ފުރަބަންދުތަކާއެކު ބައިސްކަލު ބޭނުންކުރާ މިންވަރު އިތުރުވެ، ބައިސްކަލު ލިބުމުގައި ދަތިތަކެއް

ހަޔާ ޔޫސުފް 15 ޖޫން 2020 12:45
Flowers
މީހަކު ބައިސްކަލެއް ގަތުމުގެ ކުރިން ބަލައިލަނީ

ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭ ގިނަ ބައެއް މިހާރު ތިބީ ޖިމުތަކަށް ނުދެވިފައެވެ. ޢާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރަން ގިނަ ބައެއް ބިރުގަނެއެވެ. އަދި ގޭގައި ބަންދުވެފައި ތިބުމުގެ ސަބަބުން ޢާއިލާތަކަށް ފޫހިކަން ލިބިފައިވެއެވެ. މިހުރިހާ ކަމަކަށްފަހު، މަޑުމަޑުން މިނިވަންކަން ލިބެން ފެށުމާއެކު ބައިސްކަލަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމުގައި އެސޯސިއޭޓެޑް ޕްރެސްއިން ބުނެފިއެވެ. 

އެމެރިކާގައި ގިނަ ޢަދަދެއްގެ މުދާ ވިއްކާ ތަންތަން ކަމުގައިވާ ވޯލްމާޓު އަދި ޓާގެޓު ފިހާރަތަކުގައި ބައިސްކަލު ބަހައްޓާފައިވާ ސަރަހައްދުތައް މުޅިން އެކީ ހުސްވެފައިވެއެވެ. އަދި އަމިއްލައަށް ބައިސްކަލު ވިއްކާ ފިހާރަތަކަށްވެސް ވިޔަފާރި ޢީދު އައުމާއެކު އަގު ހެޔޮ ޢާއިލީ ބައިސްކަލު ވިއްކުން އިތުރުކޮށްފައިވެއެވެ. 

1970އިން ފެށިގެން އެމެރިކާގައި ބައިސްކަލު ވިއްކާ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ ފާއިތުވި ދެމަސް ތެރޭގައި ކަމަށް އެދާއިރާގެ ކަންކަން ހިނގާ ގޮތް ތަޙުލީލުކުރާ ފަރާތެއް ކަމުގައިވާ ޖޭ ޓައުންލޭ ވިދާޅުވެފައިވެއެވެ. އޭނާ ބުނެފައިވަނީ "މީހުން ޓޮއިލެޓު ޕޭޕަރު ގަތް ގޮތަށް މިހާރު ބައިސްކަލުވެސް އެދަނީ ގަންނަމުން" ކަމުގައެވެ. 

އެމެރިކާއިން ބޭރަށް ބަލާއިރު އާންމުކޮށް ކާރުތަކުގެ ދަތުރުފަތުރަށް މަޝްހޫރު ޝަހަރުތައް ކަމުގައިވާ މަނީލާ އަދި ރޯމް ފަދަ ޝަހަރުތަކުގައި ބައިސްކަލު ދުއްވުން ވަނީ އިތުރުވެފައެވެ. އަދި ލަންޑަނުގެ ބައެއް ސަރަހައްދުތަކަށް ކާރު ވަނުން މަނާކުރުމާއެކު ބައިސްކަލަށް އޮންނަ ޑިމާންޑު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. 

މީގެ ކުރިއާ އަޅާބަލާއިރު ބައިސްކަލަށް އޮތް ޑިމާން މިވަގުތު ވަރަށް ބޮޑު ކަމުގައި ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބައިސްކަލު ފިހާރަ ހިންގާ މީހުން އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތުދެމުން ބުނެފައިވެއެވެ. އަދި އިޓަލީގައި ސަރުކާރުން ތަޢާރަފުކުރި ލޮކްޑައުނަށްފަހު ދޭ ސްޓިމިއުލަސްގައި ބައިސްކަލުގެ އަގުން ގާތްގަނޑަކަށް 60% އާ ހަމައަށް އުނިކުރަން ހިމަނާފައިވެއެވެ.

ނަމަވެސް މިކަމުގެ ސަބަބުން ބައިސްކަލު ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. އަދި ޗައިނާގެ ބާޒާރުގައި ތަކެތި އުފެއްދުން މަޑުޖެހިފައިވުމުގެ ސަބަބުން ބައިސްކަލު ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދޭ މިންވަރުވެސްވަނީ ކުރިއަށްވުރެ ދަށްވެފައެވެ. އެމެރިކާއިން ގެންނަ ބައިސްކަލުގެ 90% އަކީ ޗައިނާއިން އެތެރެކުރާ ބައިސްކަލެވެ. 

ކިޔުންތެރިންގެ ހިޔާލު