އިސްރާއީލުގެ މޮސާޑުން ޝަހީދުކުރި ބައެއް ޢަރަބި ޢިލްމުވެރިން

ޙުސައިން އަފްޝަން 16 ޖޫން 2020 20:09
Flowers
އިސްރާއީލުން ޝަހީދުކޮށްލި ބައެއް ޢަރަބި ޢިލްމުވެރިން

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ އަޚުލާޤީ އުޞޫލުތަކާ ޚިލާފަށް، ޝަރީއަތްކުރުމަކާ ނުލައި، އިސްރާއީލުން ބޭރުގައި އިސްރާއީލަށް ނުރައްކަލެއް ކަމުގައި ބެލެވޭ ގިނަ ޝަޚުޞިއްޔަތުތަކެއް ޤަތުލުކޮށްފައިވާ އިދާރާއެކެވެ. 

މޮސާޑުން މިގޮތަށް ޢަރަބި ދުނިޔޭގައި ޤަތުލުކުރި ޝަޚުޞިއްޔަތުތަކުގެ ތެރޭގައި ފަލަސްޠީނުގެ ސިޔާސީ ހަރަކާތްތެރިންނާއި މުޖާހިދުންނާއި ޢަރަބި ދުނިޔޭގައި ތިއްބެވި ސައެންސްވެރިން ހިމެނެއެވެ. އެގޮތުން ފަތަޙަ ޖަމާޢަތުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، ޔާސިރު ޢަރަފާތުގެ ޚަލީލުލް ވަޒީރު (އަބޫޖިހާދު) ހިމެނިވަޑައިގަންނަވައެވެ. އަދި މިނޫންވެސް ގިނަ ޝަޚުޞިއްޔަތުތަކެއް ޤަތުލުކޮށްފައިވެއެވެ. ނަމަވެސް އެއިން ގިނަ ފަރާތްތަކެއް ޤަތުލުކުރި ކަމަށް މޮސާޑުން އެއްބަސްވެފައި ނުވެއެވެ. 

މުޙައްމަދު އައްޒަވާރީ 

މުޙައްމަދު އައްޒަވާރީއަކީ އިސްރާއީލުން ޝަހީދުކުރި ޢަރަބި މުސްލިމު ޢިލްމުވެރިންގެ ދިގު ލިސްޓަށް އެންމެ ފަހުން އިތުވި އެއް ނަމެވެ. އޭނާއަކީ ތޫނިސަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިޔެކެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ 1967 ވަނަ އަހަރު އޭނާ އެޝަހަރެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޞަފާޤިސް ކިޔުނު ޝަހަރުގައި 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. 

އައްޒަވާރީއަކީ ފަލަސްޠީނުގެ ޙަރަކަތުލް މުޤާވަމަލް އިސްލާމިއްޔާ (ޙަމާސް)ގެ ޢަސްކަރީ ގޮފިކަމުގައިވާ ކަތާއިބުލް ޤައްސާމްގެ މެންބަރެކެވެ. އޭނާއަކީ 2014 ވަނަ އަހަރު އިސްރާއީލާ ދެކޮޅަށް ޤައްސާމް ބްރިގޭޑްސްއިން ބޭނުންކުރި ޑުރޯނު އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އިންޖިނިއަރެވެ. 

އޭނާ ޝަހީދުކޮށްލާފައިވަނީ މަގުމަތީގައި ދެމީހަކު ބަޑިން ހަމަލާދީގެންނެވެ. 20 ވަރަކަށް ވަޒަން އޭނާގެ ހަށިގަނޑަށް އެރިއެވެ. އޭގެ ތެރެއިން 8 އުންޑަ އަރާފައިވަނީ ބޮލަށާއި މެއަށެވެ. ޑިސެންބަރު 17 ވަނަ ދުވަހު ޙަމާސުން ބުނެފައިވަނީ އެޖަމާޢަތުން ބޭނުންކުރާ އަބާބީލް ޑުރޯން އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވީ އައްޒަވާރީ ކަމުގައެވެ. އަދި އޭނާ ޝަހީދުކޮށްލުމަކީ އިސްރާއީލުގެ މޮސާޑުން ހިންގި ޖަރީމާއެއް ކަމުގައިވެސް އެޖަމާޢަތުން ތުހުމަތުކުރެއެވެ. 

މުޞްޠަފާ މުޝްރިފާ: ޢަރަބި އައިންސްޓައިން 

މުޞްޠަފާ މުޝަރިފާ ދުނިޔޭގެ އަލިކަަން ދެކެވަޑައިގަތީ 1898 ވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހުއެވެ. އޭނާ އުފަންވެވަޑައިގަތީ މިޞްރުގެ ދިމްޔާޠުގެ އަވަށަކަށެވެ. ތުއްޕުޅު ޢުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި އޭނާގެ މުޅި ޢުމުރުގައި ދީނުގެ ޝިޢާރުތަކަށް ރައްކާތެރިވެލެއްވިއެވެ. ނަމާދެއް ނާޅުއްވައި ފުރިހަމައަށް ނަމާދުކުރެއްވުމަށް އިސްކަންދެއްވިއެވެ. 

އެންމެ ފުރަތަމަ މުޞްޠަފާ މުޝްރިފާ ތަޢުލީމު ހާސިލުކުރެއްވީ އޭނާގެ އުފަން އަވަށުންނެވެ. ތުއްޕުޅު އިރުއްސުރެ ޢިލްމީ މާއްދާތަކުގައި އޭނާގެ ޤާބިލުކަން ވަރަށް ބޮޑަށް ފެނިފައިވެއެވެ. އޭނާ މަތީ ތަޢުލީމުގެ ފުރަތަމަ މަރުހަލާ ފުރިހަމަކުރެއްވީ ކިޔަވައިދިނުމުގެ ދާއިރާއިންނެވެ. 

ނަމަވެސް 1920 ވަނަ އަހަރު އިނގިރޭސިވިލާތަށް އޭނާ ކިޔަވާވިދާޅުވުމަށް ވަޑައިގަތެވެ. އަދި އިނގިރޭސިވިލާތުގެ މަޝްހޫރު އިމްޕީރިއަލް ކޮލެޖާ ގުޅިވަޑައިގެން 1923 ވަނަ އަހަރު ސައިންޓިފިކް ފަލްސަފާގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ. އޭނާގެ ސުޕަވައިޒަރެއްގެ ގޮތުގައި ހުންނެވީ ފިޒިކްސްގެ މަޝްހޫރު ޢިލްމުވެރިޔާ ޗާލްސް ތޯމާސް ވިލްސަނެވެ. ޗާލްސަކީ 1927 ވަނަ އަހަރު ނޯބަލް ޕްރައިޒް ފިޒިކްސްގެ ދާއިރާއިން ޙާޞިލުކުރެއްވި ޢިލްމުވެރިއެވެ. 

އަދި އޭގެ ފަހުން 1924 ވަނަ އަހަރު ލަންޑަން ޔުނިވަރސިޓީން ސައެންސްގެ ދާއިރާގެ ޕީއެޗްޑީ ޙާޞިލުކުރެއްވިއެވެ. އޭނާއަކީ ސައެންސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވި ފުރަތަމަ ޢިލްމުވެރިޔާއެކެވެ. 1925 ވަނަ އަހަރު ޤާހިރާ ޔުނިވަރސިޓީ ޤާއިމުކުރެވުމާއެކު އެޔުނިވާސިޓީގެ ޢަމަލީ ހިސާބު ކިޔަވައިދެއްވާ ޕްރޮފެސަރެއްގެ މަޤާމަށް ވަޑައިގެންނެވިއެވެ. އަދި 1936 ވަނަ އަހަރު އެޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައެންސަސްގެ ޑީނުގެ މަޤާމަށް ޢައްޔަންކުރެވުނެވެ. 

މުޞްޠަފާ މުޝްރިފާ ދުނިޔެ ދޫކުރެއްވީ 1950 ވަަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ރަސްމީކޮށް އޭނާ އަވަހާރަވި ސަބަބެއް ކަމުގައި ބުނަނީ ހިތުގެ އެޓޭކެއް ޖެހުމެވެ. ނަމަވެސް އޭނާ އަވަހާރަވި ގޮތާމެދު ވަަރަށް ގިނަ ޝައްކުތައް އުފެދުނެވެ. އެހެންކަމުން އޭނާ އަވަހާރަވީ މޮސާޑުގެ ހަރަކާތެއްގެ ސބަަބުން ކަމަށް ވަަރަށް ގިނަ މީހުން ޤަބޫލުކުރެއެވެ. 

ޔަޙްޔާ އަލްމުޝިއްދު: ޢިރާޤަށް ނިއުކިލިއާ ޕްރޮގުރާމު ގެންދެވި މިޞްރު ޢާލިމް

ޔަޙުޔާ މުޝިއްދަކީ މިޞްރުގެ އިސްކަންދަރިއްޔާ ޔުނިވާސިޓީގެ އިންޖިނިއަރިން ފެކަލްޓީން ދަސްވެނިވެވަޑައިގަތުމަށްފަހު ކޭމްބުރިޖް ޔުނިވާސިޓީއަށް ކިޔަވާވިދާވުމަށް 1956 ވަނަ އަހަރު ވަޑައިގެންނެވި ސައެންސްވެރިއެކެވެ. އެހެންނަމަވެސް ފަހުން މޮސްކޯއަށް ވަޑައިގެން މޮސްކޯގައި ކިޔަވާވިދާޅުވިއެވެ. އޭނާ އަނބުރައި މިޞްރަށް ވަޑައިގަތީ ނިއުކުލިއާ ސައެންސްގެ ޢިލްމު ޙާޞިލުކުރައްވައިގެންނެވެ. 

އޭނާ ފަހުން ނޯވޭއަށް ވަޑައިގެން ނޯވޭގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. ނޯވޭގެ ރައްޔިތުކަން ނެންގެވުމަށް ވަރަށް ގިނަ ފިއްތުންތައް ކުރިމަތިވެވަޑައިގަތުމާއެކުވެސް ނޯވޭ ރައްޔިތުކަން ޤަބޫލުކުރެއްވުމަށް އިންކާރު ކުރެއްވިއެވެ. އެންމެ ފަހުން ނޯވޭ ދޫކުރައްވައި މިޞްރަށް އަނބުރައި ވަޑައިގެންނެވީއެވެ. އެއަށްފަހު ޢިރާޤަށް ވަޑައިގެން ބަޣުދާދުގައި މަސައްކަތް ފެއްޓެވިއެވެ. 

ބަޣުދާދުގައި ޔަޙުޔާގެ މައިގަނޑު މަސައްކަތްޕުޅަކަށްވީ ޢިރާޤުގެ ނިއުކުލިއާ ޕްރޮގުރާމު ފަރުމާކުރެއްވުމާއެކު، ފަރަންސޭސި ވިލާތާ ގުޅިގެން އެޕްރޮގުރާމު ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވެ. ޢިރާޤާއި ފަރަންސޭސިވިލާތް ގުޅިގެން ފެށި ނިއުކުލިއާ ހަކަތައިގެ މަޝްރޫޢުގެ އިސްވެރިޔަކަަށް ވެވަޑައިގެންނެވިއެވެ. 

ޢިރާޤާއި ފަރަންސޭސިވިލާތް ގުޅިގެން ފެށި މަޝްރޫޢުގެ ދަށުން ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ޔަޙުޔާއެވެ. 1980 ވަނަ އަހަރު ފަރަންސޭސިވިލާތުން ޢިރާޤަށް ގެންނަ ޔުރޭނިއަމް ޝިޕްމެންޓެއް ބައްލަވައިލެއްވުމަށް ފަރަންސޭސިވިލާތަށް ވަޑައިގެންނެވިއެވެ. 1980 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ ހުންނެވި ކޮޓަރީގައި ޝަހީދުކޮށްލެވިފައިވަނިކޮށް އޭނާގެ ހަށިގަނޑު ފެނުނެވެ. 

މިއަދާ ހަމައަށް އޭނާގެ ޤަތުލަކީ ޙައްލުނުކުރެވި އޮތް މައްސަލައެކެވެ. ޢިރާޤުން ތުހުމަތުކުރާ ގޮތުގައި އޭނާ ޝަހީދުކޮށްލީ ސީދާ އެމެރިކާއިންނެވެ.

ޖަމާލް ޙަމްދާން: އިސްތިރާޖީ މުފައްކިރު  

ޖަމާލް ޙަމްދާނަކީ މުޅިން ތަފާތު ބާވަތެއްގެ ޢިލްމަށް ޚާއްޞަ ބޭފުޅެކެވެ. އޭނާއަކީ އިސްތިރާޖީ ވިސްނުމާއި ފިކުރު ދިރާސާކުރައްވާ ބޭފުޅެކެވެ. އެގޮތުން 1968 ވަނަ އަހަރު އެއިރު ދުނިޔޭގެ ކަންކަން ހިނގަމުންދިޔަ ގޮތުގެ މައްޗަށް ބިނާކުރައްވައި ސޯވިއެޓު ޔޫނިއަން އުވިގެންދާނެ ކަމުގައި ނިމުތަކުރެއްވިއެވެ. 

ނަމަވެސް އޭނާގެ ޙަޔާތްޕުޅުގައި އެންމެ ތަފާތު މަސައްކަތްޕުޅަކީ އިސްރާއީލުގެ ފިކުރީ އެކުލެވުން ދިރާސާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ހަމައެހެންމެ އެމެރިކާއިން މެދުއިރުމަތީގައި އަދާކުރާ ދައުރާ ގުޅޭ ގޮތުންވެސް ވަރަށް ތަފުޞީލުކޮށް އޭނާ ދިރާސާކުރެއްވިއެވެ. އެގޮތުން އެމެރިކާއަކީ އެޤައުމުގެ ޢަސްކަރިއްޔާ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ ގަދަ ބާރުގެ ގޮތުގައި އޮތުމަށް މަސައްކަތްކުރާ ދައުލަތެއް ކަމުގައި ވިދާޅުވެ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ދިގު ނަޤުދެއް އޭނާ ކިޔުވިއެވެ. 

ޖަމާލުގެ ހަށިކޮޅު ފެނިފައިވަނީ އޭނާގެ ގެކޮޅުގެ ތިރި އެއްކޮށް އަދާހުލިވެފައިވަނިކޮށެވެ. އެތަނުގައި އޭނާގެ ހަށިކޮޅު ފެނުނީ އަދާފައި ވަނިކޮށެވެ. ގިނަ ބަޔަކު އެންމެ ފުރަތަމަ ޤަބޫލުކުރީ އޭނާ އަވަހާރަވީ ގޭގައި ހިނގި އަލިފާނުގެ ޙާދިސާއެއްގެ ސަބަބުން ކަމުގައެވެ. 

ނަމަވެސް އޭނާގެ ޢާއިލާއިންނާއި ގާތް އެކުވެރިން ހާމަކުރި ގޮތުގައި އޭނާ އަވަހާރަވުމުގެ ވަށައިގެން ޝައްކުވަނިވި ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ ލިޔުއްވި ތިން ފޮތެއް ގެއްލިފައިވާ ކަމުގައި މިޞްރުގެ ވާހަކަ ލިޔުންތެރިޔާ ޔޫސުފުލް ޢަޤީދު ވިދާޅުވިއެވެ. ޢަޤީދު ވިދާޅުވި ގޮތުގައި މިފޮތްތަކުގެ ތެރޭގައި ޒަޔަނިސްޓު ހަރަކާތާ ގުޅޭ ތަފުޞީލު ފޮތެއް ހިމެނެއެވެ. 

އަދި އޭނާ ދިރިއުޅުއްވި ގޭގެ މަތީ ފަންގިފިލާ ކުއްޔަށް ހިފައިގެން ބިދޭސީ ދެމަފިރިއެއް ދިރިއުޅުނު ކަމުގައާއި އޭނާ އަވަހާރަވުމާއެކު ވީނުވީއެއް ނޭނގި އެމީހުން ގެއްލުނު ކަމުގައި އޭނާގެ ޢާއިލާއިން ބުނެފައިވެއެވެ. އަދި ޖަމާލު ހަމްދާނުގެ ކައްކާވެސް ކުއްލިއަކަށް ދަތުރެއްގައި ގޮސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގައި ޢާއިލާއިން ފާހަގަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު