Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އެނގޭތަ: ކުށެއްނުކުރާ ދިވެހި ދެއަންހެނަކު 3 އަހަރުދުވަސް އިންޑިޔާ ޖަލުގައި ހޭދަކުރިކަން؟

އިންޑިޔާގެ ޖަލުތަކަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފެންވަރު ދެރަ ޖަލުތަކުގެ ތެރޭގައި ގުނައިލެވޭ ޖަލުތަކެކެވެ. އިންޑިޔާގެ ޖަލުތަކަކީ އެޖަލުތަކުގައި ތިބޭ ޤައިދީންނާމެދު ލާއިންސާނީ ޢަމަލުތައް ހިންގާ ކަމުގެ ތުހުމަތުކުރެވޭ ޖަލުތަކެކެވެ. ދިވެހި ދެއަންހަނަކަށް 3 އަހަރުދުވަސް އެފަދަ ޖަލުތަކެއްގައި ހިތްދަތިކަމާއި ކެކުޅުމުގައި ހޭދަކުރަން ޖެހުނެވެ. އެއީ މަޝްހޫރު ފިލްމީ ބަތަލާ ފައުޒިއްޔާއާއި އޭނާގެ އެކުވެރިޔާ މަރިޔަމް ރަޝީދާއެވެ.
1994ވަނަ އަހަރު އޭނާގެ ހަނގު ދަރިފުޅު އިންޑިޔާގެ ސުކޫލަކަށް ވެއްދުމުގެ ނިޔަތުގައި އެޤައުމަށް ދިޔަ ފައުޒިއްޔާ، އެޤައުމުގެ ފުލުހުން ހައްޔަރުކޮށްފައިވަނީ އެއަހަރުގެ ނޮވެންބަރު މަހުގެ 13ވަނަ ދުވަހުގައެވެ. ޖާސޫސީ ވިއުގައަކާ ގުޅިގެން އިންޑިޔާއާ ދެކޮޅަށް ޕާކިސްތާނުގެ އެދުމަށް ޖާސޫސުކުރުމުގެ ތުހުމަތުގައި ފައުޒިއްޔާއާއި މަރިޔަމް ހައްޔަރުކޮށް، އިންޑިޔާގެ ޖަލުތަކުގައި އެދެމީހުންނަށް ވަރަށް އިހާނެތި އަނިޔާތަކެއް ދީފައިވާކަން ފައުޒިއްޔާ ހިއްސާކޮށްފައިވެއެވެ. 2000ގެ އަހަރުތަކުގައި ބައެއް މަޖައްލާތަކުގައި ސިލްސިލާ ގޮތެއްގައި ފައުޒިއްޔާ ޖަލަށް ގެންދެވުނު ގޮތާއި ޖަލުގައި އޭނާއާއި މަރިޔަމަށް ކުރިމަތިލާންޖެހުނު ކަންކަން ތަފުޞީލުކޮށް ބަޔާންކޮށް ލިޔެފައިވެއެވެ.
ފައުޒިއްޔާ ބުނެފައިވަނީ އޭނާ އަދި މަރިޔަމާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަށް އެމީހުން އެއްބަސްކުރުވާފައިވަނީ ބިރުދައްކައިގެން ކަމުގައެވެ. ޝަރީޢަތެއް ކުރުމެއް ނެތި ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ޤައުމެއްގެ ޖަލުގައި 3 އަހަރުދުވަސް ހޭދަކުރަން ޖެހުމަކީ ފައުޒިއްޔާގެ ޙަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަން ކަމުގައި، 2017ވަނަ އަހަރު އޭނާ ވީނިއުސަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.
ފައުޒިއްޔާއާއި މަރިޔަމް އިންޑިޔާގެ ޖަލުތަކުގައި 3 އަހަރު ހޭދަކުރަން ޖެހުނުއިރު، އެމީހުންގެ ދިފާޢުގައި ދިވެހި ސަރުކާރަށް ކަމެއް ކުރެވިފައި ނެތްކަން ފައުޒިއްޔާ ފާހަގަކޮށްފައިވެއެވެ. ފައުޒިއްޔާގެ ބަސްދީގަތުމުގައި ބުނެފައިވަނީ އެއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަރިހުން، އޭނާގެ ޙާލަތާމެދު އެހީތެރިވެވަޑައިގަތުމަށް އެދި ދެންނެވުމުން ޖަވާބު ސިޓީގައި ވިދާޅުވެފައިވަނީ "ކަމަކީ ދާޚިލީ ކަމެއް ކަމުގައި، އަދި އެތަނެއްގައި ހިނގާ ކަމެއް ނިންމާނީ އެތަނަކުން" ކަމުގައެވެ. އެއިރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ.
މި ލިއުމާއި ގުޅޭ