Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އެންމެ 14 އަހަރުގެ ކުއްޖަކަށް އެމެރިކާގައި މަރުގެ އަދަބު ދިންކަން އެނގޭތަ؟

އެމެރިކާ އަކީ ޒަމާނުއްސުރެ އެ ޤައުމުގައި ދިރިއުޅޭ ކަޅު ނަސްލުގެ މީހުންނާއި މެދު ބޮޑެތި ތަފާތުތައް ގެންގުޅެމުން އަންނަ ޤައުމެކެވެ. ދޮން މީހުންނާއި އެއްހަމައެއްގައި އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާއި އެހެނިހެން ނަސްލުގެ މީހުންނަށް ބައެއް އަސާސީ ހިދުމަތްތަށް ލިބެން ފެށީ ވަރަށް ފަހުންނެވެ.
އަދި މިހާރުވެސް އަދުލު އިންސާފު ހޯދުމުގައިވެސް ހަމުގެ ކުލަ ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. އެމެރިކާގެ ޖަލުތަކުގެ އާބާދީގެ 40 އިންސައްތަ އަކީ ކަޅު ނަސްލުގެ މީހުންނެވެ. ނަމަވެސް އެމެރިކާގެ އާބާދީގައި ކަޅު ނަސްލުގެ މީހުންނަކީ އެންމެ 12 އިންސައްތައެވެ. މިގޮތަށް މިހެން ދިމާވެފައިވަނީ ވެސް އަދިވެސް އަދުލު އިންސާފުގެ ނިޒާމުގައި ކަޅު ނަސްލުގެ މީހުންނާއި މެދު ބޭ އިންސާފުން ކަންތައް ކުރެވެމުންދާތީ ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.
ކަޅު ނަސްލުގެ މީހަކާ ދެކޮޅަށް އެމެރިކާގައި ކުރެވުނު އެންމެ ބޭ އިންސާފު އެއް އަމަލަކީ އުމުރުން އެންމެ 14 އަހަރުގެ ކަޅު ނަސްލުގެ ފިރިހެން ކުއްޖަކަށް މަރުގެ އަދަބު ދިނުމެވެ. ޖޯޖް ސްޓިނޭ އަކީ 20 ވަނަ ގަރުނުގައި އެމެރިކާގައި މަރުގެ އަދަބު ދެވުނު އެންމެ ހަގު ކުއްޖާއެވެ. އޭނާ މަރާލެވުނީ ކަރަންޓު ޖެހޭ ކަހަލަ ގޮނޑިއެއްގައި ބައިންދައިގެން ހައި ވޮލްޓޭޖު ކަރަންޓު ދީގެންނެވެ.
ޖޯޖު މަރާލީ ދޮން ނަސްލުގެ 2 އަންހެން ކުދިން މަރާލި ކަމަށް ތުހުމަތުކޮށްފައެވެ. މިގޮތުން ޖޯޖަށް މަރުގެ ހުކުމް އިއްވުމުގެ 3 މަސް ކުރިން، ޖޯޖް އާއި އޭނާގެ ދައްތަ ކުޅެން ތިއްބާ 2 އަންހެން ކުދިން އައި ކަމަށްވެއެވެ. އަދި އެ ކުދިން އެދުނީ މާ ލިބޭނެ ތަނެއް ބުނެދިނުމަށެވެ. އޭގެ ގަޑި އިރުތަކެއް ފަހުން އެ ދެ އަންހެން ކުދިން ނުފެނިގެން ހޯދަން ފެށުނެވެ. އަދި އެ ކުދިން ހޯދުމުގެ މަސައްކަތުގައި ޖޯޖްވެސް ބައިވެރިވިއެވެ. މީހުން ހޯދަން އުޅުމުގެ ތެރޭގައި ޖޯޖް ވަނީ އޭނާ އަށް އެ ދެކުދިން ކުރިން ފެނުނު ކަމަށް ބުނެފައެވެ. އޭގެ ފަހު ދުވަހު އެ ދެ އަންހެން ކުދިން ވަޅުގަނޑެއްގެ ތެރޭގައި މަރާލާފައި ތިއްބާ ފެނުނެވެ.
އެއާއި އެކު އެ ދެ ކުދިންގެ މަރުގެ މައްސަލާގައި ޖޯޖު ހައްޔަރު ކުރެވުނެވެ. އަދި އެތައް ގަޑި އިރެއްވަންދެން ތަހުގީގަށް ސުވާލު ކުރެވުނެވެ. އަދި އޭނާ އެކަމަށް އެއްބަސްވިކަމަށް ފުލުހުންގެ އިސްވެރިޔާ ބުންޏެވެ. ތަހުގީގު ކުރިއަށް ގެންދެވުނީ ވަކީލަކާއި ނުލައެވެ. އަދި ޖޯޖްގެ ބެލެނިވެރިންގެ ވެސް ޣައިރު ހާޒިރުގައެވެ.
ޖޯޖްގެ ޝަރީއަތް ކުރިއަށް ގެންދެވުނީ އޭނާ އެކަނި ބައިންދައިގެންނެވެ. އަދި ކަޅު ނަސްލުގެ އެއްވެސް މީހަކަށް ކޯޓަށް ވަނުމުގެ ހުއްދަ ކޯޓުން ނުދެއެވެ. ޖޯޖް އާއި ދެކޮޅަށް ހުށަހެޅި ހަމައެކަނި އޭނާ އިއުތިރާފުވިކަމަށް ބުނެ ފުލުހުން ހުށަހެޅި ބަޔާނެކެވެ. އެ ބަޔާނުގެ މައްޗަށް ބިނާކޮށް ޖޯޖް އެކަން ކުރި ކަމަށް ނިންމައި މަރުގެ ހުކުމް ކުރެވުނެވެ. ޖޯޖް މަރާލެވުނީ 16 ޖޫން 1966 ގައެވެ.
އޭގެ އަހަރުތަކެއް ފަހުން، ޖޯޖްގެ އާއިލާ އާއި މަދަނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ޖޯޖްގެ މައްސަލަ އަލުން ބަލަން އެދިފައެވެ. މިގޮތުން 2014 ވަނަ އަހަރު އެމެރިކާގެ ސައުތު ކެރޮލިނާ ސްޓޭޓްގެ ފަނޑިޔާރަކު ވަނީ އަޑު އެހުމެއް ބާއްވާފައެވެ. އެ އަޑު އެހުމުގައި ޖޯޖް އަކީ މައުސޫމެއް ކަމަށް ކަނޑައަޅާފައި ނުވިނަމަވެސް، ޖޯޖް ގެ މައްޗަށް ހުކުމް އިއްވުނީ އިޖުރާތުތަކާއި ހިލާފަށް ކަމަށް ނިންމުނެވެ. އަދި އެއީ ބޮޑު ބޭ އިންސާފެއް ކަމަށް އެ ފަނޑިޔާރު ބުންޏެވެ.
މި ލިއުމާއި ގުޅޭ