Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޝޫލީ ޔުކްސެލް ޝެންލާރ: ބުރުގާ އެޅުމުގެ ސަބަބުން ޖަލަށް ދާން ޖެހުނު ނޫސްވެރިޔާ!

އުސްމާނީ ހިލާފަތުގެ ވެރިކަން ނިމުމާއި އެކު ތުރުކީގެ ވެރިކަމާއި ހަވާލުވީ މުސްތަފާ ކަމާލެވެ. އެއީ ތުރުކީ ސެކިއުލަރ (ދީނާއި ދައުލަތް) ވަކި ކުރި ފަރާތެވެ. މުސްތަފާ ކަމާލުގެ ވެރިކަމުގައި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ޤާނޫނު އަސާސީގައި ލިޔެފައި އޮތްތަން އުނި ކުރެވުނެވެ.
އަދި އިސްލާމް ދީނަށް އުޅުމަށް ތުރުކީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަނާކުރެވުނެވެ. ސްކޫލްތަކަށް ދާން ބޭނުން ނަމަ އަންހެނުން ޖެހެނީ ބުރުގާ ނަގާލާށެވެ. މިސްކިތްތަކުން ބަންގި ގޮވުން މަނާކުރެވުނެވެ. ސަރުކާރުން ހަރަދުކޮށްގެން ދީން އުނގަންނައިދިނުން ހުއްޓާލިއެވެ. މިހެން ގޮސް މިފަދަ އެތައް ކަމެކެވެ.
ޝޫލީ ޔުކްސެލް ޝެންލާރ އަކީ ތުރުކީގައި ބުރުގާ އެޅުން މުޅިންހެން ހުއްޓިފައި އޮތްވާ އަލުން ބުރުގާ އަޅަން ހިތްވަރުދީ، އެކަން އާންމު ކުރުމުގައި އިސް ދައުރެއް އަދާކުރި މީހެކެވެ. ޝޫލީ އުފަންވީ 1938 ވަނަ އަހަރުގައެވެ. އެއީ މުސްތަފާ ކަމާލް މަރުވި އަހަރުވެސްމެއެވެ.
ޝޫލީގެ އާއިލާއަކީވެސް އޭރު ތުރުކީގެ ގިނަ އާއިލާތައް ފަދައިން ސެކިއުލަރ ދިރިއުޅެއް އުޅެމުންދިޔަ އާއިލާއެކެވެ. އޭގެ މާނަ އަކީ، ނަމުން މުސްލިމް ނަމަވެސް އަމަލުން އެއްވެސް ވަރަކަށް އިސްލާމްދީނަށް އަމަލު ނުކުރާ އާއިލާއެކެވެ. މިގޮތުން ނަމާދު ކުރުން، ރޯދަ ހިފުން ފަދަ ކަންކަމެއް ނުކުރެއެވެ. އެއާއިލާއިން އިސްލާމް ދީނަށް އަމަލު ކުރަމުން ދިޔައީ ޝުލީގެ ބޭބެ އެކަންޏެވެ. ޝޫލީގެ ބޭބެ އޯޒަރް އެވެ. އޯޒަރަކީ އެދުވަސްވަރު ތުރުކީގައި އިސްލާމްދީން ކުރިއަރުވަން މަސައްކަތް ކުރަމުންދިޔަ ދީނީ އިލްމުވެރިޔެއް ކަމަށްވާ ސައިދު ނުސްރީ އަށް ތަބާވާ މީހެކެވެ.
ބޮޑުވަމުން އައިރު، ބުރުގާ އެޅުމަކަށް ނޫނީ ދީނުގެ އެހެން ކަމަކަށް ޝޫލީ ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އުމުރުން 20 އަހަރުގައި ނުސްރީއަށް ތަބާވާ މީހުން ބާއްވަމުން ދިޔަ އެކިއެކި ބައްދަލުވުންތަކަށް ޝޫލީ ދާންފެށިއެވެ. އޭރުވެސް ޝޫލީ ބުރުގާ ނާޅާއެވެ. އެކަމާއި ސުވާލު ކުރުމުން ޝޫލީ ވަނީ އެގޮތަށް އޭނާ ޤަބޫލު ނުކުރާނަމަ ދެން އެ ބައްދަލުވުންތަކަށް ނާންނާނެ ކަމަށްބުނެފައެވެ. އެ ބައްދަލުވުންތަކަށް ދަމުން މަޑުމަޑުން ޝޫލީ އިސްލާމް ދީން ދަސްކުރަން ފެށިއެވެ. އަދި 1965 ވަނަ އަހަރުގައި، އުމުރުން 27 އަހަރުގައި، ޝޫލީ ބުރުގާ އަޅައި، ނަމާދު ކުރަން ފެށިއެވެ.
އެއާއި އެކު ޝޫލީ ވީ، ތުރުކީ ވިލާތުގައި އެންމެ ފުރަތަމަ ބުރުގާ އެޅި ނޫސްވެރިޔާއަށެވެ. އަދި ޝޫލީ އޭނާގެ ލިޔުންތަކުގައި ބުރުގާ އެޅުމާއި އިސްލާމްދީނާއި ގުޅޭ ވާހަކަތައް ގެންނަން ފެށިއެވެ. 1967 ވަނަ އަހަރު، ޝޫލީގެ ލިޔުމެއްގައި މުސްލިމު އަންހެނުން ބުރުގާ އަޅަން ޖެހޭނެ ކަމަށް ލިޔުމުން، ތުރުކީ ގެ އަންހެނުންގެ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ވަނީ ޝޫލީ އާއި ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައެވެ.
1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި ޝޫލީ ތުރުކީގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އިސްލާމްދީނުގެ ދައުވަތުދީ ހެދިއެވެ. އަދި ޝޫލީގެ ބަސް ޤަބޫލުކޮށް ވަރަށް ގިނަ ބަޔަކު ބުރުގާވެސް އެޅިއެވެ. އޭރުވެސް ތުރުކީގައި ވެރިކަން ކުރަމުން ދިޔައީ ވަރަށް ސެކިއުލަރ ސަރުކާރެކެވެ. މިގޮތުން އޭރުގެ ތުރުކީގެ ރައީސަކަށް ހުރި ޖެވްދެތު ސުނޭ ވަނީ، ބުރުގާ އަޅާ އަންހެނުން ގިނަވުމުގެ ފަހަތުގައި ތިބި މީހުންނަށް އަދަބު ލިބޭނެކަމަށް ބުނެފައެވެ.
އެކަމާއި ގުޅިގެން ޝޫލީ ވަނީ ރައީސް ސުނޭއަށް ސިޓީއެއް ލިޔެފައެވެ. އަދި އެކަމަށްޓަކައި ތުރުކީގެ ރައްޔިތުންގެ ކިބައިން އަދި ﷲ ގެ ހަޟްރަތުން މާފަށް އެދެން ޖެހޭނެ ކަމަށް ބުންޏެވެ. އެ ސިޓީއާއި ގުޅިގެން ޝޫލީ ހައްޔަރު ކުރުމަށް އަމުރެއް ނެރުނެވެ.
ހައްޔަރު ކުރަން އަމުރު ނެރުމުން ޝޫލީ އުޅެން ޖެހުނީ ފިލައިގެންނެވެ. ނަމަވެސް އެގޮތަށް އުޅުމުގެ ތެރޭގައި ޓީބީ ޖެހުމުން، އެހެން ގޮތެއް ނެތިގެން ފުލުހުންނާއި ހަވާލުވިއެވެ. އަދި ޝޫލީ އަށް 9 މަހުގެ ޖަލު ހުކުމެއް ކޮށް އޭނާ ޖަލަށް ލެވުނެވެ. ތުރުކީގެ ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ތުރުކީގެ ރައީސް ސުނޭ ވަނީ 2 މަސް ފަހުން ޝޫލޭ އަށް މާފު ދީފައެވެ. ނަމަވެސް، ޝޫލޭ ވަނީ ޖަލުން ނިކުންނަން ދެކޮޅު ހަދާ، ޖަލު ހުކުމް އެއްކޮށް ތަންފީޒުކޮށްފައެވެ.
އަދި ޖަލުން މިނިވަންވުމަށްފަހު ވެސް އެތައް އަހަރެއްވަންދެން ފޮތްތަކާއި ލިޔުންތައް ލިޔުމުގައި އުޅުނެވެ. ޝޫލީ ނިޔާވީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުގައެވެ. ނިޔާވި އިރު އުމުރަކީ 81 އަހަރެވެ. ތުރުކީގައި ބުރުގާ އެޅުން އާންމު ކުރުމުގެ އިސް ދައުރެއް ޝޫލީ އަދާކުރިއެވެ.
މި ލިއުމާއި ގުޅޭ