Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ފުރަބަންދުތަކުގެ ސަބަބުން ބަލި ފެތުރުން މަދުވެ ވެކްސިން ޓެސްޓުކުރަން ދަތިވެދާނެ: ސައެންސްވެރިން

ދުނިޔޭގެ އެކި ޤައުމުތަކުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާއެކު ކޮރޯނާ ވައިރަސް އަދި އެވައިރަހުން ޖެހޭ ކޮވިޑް-19 ބަލި ފެތުރުން މަދުވުމާއެކު ވެކްސިން ޓެސްޓުކުރުމަށް ދަތިވެދާނެ ކަމުގައި އެމެރިކާއާއި ވިލާތުގެ ސައެންސްވެރިން ބުނެފިއެވެ.
ރޮއިޓާސް ނޫހުން ރިޕޯޓުކުރި ގޮތުގައި ވިލާތުގެ ޤައުމުތަކާއި އެމެރިކާގައިވެސް ކޮރޯނާ ވައިރަސް ފެތުރުން އިޖުތިމާޢީ ގައިދުރުކުރުމާއި، ފުރަބަންދުގެ ސަބަބުން ހަންމަތަވެފައިވުމުގެ ސަބަބުން، ސައެންސްވެރިންނަށް ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތް އެހެން ޤައުމުތަކުގައި ކުރަން މަޖުބޫރުވާނެއެވެ. އެގޮތުން އެފުރިކާއާއި ދެކުނު އެމެރިކާގައި ހަލުއިކޮށް ކޮރޯނާ ވައިރަސް ފެތުރޭ ތަންތަނަކީ ވެކްސިން ޓެސްޓުުރަން ޖެހޭ ތަންތަނަށްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސައެންސްވެރިން ބުނެފައިވެއެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓޫޓްސް އޮފް ހެލްތުގެ ޑިރެކްޓާ ފްރޭންސިސް ކޮލިންސް ރޮއިޓާސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މިހާރު އަޅާފައިވާ ޢާންމު ޞިއްހަތުގެ ފިޔަވަޅުތައް ކާމިޔާބުވެއްޖެނަމަ، ވައިރަސް ގަދައަށް ފެތުރޭ ތަންތަނުގައި ވައިރަސް ފެތުރުން ހުއްޓުވައި މަދުކުރުވުމުން، ވެކްސިން ޓެސްޓުކޮށް އޭގެ ނަތީޖާ މިންކުރަން މަސައްކަތްކުރުން ކުރިއަށްވުރެ މާބޮޑަށް ދަތިވާނެއެވެ.
މިހާތަނަށް 370،000 މީހުންނަށްވުރެ ގިނަ މީހުން މިބަލީގެ ސަބަބުން މަރުވެފައިވާ ވަބާއީ ބަލިމަޑުކަން އެކީގައި ހަންމަތަކުރުމަށް ވެކްސިނަކީ ކޮންމެހެންވެސް ބޭނުން އާލަތެކެވެ. މިހާތަނަށް 6 މިލިއަން މީހުންނަށް މިބަލި ޖެހިފައިވެއެވެ. ހުއްޓިފައިވާ އިޤުތިޞާދުތައް ހުޅުވައިލުމަށް ގިނަ ޤައުމަތަކެއްގެ ލީޑަރުން މިހާރު ތައްޔާރުވެވަޑައިގަންނަވަނީ ފުރަބަންދުތައް ނިންމަވައިލެއްވުމަށެވެ.
ސައެންސްވެރިން ވިދާޅުވާ ގޮތުގައި އައު ބައްޔެއް ފެތުރެމުންދަނިކޮށް އެބައްޔާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިނެއްގެ ޓެސްޓު ހަލުއިކޮށް ކުރިއަށް ގެންދިއުމަކީ ވަރަށް އުދަގޫ އަދި އެހާމެ ބޮޑު މަސައްކަތެކެވެ. އިތުރުވަމުންދާ ވަބާއެއްގެ ތެރޭގައި ވެކްސިން މަސައްކަތްކުރާ ކަން ސާބިތުކުރުމަކީ އަދި އެއަށްވުރެ މާ އުދަގޫ ކަމެއް ކަމުގައިވެސް އެފަރާތްތަކުން ފާހަގަކުރެއެވެ. ހަމައެހެންމެ ބަލިން ސަލާމަތްވެ، ބަލި ހަންމަތަވަމުންދާ ދަނޑިވަޅެއްގައިވެސް ވެކްސިން މަސައްކަތްކުރާކަން ސާބިތުކުރުން އުދަގޫވާނެ ކަމަށް ސައެންސްވެރިން ވިދާޅުވެއެވެ.
ވެކްސިން ޓެސްޓުކުރާ ގޮތަކީ ބަލި ފެތުރެމުންދާ މުޖުތަމަޢެއްގައި ގިނަ ބައަކަށް ވެކްސިން ދިނުމާއެކު، ވެކްސިން ނުދޭ މީހުންނާއި ވެކްސިން ދިން މީހުންގެ މެދުގައި ބަލި ފެތުރޭ މިންވަރު އަޅައި ކިޔުމެވެ. ވެކްސިން ޖަހާފައިވާ މީހުންގެ މެދުގައި ބަލި ފެތުރޭ މިންވަރު ވެކްސިން ނުޖަހާ ތިބި މީހުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރަަށްވުރެ މަދުނަމަ، އެއީ ވެކްސިންގެ ކާމިޔާބީގެ ޢަލާމާތެކެވެ.
އެހެންކަމުން ވިލާތުގެ ގިނަ ޤައުމުތަކާއި އެމެރިކާއާއި ޔޫރަޕުގައި ކޮރޯނާ ވައިރަސް ފެތުރުން ވަރަށް ބޮޑަށް ހަންމަތަވެ، ބަލި ފެތުރުމުގެ ކުންނު ފަހަނައަޅާފައިވުމާއެކު، މިހަރު ސައެންސްވެރިންނަށް ހޯދަންޖެހިފައިވަނީ ހަލުއިކޮށް ބަލި ފެތުރެމުންދާ ޤައުމުތަކާއި އާބާދީތަކެވެ. އަދި އެއާބާދީތަކުން މިފަދަ ތަޙުލީލެއްގައި ބައިވެރިވާނެ ދަރުމަވެރިންނެވެ.
މި ލިއުމާއި ގުޅޭ