ޓުރަމްޕުގެ ލިޔުއްވުންތަކާމެދު ފިޔަވަޅު ނާޅާތީ ޝަކުވާކުރި މުވައްޒަފެއް ފޭސްބުކުން ވަކިކޮށްފި

ޙުސައިން އަފްޝަން 13 ޖޫން 2020 12:20
Flowers

އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ފޭސްބުކު މެދުވެރިކުރައްވައި ލިޔުއްވާ ބައެއް ލިޔުއްވުންތަކާމެދު ފިޔަވަޅު ނޭޅުމަށް ފޭސްބުކުގެ ސީއީއޯ މާކް ޒަކާބާގް ނިންމެވުމާ ގުޅިގެން އެކަމަށް ފާޑުކީ މުވައްޒަފެއް ވަޒީފާއިން ވަކިކުރުމަށް އެކުންފުނިން ނިންމައިފިއެވެ. 

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކުންފުނީގައި އޭނާއާއެކު މަސައްކަތްކުރާ އެހެން މީހަކު ޓެގުކޮށް އޭނާ އެކަމުގައި ހަނުހުންނާތީ ފާޑުކިޔުމާ ގުޅިގެން ކަމަށް ފޭސްބުކުން ބުނެފައިވެއެވެ. ފޭސްބުކުގެ އިންޓަރފޭސް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ބްރަންޑަން ޑައިލް ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ "ބްލެކް ލައިވްސް މެޓާ" ހަރަކާތަށް ތާއީދުކޮށް ބަޔާނެއް ނެރުމަށް ދެކޮޅު ހެދި މަސައްކަތު އެކުވެރިއަކަށް ފާޑުކިޔުމާ ގުޅިގެން ކަމުގައެވެ. 

ހުކުރު ދުވަހު ޑެއިލް ލިޔުނު ގޮތުގައި އެގޮތަށް މަސައްކަތު އެކުވެރިއަކަށް ޢާންމުކޮށް ފާޑުކިޔުމަކީ ފޭސްބުކުގެ މަސައްކަތު މާހައުލުގައި އިހުތިރާމް ދެމެހެއްޓުމުގެ ސިޔާސަތާ ފުށުއަރާ ކަމަކަށްވުމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމުގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ އަނިޔާވެރިކޮށް ބޭއިންސާފުން ކަމުގައި ނުބުނާނެ ކަމުގައިވެސް އޭނާ ބުންޏެވެ. 

ޑައިލް އޭނާގެ މަސައްކަތު އެކުވެރިޔާއަށް ތުހުމަތުކޮށް ޓުވީޓުކުރީ މަސައްކަތު މޭޒުތައް ދޫކޮށް ޒަކާބާގުގެ ނިންމުމަކާ ގުޅިގެން ނުރުހުން ފާޅުކޮށް އެތައް މުވައްޒަފުންނެއް ޓުވީޓުކުރިތާ 1 ދުވަސް ފަހުންނެވެ. ޒަކާބާގު ނިންމެވީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ނަސްލީ އިމްތިޔާޒާ ދެކޮޅަށް އިހުތިޖާޖުކުރާ މުޒާހަރާވެރިންނާމެދު ޓުރަމްޕު ވިދާޅުވާ ބަސްފުޅުތައް ވަންހަނާކޮށް އެއާމެދު ފިޔަވަޅު ނޭޅުމަށެވެ. 

ގަސްތުގައި ބަޔާނެއް ނުނެރުމަކީވެސް ސިޔާސީ ނިންމުމެއް ކަމުގައި ބުނެ ޑައިލްވަނީ ޖޫން މަހުގެ 3 ވަނަ ދުވަހު އޭނާގެ މަސައްކަތު އެކުވެރިޔާއަށް ފާޑުކިޔާފައެވެ. ހުކުރު ދުވަހު ޑައިލް ބުނީ އޭނާ އަދިވެސް ޤަބޫލުކުރާ ގޮތުގައި އޭނާ އެދުވަހު ބުނީ ރަނގަޅު ވާހަކައެއް ކަމުގައެވެ. 

ފޭސްބުކުގެ ސީއީއޯ މައިކް ޒަކާބާގް ނިންމެވީ ޓުރަމްޕު ވިދާޅުވި ވާހަކަފުޅަކީ އަނިޔާވެރި ކުޝޫނަތްތެރި ޢަމަލުތަކަށް ގޮވައިލުމުގެ ވާހަކައެއް ކަމުގައި ފޭސްބުކުގެ މިންގަނޑުތަކުން ބަލައިނުގަނެވޭނެ ކަމަށް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު