަކަލުކުރެއެވެ. 

މިމާއްދާ އެކުލެވޭ ވެކްސިން ހަށިގަނޑުގެ ތެރެއަށް ދޫކޮށްލުމާއެކު، އެހަށިގަނޑުގެ ތެރޭގައި އަމިއްލައަށް ނަކަލުތައް އުފައްދަން ފަށައެވެ. އެހިސާބުން ހަށިގަނޑުގެ ސެލްތަކަށް އެސެލްތަކުގެ ނަކަލުތަކެއް އުފައްދަން ގޮވައިލައެވެ. މިއުސްލޫބު ބޭނުންކުރުމުން ހަށިގަނޑުގައި ކޮވިޑް-19 ނުއުފައްދައި ކޮވިޑް-19އިން ރައްކާތެރިވުމުގެ ޤާބިލުކަން ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ލިއްބައިދެއެވެ. 

އެޓީމުން ބުނި ގޮތުގައި ވެކްސިނެއްގައި ބޭނުންކުރަނީ މަސްނޫއީ ޖީނީ ކޯޑުގެ ކުޑަ މިންވަރެއްކަމުން ވަރަށް ގިނަ ޢަދަދަކަށް ވެކްސިން އުފެއްދުމުގެ ޤާބިލުކަން އެބަހުރި ކަމުގައެވެ. އެގޮތުން އެއް ލީޓަރުގެ މަސްނޫއީ މާއްދާ ބޭނުންކޮށްގެން 2 މިލިއަން ވެކްސިން ޑޯސް އުފެއްދޭނެ ކަމުގައި އެޓީމުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު